މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް، އެންމެންނަށް ވެސް ޕާކު ކުރެވޭ ތަންތަނުގެ ގޮތުގައި މިއަދުން ފެށިގެން ހަމަޖައްސިއިރު މި ސްލޮތްތަކަކީ މާލޭ ސިޓީގެ މޭޔަރުކަން ކުރިން ކުރެއްވި މުއިއްޒުއާއި، ޑެޕިއުޓީ މޭޔަރުކަން ކުރެއްވި ނަރީޝްގެ އިތުުރުން މިހާރުގެ މޭޔަރު އާދަމް އާޒިމް އެތައް ލައްކަ ރުފިޔާއިން ރިޝްވަތު ނަގައިގެން ދޫކޮށްފައިހުރި ޕާކިން ސްލޮޓްތަކެއް ކަމުގައި އެސްލޮޓްތައް ކުއްޔަށް ނެގި ފަރާތްތަކުން ބުނެފިއެވެ.
“ދިޔަވަރު އޮންލައިން”އާއި ވާހަަކަ ދެއްކި، ސްލޮތްތައް ކުއްޔަށް ހިފި ގިނަ ބަޔަކު ބުނެފައިވަނީ އެ ފަރާތްތަކުން ސްލޮޓްތައް ކުއްޔަށް ނެގީ މާލޭ ސިޓީ ކައުންސިލްގެ ބޮޑުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ކަމުގައެވެ. އެގޮތުން ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒުއަށާއި، ކުރީގެ ޑެޕިއުޓީ މޭޔަރު ނަރީޝްގެ އިތުރުން މިހާރުގެ އާދަމް އާޒިމަށްވެސް ޕާކިން ސްލޮޓް ކަށަވަރު ކުރުމަށް ނު އަގުގައި ފައިސާ ދީފައިވާކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. އެގޮތުން ބައެއް ސްލޮޓްތައް ކަށަވަރު ކުރުމަށް ދޮޅު ލައްކަ ރުފިޔާވެސް ބައެއް ފަރާތްތަކުން ދޭން ޖެހުނުކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.
މާލޭގެ މަގުތަކުން ދޫކޮށްފައި ހުރި ޕާކިންތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ހުރިހާ ޕާކިންތަކަކީ އާންމު ތަންތަން ކަމަށް ހަދަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި އިތުރު އެއްވެސް ޕާކިންއެއް ކުއްޔަށް ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހު 8 ގައި ވަނީ އަންގައިފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް މާލޭގެ މަގުތަކުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ލަފާދީފައިވާކަމަށެވެ. އަދި އެކަން ޓްރާންޕޯޓް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
ކައުންސިލުން ބުނީ ވެހިކަލް ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް މިއަދުން ފެށިގެން ޕާކު ކުރެވޭނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ކައުންސިލުން އަމިއްލަ މީހުންނަށާއި ޓެކްސީ ތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންގެ އަދަދު 1،000 އަށް އަރަ އެވެ.
ޕާކިން ކުއްޔަށް ދޫކޮށްފައި ހުރީ ޕްރައިވެޓް ކާރުތަކަށް މަހަކު 1،500ރ. އަށް އަދި ޓެކްސީތަކަށް 700ރ. އަށެވެ. އެހެންނަމެވެސް މި ޕާކިންތައް ކެންސަލް ކުރުން، ސްލޮޓްތައް ހޯދުމަށް އެތައް ލައްކަ ރުފިޔާއިން ޚަރަދު ކުރި ފަރާތްތަކަށް މިކަން ވެގެން މި ދިޔައީ ލިބުނު ބޮޑު ގެއްލުމަކަށެވެ.