ރޯދަމަހުގެ ފަހު ދިހައެއްގައި އަޅުކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރު ބަންދުކުރުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކެމްޕޭން ހަރަކާތްތަކުގައި އުޅުއްވައި، ރައްޔިތުންނަށް ގެންދަވަނީ ވަރަށްވެސް ނުރަނގަޅު ނަމޫނާއެކެވެ.
އަޅުކަމަށް ހާއްސަކުރުމަށް ކަމަށް ބުނެ ސަރުކާރު އޮފީސްތައް ބަންދުކުރި ނަމަވެސް، ފަހު ދިހައިގެ މާތް މައްސަރުގެ ގިނަ ރޭތަކުގައި ފެނިގެންދަނީ، ސާޖިދާ ސިޔާސީ ޖަގަހަތައް ހުޅުއްވައި، ޕޯޑިއަމްތަކުގައި ވާހަކަދައްކަވައި، ނެތިމޮށުމުގެ އަމަލުތަކުގައި ޝާމިލްވެވަޑައިގަންނަވާ ތަނެވެ. މިއީ ދީނީ ކަންކަމަށް ލޯބި ޖެއްސުމަށާއި އަޅުކަމަށް އިސްކަންދިނުމަށް ކަމަށް ބުނެ ރައީސް އޮފީހުން ދެއްކި އުޒުރާ މުޅިން ހިލާފު، އަދި ގައުމުގެ އެންމެ އިސްވެރިންގެ ފުށުން ފެނިގެންވާނެ ފަދަ ކަންކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން މުއިއްޒު ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އަމަލީ ގޮތުން އެ ބޭފުޅުންގެ ފަރާތުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ރޯދަމަހުގެ ފަހު 10 އާއި ކުޑައީދު ބަންދު ދުވަސްތަކާ އެކު ޖުމްލަ 15 ދުވަހަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދުވާއިރު، ފިތުރު އީދުގެ ބަންދު ދުވަސްތައް މާޗު 31 އިން ފެށިގެން އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހާ ހަމައަށް ލިބޭނެ ކަމަށް މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. އޭގެ ފަހުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ ހަފުތާ ބަންދު ކަމަށް ވާތީ ދެން ސަރުކާރު ހުޅުވޭނީ ހަފުތާއެއްހާ ދުވަހުގެ ބޮޑު ބަންދަކަށް ފަހު އޭޕްރީލް 6 ގަ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވަނީ އީދު ބަންދާ ގުޅިގެން މެދުނުކެނޑި ބަންދު ދުވަސްތައް ހަމަޖެއްސެވީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންނަށް އަޅުކަމާއި އާއިލީ ވަގުތު ހޭދަކުރަން ގޮވާލެއްވުމަށްފަހު، މުއިއްޒުގެ ދެމަފިރިކަނބަލުން ރޭގަނޑުގެ ވަގުތުތައް ސިