ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަށް ގިނަ ބަޔަކަށް ސިހުން ލިބުނެވެ. މަންޑޭ ވަނީ ގިނަ ބައެއްގެ ހައްޤުތަކަކަށް އަރައި ގަނެފައެވެ. އޭނާގެ މައްޗަށް ޝަރީޢަތް ކުރެވި އެކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދޭންވެސް ޖެހެއެވެ. އެކަމުގައި އެއްވެސް ވަރެއްގެ ދެބަސްވުމެއް ނެތެވެ.
ނަމަވެސް 397 އަހަރަކީ މުއިއްޒުގެ ނުފޫޒުން މަންޑޭއާއި މެދު ބަދަލު ހިފުމަށް ހިންގާފައިވާ ހުތުރު އަމަލެކެވެ. އަދުލުއިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވައިގެން ރައީސް މުއިއްޒު ސީދާ ކޮށްފައިވާ ކަމެކެވެ.
މަންޑޭ ކޭޕާކުގެ ލާރިތައް ޚަރަދު ކުރާތަން ފެނިގެން، އެއިން ފައިސާ ކޮޅެއް ބޭނުންވެގެން އޭރު މޭޔަރަކަށް ހުރި މުއިއްޒު، އޭނާ ރިޔާސީ އިންތިހާބަށް ކުރަމުންދިޔަ ސިއްރު ކެމްޕެއިންނަށް ފައިސާ ހޯދުމަށް މަންޑޭ ކައިރިއަށް ހެރިންސް އައްލޯ ފޮނުވިއެވެ. މުއިއްޒު އެދުނީ އޭނާގެ ކެމްޕިއިނަށް މަންޑޭ ފައިސާ ދިނުމަށެވެ. ފައިސާ ނުދޭނެ ކަމަށް ބުނުމަށްފަހު، އެކަން މަންޑޭ އެންގީ މިހާރުގެ އެކޮނޮމިކް މިނިސްޓަރ ސައީދުއަށެވެ. ސައީދު އާއި މަންޑޭ އަކީ ގާތް ދެ އެކުވެރިންނެވެ. ސައީދުގެ ގިނަ ޚަރަދުތަކެއް އޭރު ބަލަހައްޓަމުން ދިޔައީ މަންޑޭއެވެ.
ސައީދު އަކީ އޭރު ޕީޕީއެމް ތެރޭގައި ބާރު އޮތް ފަރާތަކަށް ވުމުން، މުއިއްޒު ވެރިކަމަށް އަންނަށް ފައިސާ ހޯދާ މައްސަލަ ޕާޓީއަށް ރަސްމީކޮށް ވައްދައި، މުއިއްޒު އާއި ދެކޮޅަށް ބޮޑު ޝަރީޢަތެއް ޕީޕީއެމް ތެރޭ ހިންގިއެވެ. މި ޝަރީޢަތް ކުރުމަށް ޕީޕީއެމް އަށް މުއިއްޒު ހާޒިރުކޮށް އެތައް ބައެއް ކުރިމަތީ މިކަމާއި ގުޅިގެން ސުވާލުކޮށް ފަޟީހަތް ކުރިއެވެ. މިކަމުގެ އަޑީގައި ހުރީ ސައީދުއެވެ. ސައީދު މުޅި މުއިއްޒުގެ ޝަރީއަތް ޕީޕީއެމްގައި ހިންގައި ފަޟީހަތްކޮށް ކުޑަކޮށް ސައިޒް ކޮށްލީ އޭރު ސައީދު އާއި ގުޅުން އޮތް ޕީޕީއެމްގެ އިސް ފަރާތްތައް ބޭނުން ކޮށްގެންނެވެ.
މުއިއްޒު ބަދަލު ހިފީ މިކަމާއެވެ. މަންޑޭއަށް ހަމަ ހުކުން ކުރަންވީއެވެ. މައްސަލައެއް ނެތެވެ. ނަމަވެސް އެކަމުގެ ތެރެއަށް މުއިއްޒުގެ ޒާތީ މައްސަލަ ވައްދައި، ކޯޓުގެ ތެރެއިން މީހަކަށް އަނިޔާވެރި ވުމަށް މުއިއްޒު 400 އެއްހާ އަހަރު މީހެއްގެ މައްޗަށް ޖަހާލީމާ ފެނިގެން ދަނީ މުއިއްޒުގެ ހުރި ނުބައި ކަމާއި، ބަދަލު ހިފުމާއި، އަނިޔާވެރި ކަމެކެވެ.






