ދޫނިތައް ނުކުމެ ދެއްކީ ހުތުރު ނަމޫނާއެއް — ގާނޫނު އޮތީ ހަމައެކަނި ރައްޔިތުންނަށް ބާ؟

13 މާރިޗު 2026 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީން މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރުން ދިވެހި ރައްޔިތުންނަށް ފެނިގެން ދިޔައީ ހިތާމަވެރި، އެހެނަސް ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން މަންޒަރެކެވެ. ގާނޫނު ހެދުމުގައި ބައިވެރިވާ ބޭފުޅުންނާއި ގާނޫނު ތަންފީޒުކުރަންޖެހޭ ބޭފުޅުން، ދެއްކެވީ ގާނޫނަކީ އެ ބޭފުޅުންނަށް ނުހިނގާ އެއްޗެއްކަމުގެ ހުތުރު ނަމޫނާއެކެވެ.

ސައިޒަށް ވުރެ ބޮޑު ސައިކަލު، ސައިޒަށް ވުރެ ބޮޑު ބާރުވެރިކަން

މި ސައިކަލު ބުރުގައި ފެނިގެން ދިޔައީ ތިމާގެ ހަށިގަނޑާ ނުބައްދަލު، ތިމާގެ ޖޯރާ ނުގުޅޭ ބިޔަ ބޮޑެތި ސައިކަލުތަކަށް ސަވާރުވެ، ފާޓު ފުޅާކޮށްގެން ދެއްކެން އުޅުނު މަންޒަރެވެ. ނަމަވެސް ގާނޫނީ ނަޒަރަކުން ބަލާއިރު، އަހަރީ ފީ ނުދައްކާ ހުރި ސައިކަލާއި، ނަމްބަރު ބޯޑުގެ މިންގަނޑާ ޚިލާފު ސައިކަލާއި، ރަޖިސްޓްރީ ގާނޫނާ ފުށުއެރުންތައް ހުރި ސައިކަލުތައް މި ބުރުގައި ހާމަކަންބޮޑު ގޮތެއްގައި ދުއްވީ ދައުލަތުގެ އިސް ވެރިންނެވެ. މިއީ ހަމައެކަނި ޓެކްނިކަލް ގޯހެއް ނޫނެވެ. މިއިން ދައްކައިދެނީ ވެރިކަމުގެ ބާރު ލިބުމުން ގާނޫނަކީ ތިމާމެންނަށް ނެތް އެއްޗެއްކަމަށް ދެކޭ ނުރައްކާތެރި ވިސްނުމެވެ. ތިމާއަށް ވުރެ ބޮޑު ސައިކަލަކަށް އެރީ ފެންވަރު ދައްކާށެވެ. އެކަމަކު ދެއްކިގެންދިޔައީ ގާނޫނާ މެދު ހުރި ފަރުވާކުޑަކަމެވެ.

މާލޭގެ މޭޔަރުކަމަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ފެންވަރު

މި ސައިކަލު ބުރުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީން ނެރެފައި ހުރި ކެންޑިޑޭޓު ދުއްވަން އިނީ ދައުލަތުގެ ހަރު މުދަލެއް ކަމަށްވާ މޯލްޑިވްސް ކަސްޓަމްސް ސާރވިސް ނަންމަތީ އޮތް ބިޔަ ސައިކަލެއްގައެވެ. އެ ސައިކަލުގެ ނަމްބަރު ޕްލެޓް ރަޖިސްޓްރީ ކޮށްފައި ވަނީ 2014 ގައި ތަފާތު ސައިކަލަކަށެވެ. 2022 ވަނަ އަހަރުން ފެށިގެން އަހަރީ ފީ ނުދައްކައެވެ. މާލޭ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ގާނޫނުގެ ދަށުން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުންނަ މީހާ، ގާނޫނީ ގޮތުން ސައްހަ ނޫން ސައިކަލެއްގައި، ދައުލަތުގެ މުދާ ސިޔާސީ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން، ފުއްޕާލާފައި މާލޭ މަގުތަކަށް ނުކުތުމުން ސާފުވާ ކަމެއް އެބަ އޮތެވެ. ގާނޫނެއް ގަވާއިދެއް ނޭނގޭ ބޭފުޅަކު ޝަހަރެއް ހިންގާނީ ކިހިނެއް ހެއްޔެވެ؟ ގާނޫނަށް ހުރުމަތްތެރިކޮށް ހިތަން ނޭނގޭ ބޭފުޅަކު ރައްޔިތުންނަށް އިންސާފު ހޯދައިދޭނީ ކޮން ގާނޫނެއް ހިފައިގެން ހެއްޔެވެ؟

