އިލްމުވެރިންގެ ގުޅުމުން އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ސްކޫލަށް ފޮނުވަން މުއިއްޒަށް އަންގައިފި

ސަލަފުން ބޭނުންވަނީ އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ސްކޫލަށް ފޮނުވަން އިލްމުވެރިންގެ ގުޅުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަރިހުން އެދިއްޖެއެވެ.

އެ ޖަމިއްޔާގެ ޢިލްމުވެރިންގެ ފަރާތުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ 2008ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާ ވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށެވެ.

ނަމަވެސް، 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރާއެކު ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ސަޤާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް ސިޓީގައި ވެއެވެ.

އެއާއެކު އެ ސިޓީގައިވަނީ އައްޑޫ ހައި ސްކޫލުގެ ކުލާހެއް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ ވީޑިއޯއަށް އިޝާރާތްކޮށް އެއީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާޤީ މައްސަލަތައްކަން ފާހަގަކޮށްފައެވެ.

އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. އެކަމަށް ބާރުދޭ، ކަންކަން ހަވާޑް ޔުނިވާސިޓީއާއި ބީބީސީ ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ ދިރާސާތަކުން ހާމަވާކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެއާއެކު، އެ ސިޓީގައިވަނީ ސްކޫލްތަކުގެ ތަޢުލީމީ މާޙައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާޙައުލަކަށް ހެދުމަށް ކަމާގުޅޭ އުޞޫލުތައް އިސްލާހުކޮށްދޭން އެދިފައެވެ.

ވަރަށް ފަހުން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔުނިފޯމަށް ގެނައި ބަދަލުތަކެއްގެ ތެރެއިން އަންހެން ދަރިވަރުންގެ ޔުނިފޯމް އެޅުން ހަރުކަށިކޮށްފައެވެ. އެގޮތުން ގްރޭޑް ހަތަރަކުން މަތީގައި ކިޔަވާ ދަރިވަރުން ސްކާޓްލާ ނަމަ އޭގެ ދަށުން ހަރުވާޅުލާން ވަނީ ފާސްކޮށްފައެވެ.

މިއީ ވެސް ވަރަށް ގިނަ ބަޔަކު އެ ކަމަށް ފާޑުކީ ބަދަލެކެެވެ. ދެ ޖިންސު މައްސުނި ނުވާނެހެން ރާއްޖޭގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދާ އެއް ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ. ނަމަވެސް ކުދިންގެ އަޚުލާގު އަދި ތައުލީމީ ފެންވަރުވެސް އަރަބިއްޔާގައި އެހެން ސުކޫލުތަކާއި އަޅާ ބަލާއިރު ރަނގަޅެއް ނޫނެވެ.