މުއިއްޒުގެ ސިޔާސަތްތަކުގެ ސަބަބުން، ޗައިނާގެ ބޭންކުތަކުން އެ ޤައުމުގެ ކުންފުނިތަކަށް ރާއްޖޭގައި ޕްރޮޖެކްޓް ހިންގަން ލޯނު ދިނުން ހުއްޓާލައިފި އެވެ. މީގެ ސަބަބުން ޗައިނާގެ އެއްވެސް ކުންފުންޏަކަށް ދީފައިވާ އެއްވެސް ޕްރޮޖެކްޓެއް ވަނީ ނުފެށިފައެވެ.
ޗައިނާގެ ޕްރައިވެޓް އަދި ސަރުކާރުގެ ހިއްސާ ވަކި ވަރަކަށް ހުންނަ ކުންފުނިތަކަށް ބޭރު ގައުމުތަކުން ޕްރޮޖެކްޓް ލިބުމުން އެ ކުންފުނިތައް ޗައިނާގެ ބޭންކުތަކަށް އެ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް ލޯނަށް އެދެއެވެ. އަދި އެ ލޯނު ލިބުމުން ޕްރޮޖެކްޓްތަކުގެ މަސައްކަތް ފަށައެވެ.
އެމްޑީޕީ ސަރުކާރު ނިމެނިކޮށް އައްޑޫ ހަންކެޑެ ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖައްސާއި އެ ޕްރޮޖެކްޓް ފެށުމަށް ތައްޔާރު ވެފައި ވަނިކޮށް، މުއިއްޒު ވެރިކަމަށް އައުމުން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ޗައިނާއިން މަސައްކަތް ހުއްޓާލާފައިވާކަން ވެސް މި ފުރުޞަތުގައި ފާހަގަ ކޮށްލަމެވެ.
ޗައިނާގެ ބޭންކުތަކުން ލޯނު ދިނުން ހުއްޓާލާފައިވަނީ މުއިއްޒުގެ މި އަމަލުތަކުގެ ސަބަބުންނެވެ.
1. ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުން ލަސްވުން
ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސަބްކޮންޓްރެކްޓަރުންނަށް ނިމިފައިވާ މަސައްކަތްތަކަށް މަސްތަކަށް، އަދި ބައެއްފަހަރު އަހަރުތަކަށް ފައިސާ ނުދައްކައި މުއިއްޒު ދަނީ އެ ކުންފުނިތައް ބަނގުރޫޓު ކުރަމުންނެވެ. ޗައިނާގެ ކުންފުނިތަކަށް ލޯނު ދީގެން އެމީހުން މަސައްކަތް ކޮށް ނިންމުމުން، ދިވެހި ސަރުކާރުން ޗައިނާގެ ކުންފުނިތަކަށް ފައިސާ ދޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމަކީ އެންމެ ބޮޑު އެއް މައްސަލައެވެ.
މިއީ ބޮޑެތި ފިސްކަލް ދަތިތަކާއި ފައިސާ ދެއްކުމުގެ ޒިންމާދާރުކަން ދަށްވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.
ޗައިނާ ބޭންކުތަކުން މިކަން ދެކެނީ ލޯނު ޗައިނާ ކުންފުންޏަކަށް ދިން ކަމަށްވީނަމަވެސް، ލޯނު އަނބުރާ ނުދެއްކުމުގެ ރިސްކެއްގެ ގޮތުގައެވެ.
2. ދިވެހި ދައުލަތުން ސޮވްރިން ގެރެންޓީގެ އަގު ވެއްޓުން
ޗައިނާގެ ޕޮލިސީ ބޭންކުތަކުން (އެގްޒިމް ބޭންކު އަދި ސީޑީބީ ފަދަ) ލޯނު ފާސްކުރުމުގެ ކުރިން ލޯނު ނަގާ ގައުމުގެ ސަރުކާރުން ސޮވްރިން ގެރެންޓީއެއް ނުވަތަ ފައިސާ އަނބުރާ ދެއްކުމުގެ ޔަޤީންކަން ބޭނުންވެއެވެ. ނަމަވެސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދޭ ސޮވްރިން ގެރެންޓީއަކަށް ޗައިނާގެ ބޭންކުތަކުން އެއްވެސް އިތުބާރެއް ނުކުރެއެވެ.
