ފާއިތުވި ދުވަސްތަކުގައި ބައެއް ފަރާތްތަކުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިވެހިންނާ އެއްވަރަށް އިންސާނީ ޙައްޤުތަކާއި މިނިވަންކަން ލިބެންނުޖެހޭކަމަށް ދެކޭ ކަމަށް ބުނެ ވާހަކަ ދައްކާ ކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އަދި އިސްލާމީ އަޤީދާއާވެސް ސީދާ ޚިލާފު ވިސްނުމެކެވެ.
މިއީ އިންސާނުން އަޅުވެތި ކުރުމުގެ ފިކުރާއި، ނިކަމެތިންގެ މައްޗަށް އަނިޔާވެރި ވުމުގެ ފިކުރާއި، އަނެކާގެ ބުރަ މަސައްކަތަށް ހަސަދަ ލުމުގެ ނުބައި ކަމުގެ މައްޗަށް އުފެދިފައިވާ ފިކުރެކެވެ. މިފަދަ މީހުން މި މީހުންނަކީ މުސްލިމުންނޭ ކިޔާއިރު މާތްﷲ ހެއްދެވި އަނެއް އިންސާނާއަކީ ތިމާއާއި އެއްވަރު މީހެއް ކަމަށް ޤަބޫލުކުރަން ބޭނުން ނުވާ ބައެކެވެ. ދިވެހިންގެ ތެރޭގައި ތިބި މިފަދަ މީހުންނާއި އެއްވަރު އެހެން ބަޔަކަށް އުޅެނީ އިޒްރޭލު ކްރިސްޓިއަން އަދި ޔަހޫދީ ޒައެނިސްޓުންނެވެ.
ރައީސް މުޢިއްޒު އިހަށް ދުވަހު ވިދާޅުވެފައިވަނީ ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް މަގުމަތީގައި އުޅޭ ބިދޭސީން ޗެކްކުރައްވާނެ ކަމަށެވެ. މިކަމަށް ބައެއް ފަރާތްތަކުން ތާއީދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިފަދަ ފިޔަވަޅުތަކަކީ ޤައުމިއްޔަތުގެ މައްޗަށް ބިނާކޮށް އިންސާނުންގެ މެދުގައި ތަފާތުކުރުން އާލާކުރާ ނުބައި ފާސިގު އަނިޔާވެރި އަމަލެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ގިނަ ޙައްޤުތަކަކީ “އެންމެހައި މީހުން” ނުވަތަ “ކޮންމެ މީހަކަށްމެ” ލިބިދޭ ޙައްޤުތަކެއްކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި، ހަމަހަމަކަމާއި، އަނިޔާއިން ރައްކާތެރިވުމުގެ ޙައްޤު ހިމެނެއެވެ. ޤާނޫނުއަސާސީގައި ބައެއް ޙައްޤުތަކަކީ “ރައްޔިތުންނަށް” އެކަނި ލިބިދޭ ޙައްޤުތަކެއް ކަމުގައި ބަޔާންކުރި ނަމަވެސް، އަސާސީ އިންސާނީ ޙައްޤުތައް ހަމަ ހުރިހާ އިންސާނުންނަށްމެ ލިބިގެންވާކަން ސާފުކޮށް އެނގެއެވެ.
