“ބޮޑު” އެއްވުމެއް ރޫޅާލުމަށް ދިވެހި ފުލުހުންގެ ގާބިލްކަން ހުރީ ކިހާވަރަކަށް؟ 10،000 މީހުން އެއްފަރާ މާލޭގެ މަގުތަކަށް އިހުތިޖާޖަށް ނިކުމެއްޖެ ނަމަ ވެރިކަން ވެއްޓޭނެތަ؟

ރާއްޖޭގެ ފުލުހުންގެ ޚިދުމަތަކީ ޤައުމުގެ އަމަން އަމާންކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެވެ. ބޮޑެތި މުޒާހަރާތައް ކޮންޓްރޯލް ކުރުމަކީ ފުލުހުންގެ ޚިދުމަތުން ކުރަންޖެހޭ އެންމެ ގޮންޖެހުން ބޮޑު މަސައްކަތްތަކުގެ ތެރެއިން އެއްމެ ބޮޑު އަދި ބުރަ މަސައްކަތެވެ. މި ލިޔުމުގައި ބަލާލާނީ ދިވެހި ފުލުހުންގެ މިފަދަ ހާލަތްތަކުގައި ޢަމަލު ކުރުމުގެ ޤާބިލިއްޔަތާއި، ހުރި ގޮންޖެހުންތަކާއި، އަދި “ބޮޑު” އެއްވުމެއް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވި ވެރިކަމެއް ވެއްޓި ދިއުމުގެ ފުރުސަތު އޮތް މިންވަރުގެ މައްޗަށެވެ.

ފުލުހުންގެ ޤާބިލިއްޔަތުގެ މިންވަރު

މީހުންގެ ވަސީލަތްތައް

މޯލްޑިވްސް ޕޮލިސް ސަރވިސްގައި ގާތްގަނޑަކަށް 7000 އަށްވުރެ ގިނަ ފުލުހުން މަސައްކަތް ކުރެއެވެ. މީގެ ތެރެއިން ޚާއްޞަ ތަމްރީނުތައް ލިބިފައިވާ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސް.އޯ.ޖީ) އާއި ރައިޓް ކޮންޓްރޯލް ޔުނިޓްތައް ހިމެނެއެވެ. މި ޔުނިޓްތަކަށް ބޮޑެތި ޖަމާޢަތްތައް ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ތަމްރީނުތައް ލިބިފައިވެއެވެ. އެހެންނަމަވެސް ފުލުހުންގެ މި މުޅި އާބާދީއަކީ މުޅި ރާއްޖެ ބެލެހެއްޓުމުގެ ޒިންމާ އުފުލާންޖެހޭ ޕޮލިސް ފޯސްއެވެ. އެއީ މާ ކަނޑެއްގެ މެދުތެރޭ، ދުރު ދުރުގައި ފެތުރިފައި އޮތް ރަށްތަކުގައި މަސައްކަތްކުރާން ޖެހިފައިވާ ފުލުހުންނެވެ. ހާލަތެއް މެދުވެރިވުމުން ވަގުތުން ރިސޯސައްތައް އެއްތަނުން އަނެއްތަކަށް ގެންދިއުމާއި ގޮސް އައިސް އުޅުމުގެ ބޮޑެތި ގޮންޖެހުންތަކާއެކު، ޕޮލިސް ސާވިސްއަށް މި 7،000 ވަރަކަށް ފުލުހުންގެ ބޭނުން އެއްފަހަރާ އެއްތަނެއްގައި ކުރެވޭނެ އެއްވެސް ގޮތެއް ގާއިމްވެފައެއް ނޯވެއެވެ.