3. ދަރަނީގެ ނުރައްކާތެރިކަން
އައިއެމްއެފް އަދި ވޯލްޑް ބޭންކުން ރާއްޖެ ދަރަޖަކޮށްފައިވަނީ “ދަރަނީގެ ނުރައްކާ ބޮޑު” ގައުމެއް ގޮތުގައެވެ.
ޗައިނާގެ ބޭންކުތަކުން ބެއިޖިންގގެ 2022 ވަނަ އަހަރުގެ ބެލްޓް އެންޑް ރޯޑް ދަރަނީގެ ރިސްކް އިޞްލާޙުތަކަށްފަހު، މިފަދަ ގައުމުތަކަށް އާ ލޯނުތައް ދޫކުރުން ވަނީ ހުއްޓާލާފައެވެ.
ދަރަނީގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައި ވަނީ މުއިއްޒު ވެރިކަމަށް އައުމާއި ގުޅިގެންނެވެ. އަދި ވޯލްޑް ބޭންކާއި ބައިނަލް އަގުވާމީ މާލީ ޖަމާއަތްތަކުން އަންގާ އިރުޝާދާއި ޚިލާފަށް މުއިއްޒު 12 ހާސް ސިޔާސީ ވަޒީފާ އުފައްދާފައިވާ ކަމީ ރާއްޖޭގައި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ޗައިނާއިން ނުފަށާ އެއް ސަބަބެވެ.
4. ޗައިނާއަށް ދައްކަން ހުރި ދަރަނިތައް
ރާއްޖެއިން ކުރީގެ މަޝްރޫޢުތަކަށް (ބޮޑަށް ޔާމީން ސަރުކާރުގެ) ޗައިނާގެ ބޭންކުތަކަށް އަދިވެސް ހަތަރު ސަތޭކައެއްހާ މިލިއަން ޑޮލަރު ދައްކަން އެބަހުއްޓެވެ.
5. ވިޔަފާރީގެ ގޮތުން ފައިދާކުރަނިވި ނަތީޖާތައް ނުފެންނަ މަޝްރޫޢުތައް
ކެޕިޓަލް މަޝްރޫޢު ތަކަކީ، ނުވަތަ ހައުސިންގ ސްކީމްތައް ފަދަ މަޝްރޫޢުތަކަކީ ވަގުތުން ފައިދާ ނުލިބޭ މަޝްރޫޢުތަކެކެވެ. މުއިއްޒު ކުރަން ބޭނުންވަނީ ފުށި ދިއްގަރުފަޅު ފަދަ މިފަދަ ބޭކާރު މަޝްރޫޢުތައް ކަމަށް ވުމުން ޗައިނާގެ ބޭންކުތަކުން އެކަންކަން ބަލައި ނުގަނެއެވެ.
6. ދިވެހިރާއްޖޭގެ ސިޔާސީ އެލައިންމަންޓްގެ ޔަޤީންކަން ނެތުން
މުޢިއްޒުގެ ސަރުކާރު ޗައިނާއާ ރަޙުމަތްތެރިކަން އޮތަސް، އެއްދުވަހު ތުރުކީއާއި ގާތް ވުމަށްފަހު، މާކުރިންސުރެ އިންޑިޔާއައި ޔޫއޭއީ އަދި ސަޢޫދީ އަރަބިއާ އޮތް ގުޅުން ހީނަރު ކޮށް އެއްވެސް ހަމައެއް ލަމައެއް ނެތި އުޅޭ އުޅުމުން މުއިއްޒު އަކީ އެއްވެސް ވަރަކަށް ވެރިކަމަށް އެކަށީގެންވާ މީހެއް ނޫންކަން ޗައިނާއަށް ވަނީ ސާފުވެފައެވެ.
