މާލޭގެ ހަލަބޮލި މާހައުލުގެ ތެރެއިން، އޭރުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުގެ ހިތްޕުޅުގައި އީޝާއަށްޓަކައި ޚާއްސަ ޖަޒުބާތުތަކެއް އުފެދި، އެ ދެމެދުގައި ލޯބީގެ ފޮނި ގުޅުމެއްގެ ބިންގާ އެޅިގެން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، މި ގުޅުން އިތުރަށް ބަދަހިވެ، ދެ ހިތުގެ ވިންދު އެކުވެގެން ދިޔައީ ވަރަށްވެސް ސީރިއަސް އިންތަކަކަށެވެ. ލޯބީގެ ނިމުން ކައިވެންޏަކާ ހަމައަށް ގެންދިއުމަށް، އީޝާއަކީ އެމަނިކުފާނުގެ ދެވަނަ އަނބިކަނބަލުންގެ ގޮތުގައި ހަމަޖެއްސެވުމަށް މުއިއްޒު ނިންމެވީ، އެ ލޯބީގެ ފުންކަމާއި ތެދުވެރިކަން އީޝާއަށް ސާބިތުކޮށްދެއްވަމުންނެވެ.
ނަމަވެސް، މި ފޮނި ހުވަފެންތަކުގައި ކުލަ ނުޖެހެނީސް، ތަގުދީރުގެ ނިޔާ މުއިއްޒު ގެންގޮސްދިނީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިކަމުގެ ތަޚުތަށެވެ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމާއެކުވެސް، އީޝާއަށް ދެއްވާފައިވާ ލޯތްބަކަށް އުނިކަމެއް ނާދެއެވެ. އެމަނިކުފާނު ވަނީ އީޝާއަށް ރައީސް އޮފީހުން ވަޒީފާއެއް ހަމަޖައްސަވައިދެއްވައި، އެންމެ ގާތުގައި ބެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ. ރައީސް އޮފީހުގެ ހަތަރު ފާރުގެ ތެރޭގައި، އެތައް ބައެއްގެ ލޯތަކަށް ސިއްރުން، މި ދެ ހިތުގެ ލޯބީގެ ބައްދަލުވުންތައް ކުރިއަށް ދިޔައީ ވަރަށްވެސް ޖަޒުބާތީ ގޮތެއްގައެވެ. ދެ އަންބަށް ކައިވެނިކުރައްވާނެ ކަމުގެ ވައުދު ތަކުރާރުކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކޮށްދެއްވާނެ ކަމުގެ އުއްމީދީ މަންޒަރުތައް އީޝާއަށް ދެއްކެވިއެވެ.
އެހެންނަމަވެސް، ލޯބީގެ މި ރީތި ބަގީޗާއަށް ހޫނު އަވީގެ އަސަރުކުރަން ފެށީ، މުއިއްޒުގެ ފަރާތްޕުޅުން އީޝާއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިނުދެއްވައި، ފަސްޖެހިވަޑައިގަންނަވަން ފެއްޓެވި ހިސާބުންނެވެ. މަޖިލީހުގެ ގޮނޑިއާއި، ސަރުކާރުގެ އިސް މަގާމެއްގެ ވައުދަށް މުއިއްޒު ޚިޔާނާތްތެރިވެވަޑައިގަތުމަކީ އީޝާގެ ހިތުގައި ރިއްސާލި ކަމެކެވެ. މީގެ އެންމެ ބޮޑު ސަބަބަކަށްވީ، މި ސިއްރު ލޯބީގެ ގުޅުން މުއިއްޒުގެ އަނބިކަނބަލުން ސާޖިދާއަށް ފަޅާއެރުމެވެ. ސާޖިދާގެ ނުރުހުމާއި ނުފޫޒުގެ ކުރިމަތީގައި، ރައީސް މުއިއްޒަށް މަޖުބޫރުވެވަޑައިގަތީ އީޝާއާއެކު ފެއްޓެވި ލޯބީގެ ގުޅުން ގުރުބާން ކުރައްވާށެވެ. އީޝާ ރައީސް އޮފީހުގެ ވަޒީފާއިން ވަކިކުރައްވައި، އެއްކަލަ ފޮނި ވައުދުތައް މާޒީގެ ތެރެއަށް ދޫކޮށްލެއްވީ، އީޝާގެ ހިތް ކުދިކުދިކޮށްލައްވާފައެވެ.