ޓެކްނިކަލް ވަސީލަތްތައް

ދިވެހި ފުލުހުންގެ ޚިދުމަތުގައި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެކިއެކި ވަސީލަތްތައް ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަސީލަތްތަަކަކީ:

  • އިލެކްޓްރިކް ގަން
  • ވޯޓަރ ކެނަން (ފެން ޖަހާ އާލާތް)
  • ޓިއާ ގޭސް އާއި ޕެޕަރ ސްޕްރޭ
  • ރައިޓް ޝީލްޑް އާއި ޕްރޮޓެކްޓިވް ގިއަރ
  • ސީ.ސީ.ޓީ.ވީ ކެމެރާ ސިސްޓަމް
  • ކޮމިއުނިކޭޝަން އިކުއިޕްމަންޓް

މިއީ ދިވެހި ފުލުުހުންނަށް ލިބިފައިވާ ވަސީލަތްތަކަށް ވީނަމަވެސް، ދިވެހިރައްޔިތުންނާ ދެކޮޅަށް މި ވަސީލަތްތަކުގެ ބޭނުން ކޮށްގެން އަނިޔާވެރިވާން ގިނަ ފުލުހުން އަބަދުވެސް ދެކޮޅު ހަދައެވެ. ސަބަބަކީ މުގުރުން ތެޅިޔަސް، ޕެޕަރ ސްޕްރޭ ޖެހިޔަސް އަދި އިލެކްޓްރިކް ގަންގެ ބޭނުން ކުރި ނަމަވެސް އެ އަނިޔާވެރި ވެވެނީ ގާތްތިމާގެ އަޚުންނަށް ނުވަތަ އުޚުތުންނަށް ކަމަށްވާތީއެވެ. އެފަދަ ހާލަތެއްގައި ގަޑުބަޑުވެގެން ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ޚުދު ފުލުހުންގެ ތެރެއެވެ.

ޤާނޫނީ އޮނިގަނޑު

ސުލްޙަމަސަލަސްކަން ގެއްލޭފަދަ ޙަރަކާތްތައް ހުއްޓުވުމަށް ފުލުހުންނަށް ޤާނޫނުން ބާރު ލިބިފައިވެއެވެ. ސުލްޙަވެރިކަމާއެކު ހިންގާ މުޒާހަރާތަކުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވީނަމަވެސް، އާންމު ނިޒާމު ގެއްލޭފަދަ ޢަމަލުތައް ހުއްޓުވުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް ފާހަގަކޮށްލާންޖެހޭ އެންމެ މުހިންމު ކަމަކީ، ޢައިރު ގާނޫނީ އަމުރުތަކަށް ބޯ ނުލެބުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ފުލުހުންނަށް ގާނޫނު އަސާސީންނާއި އަދި އެކަށައެޅިފައިވާ ގާނޫނުތަކުންވެސް ވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބި ދީފައި ކަމެވެ. އެހެންކަމުން ސުލްހަވެރިކަމާއެކު ކުރަމުންދާ އިހުތިޖާޖަކަށް ހުރަސް އެޅުމުގެ އެއްވެސް އިޚްތިޔާރެއް ފުލުހުންނަކަށް ނޯންނާނެއެވެ. އެއީ އެފަދަ އަމުރުފުޅުތަކެއް ޚުދު ރައީސުލްޖުމުހޫރިއްޔާ ކުރެއްވިކަމުގައިވި ނަމަވެސްމެއެވެ.

ހުރި ގޮންޖެހުންތައް

ޖޯގްރާފީގެ ގޮންޖެހުން

މާލޭގެ ކުޑަ ސަރަހައްދުގައި ބޮޑު އާބާދީ ދިރިއުޅުމުގެ ސަބަބުން ބޮޑު މުޒާހަރާއެއް ހިނގައިފި ނަމަ އެކަން ކޮންޓްރޯލް ކުރުމަކީ ވަރަށް ދަތިކަމެކެވެ. މާލޭގެ ގޯޅި މަގުތަކާއި ތަންކޮޅުގެ ކުޑަ ކަމުގެ ސަބަބުން ފުލުހުންގެ ޙަރަކާތްތަކަށް ދަތިތައް ކުރިމަތިވެއެވެ. އަދި އަމުދުން މާލޭގެ މަގުތަކަށް އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އާންމު ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރަން ފަށައިފިނަމަ، މުޒާހިރާ ކޮންޓްރޯލްކުރުން ގޮންޖެހުމަކަށް ފުލުހުންނަށް ވެގެންދަނީ، އެފަދަ ހާލަތެއްގައި ރިސޯސަސް އެއްތަނުން އަނެއްތަކަށް ބަދަލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނާތީއެވެ. މާލޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ހަރަކާތްތެރިވާ މަދު ފުލުހުން ކޮޅަކަށް މުޒާހިރާ ކޮންޓްރޯލް ނުކުރެވޭނެ މިންގަޑެއް ފުލުހުން ކަނޑައަޅާފައި އޮވެއެވެ. އެގޮތުން ފުލުހުން ދަމާފައި އޮންނަ ރަތް ރޮނގެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ “ޗާޖު ވެފައި އޮންނަ” 10،000 މީހުންގެ ބޮޑު ޖަމާއަތެކެވެ.