މިފަދަ ނުބައި މީހުން މިސާލަކަށް ނަގަނީ އެހެން ޤައުމުތަކުގައިވެސް ބޭރުގައި ދަންވަރު އުޅޭ ބޭރު މީހުން ބަލައި ފާސްކުރާ ކަމުގެ ޚިޔާލީ ދޮގެވެ. މިޔަކީ އެއްވެސް ޤައުމެއްގައި ކުރާ ކަމެއް ނޫނެވެ. ބޭރު މީހުންނަށް އަމާޒުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގައި އެފަދައިން ޗެކް ކޮށް ނަހަދައެވެ. ފަހަރެއްގައި އެކަން ކުރަނީ މިފަދަ މީހުންކަހަލަ ޔަހޫދީން އުޅޭ އިޒްރޭލުގައެވެ. އެހެން ޤައުމުތައް ގޮތުގައި މި މީހުން މިސާލު މިނަގަނީ އިޒްރޭލުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އުޅުމާއި ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން ހުރިހާ އިންސާނުންނަށް ލިބެންޖެހޭ
ކޮންމެ މީހަކަށްމެ، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ޤާނޫނީ ހަމަތަކުގެ މަތިން ހިނގާބިނގާވެ އުޅުމާއި ދިރިއުޅުމުގެ މިނިވަންކަން ލިބިގެންވެއެވެ. “ފްރީޑޮމް އޮފް މޫވްމެންޓް” އަކީ ޤައުމިއްޔަތަށް ބަލައި ތަފާތުކުރެވިދާނެ ކަމެއް ނޫނެވެ. މިހާރު ހުށަހެޅިފައިވާ ފަދަ ގަޑިއާއި ހަމައަށް ވަކި ބަޔަކަށް އެކަނި މަގުމަތީގައި އުޅުމުގެ މިނިވަންކަން ހަނިކުރުމަކީ ޤާނޫނުއަސާސީއާ ސީދާ ޚިލާފު ކަމެކެވެ.
ހަމައެހެންމެ، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމެކެވެ. މީގެތެރޭގައި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރާއި (Universal Declaration of Human Rights)، އަދި އިންސާނީ ޙައްޤުތަކާބެހޭ އެހެނިހެން މުޢާހަދާތައް ހިމެނެއެވެ. މި މުޢާހަދާތަކުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ހުރިހާ އިންސާނުންނަކީވެސް ކަރާމަތާއި ޙައްޤުތަކުގައި ހަމަހަމަ ބައެއް ކަމަށެވެ. އެއްވެސް ތަފާތުކުރުމެއް ނެތި ދައުލަތުގެ ސަރަޙައްދުގައިވާ ހުރިހާ އިންސާނުންނަށް އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ކޮންމެ ދައުލަތެއްގެވެސް ޒިންމާއެކެވެ.
ޤައުމިއްޔަތުގެ މައްޗަށް ބިނާކޮށް ހިންގާ ތަފާތުކުރުން
ވަކި ގަޑިއަކުން ފެށިގެން ހަމައެކަނި ބިދޭސީން ޗެކްކުރުމަކީ ޤައުމިއްޔަތުގެ މައްޗަށް ބިނާކޮށް ގެންގުޅޭ ތަފާތުކުރުމެކެވެ. މިފަދަ ތަފާތުކުރުންތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުއާހަދާތަކުގައި މަނާކޮށްފައިވާ ކަމެކެވެ. ހަމައެއާއެކު، އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ‘ހިފްޡުން ނަފްސް’ ނުވަތަ ފުރާނަ ރައްކާތެރިކުރުމުގެ އުޞޫލާއި ‘ހިފްޡުލް ކަރާމާ’ ނުވަތަ އިންސާނީ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމުގެ އުޞޫލު ހިމެނެއެވެ. މިގޮތުން، އިންސާނުންގެ މެދުގައި ޤައުމިއްޔަތުގެ މައްޗަށް ބިނާކޮށް ތަފާތުކުރުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފުކަމެކެވެ.