މުއިއްޒުގެ މި ބޭވަފާތެރިކަމާއި ދުރުވުމުގެ ސަބަބުން ލިބުނު ފުން ޒަޚަމްތަކަށް ފަރުވާއެއް ހޯދުމުގެ ނިޔަތުގައި، އީޝާ މަސައްކަތްކުރީ އެ ހިތްދަތި ހަނދާންތަކާ ދުރަށް ދިއުމަށެވެ. މިގޮތުން، ފެނަކައިގެ އޭރުގެ އެމްޑީ މުއާޒްއާއި ސްޓެލްކޯގެ އޭރުގެ އެމްޑީ ސަމާހުއާ އެކު އީޝާ ލޯބީގެ ގުޅުންތަކެއް ފެއްޓެވިއެވެ. ނަމަވެސް، ލޯބީގައި ބޭވަފާތެރިވި ނަމަވެސް، ރައީސް މުއިއްޒުގެ ހިތްޕުޅުގައި އީޝާއާމެދު އޮތް މިލްކުވެރިކަމުގެ އިޙްސާސާއި ހަސަދަވެރިކަން ފިލައިގެން ނުދެއެވެ. އީޝާއާއި އެ ދެ ބޭފުޅުންނާ ދެމެދު އޮތް ގުޅުން މުއިއްޒަށް އެނގިވަޑައިގަތް ހިސާބުން، އެމަނިކުފާނުގެ ކޯފާގެ ހުޅުގަނޑު ފަޅައިގެން ގޮސް، ވެރިކަމުގެ ބާރުގެ ބޭނުންކުރައްވައި މުއާޒްއާއި ސަމާހު ވަޒީފާއިން ވަކިކުރެއްވީ، ލޯބީގެ މައިދާނުގައި އުފެދުނު ޖަޒުބާތީ ހަސަދައިގެ ބޮޑުކަމުންނެވެ.
އާދޭހެވެ! މުއިއްޒު އީޝާއަށް ދިނީ ހިތްދަތިކަމާއި ކޮޅުކެއްސެވެ. އީޝާގެ މުޅި ދުނިޔެ ބަނަކޮށް އަނދިރިކޮށްލާފައެވެ. އަނބިކަނބަލުން ސާޖިދާގެ ނުފޫޒާ ހެދި ކަމަށް ވިޔަސް، އީޝާގެ އަތުގައި ހިފައި ވެވަޑައިގެންނެވި އެތައް ހާސް ލޯބީގެ ވަޢުދުތަކަކަށް ޚިޔާނާތްތެރިވެ، އީޝާ ބާކީކޮށްލުމަކީ، އީޝާގެ ޒަޚަމްވެފައިވާ ހިތަށް ދުވަހަކުވެސް މާފުކުރެވޭނެ ކަމެއް ނޫނެވެ.
އެހެންނަމަވެސް، އެ ބޭވަފާތެރިކަމުގެ ވާހަކަތައް މިއަދު އާންމުކޮށް ގޮވާލުމުގެ ބާރެއް އީޝާގެ ކިބަޔަކު ނެތެވެ. މުއިއްޒުއަކީ މިއަދު ޤައުމުގެ ވަލިއްޔުލްއަމްރެވެ. އެންމެ މަތީ ބާރުވެރިޔާއެވެ. ކޯފާ އިސްކުރައްވައިފިނަމަ، އީޝާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާލަފާނެއެވެ. މިއަދު އީޝާ އެހުރީ ހަދާނެގޮތް ހުސްވެ، ހަތަރުދަރަސް ބެނދިފައެވެ. އެކޮޅަށް ޖެހުނަސް، މިކޮޅަށް ޖެހުނަސް އޮތީ ހުސް ބިރުވެރިކަމާއި ވޭނެވެ. ހިތްދަތިކަމާއި ވޭނާއި ކެކުޅުމާއި އަދި ނާމާންކަން ވަނީ ވަށާލާފައެވެ.
އެކަމަކު… އީޝާ ޔަޤީންކުރާ އެއް ކަމެއް އޮވެއެވެ. ކޮންމެ ކަމަކަށްވެސް ވަގުތާއި ދަނޑިވަޅު އަންނާނެއެވެ. އީޝާގެ މުޅި ޙަޔާތް އެފުށްމިފުށަށް ޖަހައި ބަރުބާދުކޮށްލުމަށްފަހު، އެ ބޭވަފާތެރިކަމުގެ މަތީގައި ފިލާހުރެ މުއިއްޒުއަށް މުޅި އުމުރު އުފަލެއްގައި ނޫޅެވޭނެއެވެ. އީޝާއަށްވެސް ދުވަހެއް އަންނާނެއެވެ! ފޮރުވިފައިވާ ހުރިހާ ޙަޤީޤަތެއް ހާމަކުރުމުގެ ހިތްވަރާއި ބާރު އެދުވަހު އީޝާގެ ކިބައިގައި ހުންނާނެއެވެ. އެދުވަހަކުން، އީޝާގެ ލޮލުން އޮހޮރުނު ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލު ހިފާނެއެވެ. ބަދަލު ހޯދަންވެސް ހޯދާނެއެވެ.
މިއީ، ބާރާއި ނުފޫޒުގެ ކުރިމަތީގައި ލޯތްބާއި ވައުދުތައް ފަނޑުވެ، ހިތްދަތިކަމާއި ބޭވަފާތެރިކަމުގެ ކަރުނައިން ލިޔެވިފައިވާ، ރާއްޖޭގެ އެންމެ މަތީ ފަޑީގައި ހިނގައިދިޔަ ހިތްދަތި ލޯބީގެ ވާހަކައެކެވެ.