ތަމްރީނާއި ތަޖުރިބާ

ބޮޑެތި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ މަދުކަމުން، ބައެއް ފަހަރު ފުލުހުންގެ ރެސްޕޮންސް އެންމެ އެކަށީގެންވާ ގޮތުގައި ނުވުމުގެ ފުރުޞަތު އޮވެއެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނުތައް އިތުރަށް ބޭނުންވެއެވެ. އެހެންނަމަވެސް ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއެކީ، ފުލުހުންނަށް އެކަށީގެންވާ ތަމްރީނާ ތަޖުރިބާ ހޯދާ ދިނުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން “ރިފްރެޝް” ކުރެވެމުން ނުދެއެވެ. އާ އުކުތަކާއި އާ ތެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިވުމުގައި ދިވެހި ފުލުހުން ތިބީ ވަރަށްވެސް ފަހަތުގައެވެ. އެކަށިގެންވާ މޯޓިވޭޝަނެއް ނެތެވެ. ރޫހު އާލާވުމުގެ ބަދަލުގައި ރޫހު ދަނީ ނެތެމުންނެވެ. އާރޯކަމެއް ނެތެވެ. ކުރި ދަނީ މަރުވަމުންނެވެ.

ސިޔާސީ ނުފޫޒު

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ފުލުހުންގެ މުވައްސަސާއަށް ކުރިމަތިވަމުންދާ ސިޔާސީ ނުފޫޒު ދަނީ އެތައް ގުނައެއް ބިޔަވެ ބޮޑުވަމުންނެވެ. އަދި ވަކީން ޚާއްސަކޮށް، ފުލުހުން ލީޑަރޝިޕަށް، ޗެއިން ކޮމާންޑަށް ބެލުމެއްނެތި މުއިއްޒު އަމުރު މައުރޫފް ހިންގަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންގެ މުވައްސަސާގެ އެތެރޭގައި އުދާސްތައް އުފެދި، ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންގެ އިސް ފަރާތްތަކުން ހާމަ ކޮށްފައި ވެއެވެ. އެގޮތުން ސިޔާސީ ނުފޫޒުގެ ސަބަބުން ފުލުހުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ދަތިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ އިތުބާރު ގެއްލި، ފުލުހުންގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ދަނޑިވަޅެއްގައި، ބޮޑު މުޒާހިރާއެއް ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ މައްޗަށް އޮންނަ އިތުބާރަށްވެސް ވަނީ އަސަރު ކޮށްފައެވެ. އަދި އަމުދުން ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރާން ފަށައިފިނަަމަ، ފުލުހުން އެ މުޒާހިރާއަކަށް އެއްބާރުލުން ދޭން ފަށާފާނެ ކަމުގެ ބިރުވެސް ވަރަށް ބޮޑަށް މިހާރުވަނީ އުފެދެން ފަށާފައެވެ.

ނިންމުން

ދިވެހި ފުލުހުންގެ ޚިދުމަތަށް ބޮޑެތި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ އަސާސީ ޤާބިލިއްޔަތުކަން ލިބިފައިވީނަމަވެސް، އިތުރު ތަރައްޤީ ބޭނުންވާ ދާއިރާތައް އެބަހުރިކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ތަމްރީނު، ޒަމާނީ ވަސީލަތްތައް، އަދި އާންމުންނާ ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަންތައްތަކެވެ. ސުލްޙަވެރި މުޒާހަރާ ކުރުމުގެ ޙައްޤާއި އާންމު ނިޒާމު ދެމެހެއްޓުމުގެ މެދުގައި ބެލެންސް ހޯދުމަކީ ފުލުހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މިކަން ކާމިޔާބުކަމާއެކު ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް އިތުރު ކުރުމާއި، އާންމުންގެ އިތުބާރު ހޯދުމަކީ ވަރަށް މުހިންމު ކަންކަމެވެ.

