ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާފައިވާ ދައުލަތުގެ މީޑިއާއެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ އެ މުއައްސަސާގެ އަސްލު މަގުސަދާ ޚިލާފަށް، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޝަކީބު މަހަކު 80،000 ރުފިޔާގެ ބޮޑު މުސާރައެއް ނަންގަވައިގެން، ވަކި އަތަކަށް ބުރަވެ ސަރުކާރުގެ ކެމްޕޭން މެޝިނަރީއެއްގެ ގޮތުގައި އެތަން ބޭނުންކުރައްވަމުން ގެންދަވާ މަންޒަރެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ގައުމަށާއި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޣައްދާރެކެވެ.
ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުމުގެ ނަމުގައި ޕީއެސްއެމްއިން ގެނެސްދެމުންދާ ޕްރޮގްރާމްތަކަކީ ސީދާ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެކަނި ފުރުސަތު ދީގެން ހިންގާ، ވަކި އަތަކަށް ޖެހިފައިވާ ޕްރޮގްރާމްތަކެކެވެ. ގާނޫނީ ގޮތުން ދައުލަތުގެ މީޑިއާއިން އިދިކޮޅު ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ދޭންޖެހޭއިރު، އެ ފުރުސަތުތައް ބަންދުކޮށް، ހަމައެކަނި ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރުމަކީ ގާނޫނާ ޚިލާފު، އަދި ޑިމޮކްރެސީގެ އުސޫލުތަކާވެސް ބީރައްޓެހި އަމަލެކެވެ.
މިފަދަ ބޭއިންސާފު ގޮތަކަށް މުއައްސަސާ ހިންގަވަމުން ގެންދަވާއިރު، އެމްޑީ ޝަކީބުގެ މުސާރައިގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. ބޮޑެތި ދަރަނިތަކެއް އޮތް ކުންފުންޏަކުން، ދައުލަތުގެ ފައިދާވާ “އޭ” ކެޓަގަރީގެ ކުންފުނިތަކުންވެސް ނުދޭ މިންވަރުގެ ބޮޑު މުސާރައެއް ކަމަށްވާ 80،000 ރުފިޔާ ނެންގެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، މި ބޮޑު މުސާރައިގެ މައުލޫމާތު ފުރަތަމަ ސިއްރުކޮށްފައި އޮތުމަށްފަހު، މީޑިއާތަކުން އެކަން ފަޅާއަރުވާލުމުން މިކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް އެކުލެވިގެންވާކަމަށް ކުރެވޭ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.
ރައްޔިތުންގެ ފައިސާއިން މިފަދަ ބޮޑު މުސާރައެއް ނަންގަވައިގެން އިންނަވައި، ދައުލަތުގެ މީޑިއާގެ މިނިވަންކަން ނަގާލައި، ވަކި ކޮޅަކަށް ބުރަވެ ކެމްޕޭން ކުރުމަށް އެ މުއައްސަސާ ބޭނުންކުރުމަކީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫނެވެ. އެއީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ އިތުބާރު ނަގާލައި، ގައުމަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތަކާއި ޣައްދާރެކެވެ. ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަތައް ވަގުތުން ތަހުގީގުކޮށް، ރައްޔިތުންގެ މީޑިއާ އޭގެ އަސްލު މަގުސަދަށް ރުޖޫއަކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.