ބޮޑެތި މީހުންނަށް މޮޅު ގޮތް، ނިކަމެތި ރައްޔިތުމީހާއަށް ދެރަ ގޮތް

ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރާއި، ދައުލަތުގެ ވެރިންނާއި، ސްޓޭޓް މިނިސްޓަރުން ނުކުމެ، ނަމްބަރު ޕްލެޓުގެ ގާނޫނީ މިންގަނޑާ ޚިލާފު ސައިކަލުތަކުގައި، ފޯނު ކަންފަތުގައި ޖައްސައިގެން ސައިކަލު ދުއްވައި، މާލޭގެ މަގުތައް ބަންދުކޮށް، އެމްބިއުލާންސަށް ދަތިވާ ގޮތަށް ސައިކަލު ބުރު ޖެހީ ފުލުހުންގެ ހިމާޔަތުގައެވެ. ހަމަ އެ ފުލުހުންނެވެ. އާންމު ރައްޔިތުމީހާ ޒޯން ގޯސްވެގެން ސައިކަލު ޕާކުކޮށްފައި ބަހައްޓާތާ ގަޑިއެއް ނުވެ ޓޯ ކޮށް، ސައިކަލު ފުނޑާލާ ފުލުހުންނެވެ. ވެރިންގެ ސައިކަލުތަކުގައި ގާނޫނާ ޚިލާފު ހުރިހާ ކަމެއް ފެންނަން ހުއްޓައި، ޓޯ ނުކުރީ ކީއްވެ ހެއްޔެވެ؟ ޖޫރިމަނާ ނުކުރީ ކީއްވެ ހެއްޔެވެ؟ ޖަވާބު ސާފެވެ. މި ގައުމުގައި ގާނޫނު ހިނގަނީ ނިކަމެތި ރައްޔިތުމީހާގެ ބޮލުގައި އެކަންޏެވެ. ބާރުގައި ތިބި މީހުންނަށް ގާނޫނަކީ ބެލުމެއް ނެތް ކަރުދާސްގަނޑެކެވެ.

މިވަރުގެ ބައެއްގެ އަތްމައްޗަށް ހުރިހާ ބާރެއް ދީގެން ނުވާނެ

ގާނޫނަށް ފައިން އެރުމަކީ ސައިކަލު ބުރެއްގައި ވެރިން ދައްކާ ނަމޫނާ ކަމުގައި ވާނަމަ، މުޅި ގައުމުގެ ހުރިހާ ކައުންސިލެއް ވެސް މިފަދަ ބައެއްގެ އަތްމައްޗަށް ދޫކޮށްލައިފިނަމަ ކިހިނެއް ވާނެ ހެއްޔެވެ؟ ކުޑަކުޑަ ސައިކަލު ބުރެއްގައި މިވަރު ވާނަމަ، ރައްޔިތުންގެ ބިމާއި ފައިސާ އާއި ހައްގުތައް ގެއްލިގެންދާނީ ކިހާ ފަސޭހައިން ހެއްޔެވެ؟ ދައުލަތުގެ މުދާ ސިޔާސީ ކެމްޕޭނަށް ބޭނުންކުރުމާ، ގާނޫނު ފޫއަޅުވައިގެން މަގުތަކަށް ނުކުތުމާ، އެކަން ހާމަކުރަން ނޫސްތައް ނުކެރުމާއި، މިހެން ކަންކަން ފެނިފެނި ތިބެ ހަނު ތިބެއްޖެ ނަމަ، ނޮޅާ ހުސްކޮށްލާކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ އަށް ނޫނެކޭ ބުނަންވީ މި ސަބަބަށްޓަކައި

ކައުންސިލް އިންތިޚާބަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްކުރާނެ ބައެއް ކަނޑައެޅުމެވެ. ނަމަވެސް ޚިދުމަތުގެ ބަދަލުގައި ޕީއެންސީން ރައްޔިތުންނަށް ފެންނަނީ ގާނޫނާ ޚިލާފު ސައިކަލު ބުރެވެ. ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ ތަނެވެ. ނިކަމެތި ރައްޔިތުމީހާއަށް ގާނޫނީ ދަގަނޑު އަތް، ބާރުގައި ތިބި މީހުންނަށް ގާނޫނީ ސޮފްޓު ބާލީހެވެ.

އެހެންކަމުން ސައިކަލު ބުރުން ފެނުނު މި ހުތުރު ނަމޫނާ ހަނދާނުގައި ބެހެއްޓުން މުހިއްމެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމުން ނިންމަންވީ ސައިކަލު ބުރުގެ ފޮޓޯތައް ބަލާފައެވެ. ޕީއެންސީގެ ވެރިކަމުގެ ހަމަޔަކީ، ވެރީންނަށް ވެރިކަމެވެ. ތިން ބާރުވެސް ވެރީންނަށެވެ. ރައްޔިތުންނަށް ޖަލު ކުޑަ ގޮޅިއެވެ. އެހެންނަމަވެސް ގާނޫނު ހިންގަނީ ހަމައެކަނި ނިކަމެތި ރައްޔިތުމީހާއާ ދެކޮޅަށް ކަމުގައި ވާނަމަ، ވޯޓުން ޖަވާބު ދިނުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ޖަވާބަކީ ޕީއެންސީ އަށް ނޫނެކޭ ބުނުމެވެ.