ހަމަ އެއާއެކު ކުރިއަށް އޮތް ތަނުގައި، ބައިނަލްއަޤްވާމީ ފެންވަރުގެ ބެސްޓް ޕްރެކްޓިސްތައް ތަންފީޒު ކޮށް، ޓެކްނޮލޮޖީގެ ބޭނުން ހިފައި، އަދި މުޖުތަމަޢުގެ އެއްބާރުލުން ހޯދައިގެން މަސައްކަތް ކުރުމުން، ދިވެހި ފުލުހުންނަށް ބޮޑެތި މުޒާހަރާތައް އިތުރަށް ހަރުދަނާ ގޮތުގައި މެނޭޖް ކުރެވުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު އުފެދެމުންދާ ސިޔާސީ ދެކޮޅުވެރިކަމާއި، ދަށްވަމުންދާ ރައްޔިތުންގެ ހާލަތާއި، އަދި ކޮރަޕްޝަނާއި ފަސާދައާހެދި މި ސަރުކާރަށް އޮތް ތާއީދު އާދަޔާ ޚިލާފަށް ދަށަވަމުންދާ ދިއުމާއެކު، މި އޮކްޓޯބަރުމަހުގެ 3 ވަނަ ދުވަހު އެމްޑީޕީން ބާއްވަން ތައްޔާރު ވަމުންދާ މުޒާހިރާއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެއްޖެނަމަ މިސަރުކާރު ފަސޭހަކަމާއެކު ވެއްޓިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އަދި، ފުލުހުންގެ ކެޕޭސިޓީ ހުރި މިންވަރުން، ފުލުހުން ދަމާފައި އޮންނަ ރަތް ރޮނގު ކަމުގައިވާ 10،000 މީހުންނަށްވުރެވެސް ގިނައިން މާލޭގެ މަގުތަކަށް މީހުން ނިކުންނާނެކަމަށް ބެލެވޭތީ، ހާލަތުގެ ކަންބޮޑުވުން ސަރުކާރުގެ ވެރީންގެ މެދުގައި އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކޮށްލެވެެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުން މިހާރުވެސް ވަނީ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ އެކްސަސައިޒްތަކެއް ކަމުގައި ބުނެ މަގުތަކަށް ނިކުމެފައެވެ.

އެހެންކަމުން، ފުލުހުން ރަތް ރޮނގު ހުރަސްކޮށް، މާލޭގެ މަގުތަކަށް 10،000 މީހުން ޖަމާވެ އިހުތުޖާޖު ފަށައިފިނަމަ، އެ އިހުތިޖާޖު ކޮންޓްރޯލް ކުރުމުގެ ކެޕޭސިޓީ ފުލުހުންގެ މުވައްސަސާގައި ނެތުމާއެކު، އަންނަ އޮކްޓޯބަރ 3 ވާ ހުކުރުދުވަހީ ބޮޑު ދުވަހަކަށް ވުން އެއީ ވަރަށްވެސް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެދުވަސް ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެން ދިއުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. އެއީ ދިވެހި ފުލުހުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު އާންމު ރައްޔިތުންނާ ބައިއަތު ހިފާ، މި އަނިޔާވެރިކަމާއި ޚުދުމުޚްތާރުކަމުން މިންޖުވެ، މިވެރިކަމުގެ ފަހު ސިއްކަ ޖެހިގެންދާނެ ދުވަސްކަމުގައި ވުން އެއީ ދެން މާދުރުގައި އޮތް ކަމެއް ނޫންކަމުގައި މިފުރުސަތުގައި ދަންނަވާން ޖެހެއެވެ.