ޖިނާއީ ޢަދުލުގެ ނިޒާމުގައި ކުށްވެރިނުވާ ހިނދު ބަރީއަކަމުގެ އުޞޫލު
ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީންނަކީ ކުށްވެރިންކަމަށް ބަލައި ޗެކްކުރުމަކީ “ކުށްވެރިނުވާހާ ހިނދަކު ބަރީޢަވެގެންވާ” އުޞޫލާ ޚިލާފު ޢަމަލެކެވެ. ކުށްވެރިކަމުގެ ހެކި ނެތި ހަމައެކަނި ނަސްލުގެ މައްޗަށް ބިނާކޮށް މީހުން ހިފައި ހައްޔަރުކުރުމަކީ ޤާނޫނީގޮތުން ހުއްދަ ކަމެއްނޫނެވެ. ކުށްކުރާ މީހުންނަކީ ދިވެއްސެއް ކަމުގައިވިޔަސް، ބިދޭސީއެއް ކަމުގައިވިޔަސް، ޤާނޫނާ އެއްގޮތަށް ފިޔަވަޅު އަޅަންޖެހޭނެއެވެ. އެއްވެސް ހާލެއްގައި ބިދޭސީންނަށް އެކަނި އަމާޒުކޮށްގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމަކީ ހަމަހަމަކަމުގެ އުޞޫލާ ޚިލާފުކަމެކެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގައި ބިދޭސީންގެ ދައުރު
އިސްލާމްދީނުގެ ނަޒަރުންވެސް ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެކެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނީ ކަރާމާތް އަކީ އިންސާނެއްގެ ހައިސިއްޔަތުން ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސްތަކުގެ އިންސާނުންގެ މެދުގައި ހަމަހަމަކަން އޮންނަންޖެހޭކަން ތަކުރާރުކޮށް ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ ޚުޠުބާތުލް ވަދާޢުގައިވެސް “ޢަރަބިއަކަށް ޢަޖަމީއެއްގެ މައްޗަށް، އަދި ޢަޖަމީއަކަށް ޢަރަބިއެއްގެ މައްޗަށް އެކަކު އަނެކަކަށް މާތްކަމެއް ނެތްކަމަށް ހަދީސް ކޮށްފައި ވެއެވެ. ހަމައެކަނި ތަޤުވާވެރިކަމުގައި “މެނުވީ” މާތްﷲ ހަޒްރަތުގައި މީހަކަށް އިތުރު މާތްކަމެއް ލިބިގެން ނުވެއެވެ.
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ އަޅުގަނޑުމެންގެ އިޤްތިޞާދަށް އެތައް ޚިދުމަތެއް ކުރަމުންދާ ބައެކެވެ. އެމީހުންގެ މަސައްކަތުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ފަސޭހަކަން ލިބި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވަމުންދެއެވެ. މިފަދަ މީހުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމަކީ ޤާނޫނީގޮތުން ވެސް، ދީނީގޮތުން ވެސް އަދި އިންސާނިއްޔަތުގެ ނަޒަރުން ވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ސަލާމަތީ ފިޔަވަޅުތައް ތަންފީޛުކުރުމުގެ ހަމަތައް
ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ނެގެހެއްޓުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައިވީ ނަމަވެސް، މިފަދަ ފިޔަވަޅުތައް އަޅަންވާނީ ހުރިހާ އިންސާނުންގެ ޙައްޤުތަކަށް އިޙްތިރާމްކުރެވޭ ގޮތުގެމަތިންނެވެ. ކުށްކުރާ މީހުންގެ ފަހަތުގައި ދުވަންވާނީ ކުށްކުރާތީއެވެ. އެމީހެއްގެ ކުލައަށް، ނަސްލަށް، ނުވަތަ ޤައުމަކަށް ބަލައިގެންނެއް ނޫނެވެ.
ކުށްކުރުން ހުއްޓުވުމާއި މަދުކުރުމަށްޓަކައި ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، ޤާނޫނު ތަންފީޛުކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމާއި، އިންޓެލިޖެންސް ވިއުގަ ހަރުދަނާކުރުމާއި، ބިދޭސީންގެ ވޯކް ޕާމިޓްގެ މައްސަލަ ހައްލުކުރުމާއި، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން މުހިންމެވެ.
ނިންމުން
އިންސާނީ ޙައްޤުތަކަކީ އެ އިންސާނެއްގެ ނަސްލު، ކުލަ، ޤައުމު ނުވަތަ ދީން ބެލުމެއްނެތި ހުރިހާ އިންސާނުންނަށްމެ ލިބިދޭންޖެހޭ ޙައްޤުތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތްތަކުގައި އޮތް މި ތަފާތުކުރުންތައް ނައްތާލައި، ހުރިހާ އިންސާނުންނަކީވެސް ހަމަހަމަ ބައެއްކަން ޤަބޫލުކުރަން ޖެހެއެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ އިތުރުން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އަންގައިދޭ ގޮތެވެ.






