ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު އެމްޑީޕީން ހުރަސްއަޅާކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ދެއްކެވި ވާހަކަފުޅަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މި ބަހުސް އުފެދިފައިވަނީ ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަން އުޅޭ އިޞްލާޙާ ގުޅިގެންނެވެ. ޢަލީ އާރިފް ވިދާޅުވެފައިވަނީ، އިންތިޚާބުތައް އެއްކޮށް ބޭއްވުމަކީ އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮތް ކަމެއް ކަމަށާއި، ނަމަވެސް ސަރުކާރުން ކިތަންމެ ރަނގަޅު ކަމެއް ކުރަން އުޅުނަސް އެ ޕާޓީން އެކަމާ ދެކޮޅު ހަދަމުންދާ ކަމަށެވެ.
މިކަމަށް ރައްދުދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ކަމެކޭ ކިޔާފައި ބާލިޣުނުވާ ކުޑަކުދިން ދައްކާ ފަދަ ވާހަކަތައް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ގެނެވޭ ކޮންމެ އިޞްލާޙަކީ އިޖްރާއީ ގޮތުންނާއި (ފޯރމަލް ކޮންސްޓިޓިޔުޝަނަލް ލެޖިޓިމެސީ) މައުޟޫޢީ ގޮތުން (ސަބްސްޓެންޓިވް ލެޖިޓިމެސީ) ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިޞްލާޙަކަށް ވާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ދީދީ އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، މިހާރު ގެންނަން އުޅޭ އިޞްލާޙަކީ ދުސްތޫރީ އަދި ޤާނޫނީ އިޖްރާއާތުތަކަށް އިޙުތިރާމްކުރުމެއް ނެތި، ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ގެނެވޭ “ތަޢައްސުފީ” އިޞްލާޙެކެވެ. އަދި މިކަމުގެ ޤާނޫނީ ތަފްޞީލުތަކާއި ނުކުތާތަކަށް ކަމާބެހޭ މާހިރުން އެކިއެކި ފޯރަމްތަކުގައި މީގެ ކުރިންވެސް އަލިއަޅުވާލައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





