ޕެންޝަން އޮފީހުގެ ސީއީއޯކަމާއި ހަވާލުވާނެ “ޕަޕެޓެއް” ހޯދުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުން، މާލީ ތަޖުރިބާހުރި އެއްވެސް މީހަކު އެމަގާމަށް އަންނަން ބޭނުމެއް ނުވޭ!

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް މިއަދު އެ އޮފީހުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމާ ހަވާލުވާނެ “ޕަޕެޓެއް” މުއިއްޒު ހޯދަމުންދާކަމަށް މަައުލުމާތު ލިބިއްޖެއެވެ. އެނގިފައިވާ ގޮތުގައި މުއިއްޒު ބޭނުންވަނީ އެ ފަންޑުގައި ހުރި ފައިސާ މުއިއްޒު އަންގާ ގޮތެއްގެ މަތިން މެނޭޖު ކުރާނޭ ފަރާތެއް އެމަގާމަށް އައްޔަން ކުރުމަށެވެ. އެހެންނަމަވެސް ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމާއި ހަވާލުވުމަށް މާލީ އެއްވެސް ތަޖުރިބާކާރެއް ބޭނުން ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސަރުކާރުގެ ފަރާތުން މާލީ ބައެއް ތަޖުރިބާކާރުންނަށް އެމަގާމް ހުށަހަޅާފައިވިނަމަވެސް، މުއިއްޒުގެ ވެރިކަމުގައި، އަމިއްލަ ކެރިއަރު ގުރުބާންކުރުމަށް މާލީ ތަޖުރިބާކާރުން އެ އޮފީހުގެ ސީއީއޯގެ މަގާމާ ހަވާލުވާން ވަނީ ދެކޮޅު ހަދާފައެވެ.

ޕެންޝަނާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެ އޮފީހުގެ ބޯޑުންނެވެ. އެއީ އެ އެމަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމަށްފަހު ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކޮށްގެންނެވެ. އެހެންނަމަވެސް ޕެންޝަން އޮފީހުގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކަކީ މުއިއްޒުގެ އަޅުންގެ ގޮތުގައި، ރަބަރ ސްޓޭމްޕް ޖަހަމުންދާ ފަރާތްތައްކަމަށް ވާތީ، މިނިވަން ކަމާއެކު މަސައްކަތް ކުރާން ބޭނުންވާ އެއްވެސް ފަރާތެއް ޕެންޝަން އޮފީހުގެ ސީއީއޯކަމަށް ކުރިމަތިލާނެކަމަށް ނުބެލެވެއެވެ.

މުއިއްޒު ޕެންޝަން އޮފީސް ކައްފާރާއަކަށް ހަދާ، 2.4 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅުހަދާ ޕެންޝަން އޮފީހުގެ ސީއީއޯގެ އިތުރުން އެ އޮފީހުގެ ބޯޑުގެ ޗެއަރމަންއާއި އިތުރު މެމްބަރުންވެސް ވަނީ އިސްތިއުފާ ދީފައެވެ. އެހެންނަމަވެސް ބޯޑުގައި މިހާރު ތިބި މެމްބަރުން ވަނީ ފައިސާ ޗާޕްކުރުމުގެ މުއާމަލާތައް ރުހުން ދީފައެވެ.

އެހެންނަމަވެސް ޕެންޝަން ގާނޫނާ ޚިލާފަށް މުއިއްޒުގެ އަމުރަށް ހިންގުމަށް މަސައްކަތް ކުރަމުންދާ ޢައިރު ގާނޫނީ މުއާމަލާތުގެ ލިޔެކިއުންތަކުގައި ސުޖާތާ ސޮއިކުރުމަށް ދެކޮޅު ހެދުމާއެކު ދެން އެ މުއާމަލާތައް ވާނެގޮތެއް އަދި ސާފުވެފައެއް ނުވެއެވެ.