ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ އުނދަގޫތަކެއްވި ނަމަވެސް، އޭގެ ސަބަބުން ސީދާ ހާޓް އެޓޭކެއް ނުޖެހޭނެ ކަމަށް ބުނެ،އެޑްމިޓްކޮށް ފަރުވާ ދެމުންދާ ބަލިމީހެއްގެ ހާލަތު އާންމުކޮށް އައިޖީއެމްއެޗުން ގާނޫނާ ޚިލާފް ސިޔާސީ ބަޔާނެއް ނެރުނީ މުއިއްޒު އަންގައިގެންކަން “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކުރެވިއްޖެއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އައިޖީއެމްއެޗްގެ އިސް އޮފިޝަލަކު ވިދާލުވި ގޮތުގައި، ބަލިމީހާގެ ހާލަތު އޮޅުވާލާ، އަދި އަމުދުން ގާނޫނާ ޚިލާފަށް، ބަލިމީހާގެ ޒާތީ މައުލޫމާތު އައިޖީއެމްއެޗްއިން އާންމުކޮށްފައިވަނީ، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާވެސް ނުހޯދާ، ހޮސްޕިޓަކުގެ މެނޭޖްމަންޓަށް މަޖުބޫރު ކޮށްގެން ކަމުގައެވެ. އައިޖީއެމްއެޗްއިން ނެރުނު ބަޔާނަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ލަފަޔަށް އެކަނި ތައްޔާރު ކޮށްފައިވާ ބަޔާނެއްކަމަށްވެސް ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މިމަހުގެ 3 ވަނަ ދުވަހުގެރޭ ފުލުހުން މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ހަކަރާތްތެރިވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންއަށް ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗުގައި ފަރުވާ ދަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ރަސްލާންގެ ނަން ނުގެނެސް، ފުލުހުންގެ ދިފާއުގައި އައިޖީއެމްއެޗުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެ ވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ.
“ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން” ކަމަށް ބަޔާނުގައި ބުންޏެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނި ގޮތުގައި، ބަލިމީހާއަށް ފަރުވާ ދީ، ހާލު ރަނގަޅުވެ މިހާރު ސީސީޔޫގައި ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެ މީހަކަށް ހާލަތަށް ބަލައި އެ ވަގުތު ދޭން ޖެހޭ ފަރުވާ އެންމެ ފުރިހަމައަށް އަބަދު ވެސް ދޭނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެ އެވެ.
މިއީ މިގޮތަށް ސިޔާސީ ކަމެއްގައި ބަލިމީހަކާ ގުޅުވައި އައިޖީއެމްއެޗުން މިގޮތަށް ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. އަދި ގާނޫނީ ވަކީލުން ވިދާޅުވަނީ އައިޖީއެމްއެޗްއިން ނެރެފައިވަނީ ގާނޫނާ ޚިލާފް ބަޔާނެއް ކަމުގައެވެ.
ރޭގެ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުންކުރީ ހާލަތާ ނުބައްދަލު ގޮތަކަށް ކަމަށް ބުނެ، އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ފުލުހުން ބުނީ، ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކީ، ހަމަތަކުގެ ތެރެއިން ކަމަށެވެ.