2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އާއި އިންޑިޔާގެ ސިފައިންނާ ގުޅިގެން ޖުމްލަ 6 ރަސްމީ މިލިޓަރީ ތަމްރީނު ޕްރޮގްރާމްތައް ބާއްވާފައިވެއެވެ. މިލިޓަރީ ގޮތުން ކުރީ ސަރުކާރުގައިވެސް އިންޑިޔާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ބާއްވަމުންނެވެ.
މިލިޓަރީ ޓްރެއިނިންގ ކުރިއަށް ދާއިރު ހަމަ އެ އާއި އެކު، އިންޑިޔާއާއި ގުޅިގެން މި ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ވަނީ އިތުރަށް ގުޅުން ވަރުގަދަ ކޮށްފައެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު، އެމްއެންޑީއެފްގެ 4 އޮފިސަރުން – ޙުސައިން ޒަކީ، އާދަމް ރިޔާޒް، ޙުސައިން ޤާސިމް އަދި އިސްމާޢީލް ނަޞީރު – އިންޑިއަން މިލިޓަރީ އެކަޑަމީގެ 153 ވަނަ ކޯހުން ގްރެޖުއޭޓްވެފައިވެއެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީގައި، “ދޯސްތީ-16” ގެ ނަމުގައި ބޭއްވުނު ތިން ޤައުމުގެ ކޯސްޓް ގާޑް ތަމްރީނު ޕްރޮގްރާމް ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވުނެވެ. ފެބްރުއަރީ 22 އިން 25 އަށް ކުރިއަށްގެންދެވުނު މި ތަމްރީނުގައި ދިވެހިރާއްޖޭގެ ކޯސްޓް ގާޑާއި، އިންޑިއާގެ ކޯސްޓް ގާޑާއި، ސްރީލަންކާގެ ކޯސްޓް ގާޑް ބައިވެރިވިއެވެ. އަދި ބަންގްލަދޭޝް މި ތަމްރީނުގައި އޮބްޒާވަރެއްގެ ގޮތުން ބައިވެރިވިއެވެ. މި ތަމްރީނުގައި ޚާއްސަ އިސްކަމެއް ދެވިފައިވަނީ ކަނޑުމަތީގައި ކުރިމަތިވާ ހާދިސާތަކުގައި އެއްބާރުލުން ދިނުމަށާއި، ހޯދާ-ސަލާމަތްކުރުމުގެ މަސައްކަތްތަކާއި، ކަނޑުގެ މާޙައުލުގައި ދިމާވާ ތިމާވެއްޓާގުޅޭ މައްސަލަތަކާއި އަދި މީހުން ހައްޔަރު ކުރުމުގެ މައްޗަށެވެ.
2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށިގެން، ދެ ޤައުމު ގުޅިގެން ބާއްވާ “އެކުވެރިން” ސިފައިންގެ ތަމްރީނު ޕްރޮގްރާމްގެ 13 ވަނަ ބުރު ދިވެހިރާއްޖޭގައި ބޭއްވުނެވެ. 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ތަމްރީނުގައި އިންޑިއާގެ ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އިސްކަން ދެވުނެވެ.
ހަމަ އެ އަހަރުގެ އޮކްޓޯބަރު 5 އިން 12 އަށް، “އެކަތާ” ތަމްރީނު ޕްރޮގްރާމްގެ 8 ވަނަ ބުރު ދިވެހިރާއްޖޭގައި ބޭއްވުނެވެ. މި ތަމްރީނަކީ މެރިން ކޮމާންޑޯ ތަމްރީނެއް ކަމުގައިވާއިރު، އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިއާގެ ނޭވީގެ މާރކޯސް (MARCOS) ޔުނިޓް މި ތަމްރީނުގައި ބައިވެރިވިއެވެ. މި ތަމްރީނުގައި ބަނދަރު އަދި ކަނޑުމަތީގައި ކުރިއަށް ގެންދެވޭ ތަފާތު ހަރަކާތްތައް ހިމެނިފައިވެއެވެ. ދެ ޤައުމަށް ކުރިމަތިވާ ކަނޑުމަތީގެ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ހުނަރާއި، ފީނުމުގެ ހުނަރާއި، ޙަރަކާތްތައް އިންތިޒާމް ކުރުމުގެ ދާއިރާއިން ތަމްރީނު ދެވުނެވެ.
2025 ވަނަ އަހަރުގެ ޑިސެމްބަރުގައި، “އެކުވެރިން” ތަމްރީނުގެ 14 ވަނަ ބުރު އިންޑިއާގެ ކޭރަލާގެ ތިރުވަންތަޕުރަމްގައި ބޭއްވުނެވެ. މި ތަމްރީނުގައި ކޮންމެ ޤައުމަކުންވެސް 45 ސިފައިން ބައިވެރިވިއެވެ. މީގެ ތެރޭގައި އިންޑިއާގެ ގަރުވާލް ރައިފަލްސް ބެޓެލިއަނާއި އެމްއެންޑީއެފްގެ ސިފައިން ހިމެނެއެވެ. މި ތަމްރީނުގައި ޚާއްސަ އިސްކަމެއް ދެވިފައިވަނީ މިޝަންތައް ރާވާ ކުރިއަށްގެންދިއުމާއި، ސިފައިންގެ ހަރަކާތްތައް އިންތިޒާމްކުރުމާއި، ތަފާތު ވެށިތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށެވެ.
އެންމެ ފަހުން ބޭއްވުނު ތަމްރީނަކީ 2026 ވަނަ އަހަރުގެ ޖަނަވަރީ 17 އިން 19 އަށް ބޭއްވުނު “ދޯސްތީ-17” ތިން ޤައުމުގެ ތަމްރީނެވެ. މިފަހަރުވެސް މި ތަމްރީނު ބޭއްވުނީ ދިވެހިރާއްޖޭގައެވެ. ތަމްރީނުގައި އެމްއެންޑީއެފް، އިންޑިއާ، އަދި ސްރީލަންކާގެ ބާރުތައް ބައިވެރިވެ، ބަނދަރުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި MARPOL (މެރިޓައިމް ޕޮލިއުޝަން) އާގުޅޭ ތަމްރީނާއި، އުޅަނދުފަހަރަށް އަރާ ބަލާ ފާސްކުރުމުގެ ތަމްރީނުތައް ހިމެނިފައިވެއެވެ.
މިފަދަ ތަމްރީނުތަކުގެ އިތުރުން، ދިފާޢީ ދާއިރާގައި ދެ ޤައުމުގެ މެދުގައި އެހެނިހެން ޙަރަކާތްތައްވެސް ކުރިއަށް ގެންދެވިފައިވެއެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރުގެ ޖޫން މަހު ބޭއްވުނު ޖޮއިންޓް ސްޓާފް ޓޯކްސްއާއި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު ދިފާޢީ މަޝްވަރާތައް ހިމެނެއެވެ. މި މަޝްވަރާތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު ވާހަކަ ދެކެވުނެވެ.
ރައީސް މުއިއްޒު އިންޑިޔާ އާއި ދެކޮޅަށް ވެރިކަމަށް ވަޑައިގެން ފެއްޓެވި މަސައްކަތް ވަނީ މިހާރު ހުއްޓާލައި ދެގައުމުގެ ގުޅުން ބަދަލުކުރަން މަސައްކަތް ފަށާފައެވެ. ރައީސް މުއިއްޒުގެ ނާތަހުޒީބު ޚާރިޖީ ސިޔާސަތުގެ ސަބަބުން އޭނާ އަކީ އެއްވެސް ޤައުމެއްގައި މަގުބޫލު މީހެއް ނޫނެވެ.