ޗައިނާއިން މިކަން ދެކެނީ ސްޓްރެޓީޖިކް ޔަޤީންކަން ނެތުމެއްގެ ގޮތުގައި – ދިގު މުއްދަތުގެ ލޯނު ދީގެން އުޅެވޭނީ އެކަށީގެންވާވަރަށް އިތުބާރުކުރެވޭ ގައުމުތަކާއި އެކީއެވެ.
7. ކޮރަޕްޝަނާއި ވައްކަމާއި އަދި މަޝްރޫޢު ބެލެހެއްޓުމުގެ މައްސަލަތައް
މުއިއްޒުގެ ސަރުކާރުގެ ވެރިން މުއިއްޒު ހިމެނޭހެން ދަނީ ޗައިނާގެ ކުންފުނިތަކުން ރިޝްވަތު ނެގުމަށް ކިޔަމުންނެވެ. މިކަން ޗައިނާގެ އެމްބަސީއަށްވެސް އެނގޭނެއެވެ. އަދި ޗައިނާގެ ސަރުކާރަށްވެސް މުއިއްޒުގެ ފަރާތުން ޗައިނީސް ޕްރޮޖެކްޓްތަކުން ކޮރަޕްޝަނަށް އެދޭވަރުވެސް އެނގޭނެއެވެ.
މިކަމުގެ ސަބަބުން މުއިއްޒުގެ އަގު ވަނީ ޗައިނާގެ ސަރުކާރުގެ ކުރިމަތީ ވެއްޓިފައެވެ. އަދި މުއިއްޒު ކުރަމުންދާ ވައްކަމާއި، ދައުލަތް ލޫޓުވަމުންދާ މިންވަރު ޗައިނާއަށްވެސް އަދި ރާއްޖޭގައި އެމްބަސީ ހުރި ހުރިހާ ގައުމެއްގެ ސަރުކާރުތަކަށްވެސް އެނގެއެވެ.
މުއިއްޒު ވެރިކަމަށް ނައިނަމަ، ރާއްޖޭގެ އިޤްތިޞާދު އާއި މާލީ ތަނަވަސްކަން އޮންނާނީ ބޭރުގެ ގައުމުތަކަށް އިތުބާރު ކުރެވޭ މިންވަރަށެވެ. ތަނެއް ދޮރެއް އުޑެއް ބުޑެއް ނުދަނަން މީހަކު ވެރިކަމަށް ގެނެސް މުޅި ދިވެހި ޤައުމު ދުނިޔޭގައި ފަޟީހަތްކޮށް، މުއިއްޒުގެ ސަބަބުން ދިވެހި ޤައުމަށް ބިލިއަނުން ގެއްލުންވެ، ބޭސްފަރުވާ އާއި، ކާބޯތަކެތި އަގުބޮޑުވެ، ދަރިންނަށް ކޯސްޓް ކިރު ދޭން ކިރު ދަޅު ވަގަށް ނަގާ ހިސާބަށް ގައުމުގެ ހާލަތު ވަނީ ދުއްވާލާފައެވެ. އިރު އަރައި އޮއްސެނީ މުއިއްޒު ކުރާ ވައްކަމުގެ ތެރޭ ބައިތުލްމާލުން ރައްޔިތުންގެ ފައިސާ މަދުވެގެންނެވެ. އިރު އަރައި އޮއްސެނީ ކޮންމެވެސް ކަމަކާއި ރައްޔިތުންނަށް އިންތިހާއަށް ދޮގު ހަދައި އޮޅުވާލަން މަސައްކަތް ކުރުމުގައެވެ. މިވަރުގެ ނުބައި ވެރިއަކު އެއްވެސް ހަމައެއްގައި ވެރިކަމުގައި ބަހައްޓަން ހެޔޮ ނުވާނެއެވެ. މިކަން މުއިއްޒަށްވެސް އެނގޭނެއެވެ.






