ފެންނަ ނުފެންނަ ވޯޓަށް ހޭލުންތެރި ކުރުވުމުގެ ނަމުގައި ޕީއެސްއެމްއިން ހިންގާ ޕްރޮގްރާމްތަކަށް އިދިކޮޅަށް ފުރުސަތު ނުދީ، 80،000 ރުފިޔާގެ މުސާރަ ނަގައިގެން ޝަކީބު ޕީއެސްއެމް ހިންގަމުން ދަނީ ގާނޫނާ ޚިލާފަށް

ފެންނަ ނުފެންނަ ވޯޓަށް ހޭލުންތެރި ކުރުވުމުގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ މުއިއްޒުގެ އަމުރަށް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްރާރު ވަމުންދާ ހަމަ އެކަނި ސަރުކާރަށް ތާއީދުކުރާ މީހުން ބައިވެރިކޮށްގެން ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދަން ފަށައިފިއެވެ. އަދި މިއީ އެ ކުންފުނި ހިންގަމަށް އުފައްދާފައިވާ ގާނޫނާ ޚިލާފަށް ކަމަށް އެކުްނފުނީގެ އެމްޑީކަމަށް އައްޔަންކުރި ޝަކީބު ހިންގަމުންދާ ބޮޑު ޖަރީމާއެއްކަމަށް ބުނެ ފާޑުކިޔުންތަކުގެ ފާޑުކިޔުން ވަނީ އެކުންފުންޏަށް އަމާޒު ވެފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތަކަކީ ވަކި އަތަކަށް ޖެހިފައިވާ ޕްރޮގްރާމްތަކެކެވެ. ދައުލަތުގެ މީޑިއާއިން ހުރިހާ ފަރާތްތަކަކަށް ހަމަހަމަ ފުރުސަތު ދޭންޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، އިދިކޮޅު އެއްވެސް ފަރާތަކަށް މި ޕްރޮގްރާމްތަކުން ފުރުސަތު ދީފައިނުވާކަމުގެ ކަންބޮޑުވުން އާންމުންގެ ބައެއް ފަރާތްތަކުންނާއި ސިޔާސީ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

މީގެ އިތުރުން، 80،000 ރުފިޔާގެ ބޮޑު މުސާރައެއް ނަންގަވައިގެން ޝަކީބު ޕީއެސްއެމް ހިންގަވަމުން ގެންދަވަނީ ޕީއެސްއެމްގެ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޕީއެސްއެމްގެ ގާނޫނާ ޚިލާފަށް އެ ކުންފުނި ހިންގަމުން ދިއުމަކީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫނެވެ؛ އެއީ ސީދާ ކޮރަޕްޝަންގެ އަމަލެކެވެ. އަދި މި މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ފައިސާއިން ހިންގާ، މިނިވަންކަމާއި ހަމަހަމަކަމާއެކު މައުލޫމާތު ފޯރުކޮށްދޭންޖެހޭ މުއައްސަސާއަކަށް ވާއިރު، މިފަދަ ތުހުމަތުތަކެއް ފެންމަތިވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

ޝަކީބު ޕީއެސްއެމްގެ ހިންގުމާ ހަވާލުވީ އޭނާއަށް 80،000 ރުފިޔާގެ ބޮޑު މުސާރައެއް ދިނުމަށް މުއިއްޒު ނިންމެވުމުންނެވެ. މިއީ ދައުލަތުގެ “އޭ” ކެޓަގަރީގެ ކުންފުނިތަކަށް ދޭ މުސާރައަށްވުރެވެސް ބޮޑު މުސާރައެކެވެ. އެހެންނަމަވެސް ޝަކީބުގެ އެދުމުގެ މަތިން، ދަރަނި ވެރިވެފައި އޮތް ކުންޏަކުން އޭނާއަށް ދައުލަތުގެ “އޭ” ކެޓަގަރީގެ ކުންފުނިތަކުން ދޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ދެމުންދާކަން އެންމެ ފުރަތަމަ އޮތީ ސިއްރު ކޮށްފައެވެ. އެހެންނަމަވެސް މީޑިއާތަކުން ވަނީ އެކަން ފަހުން ފަޅާ އަރުވާލާފައެވެ.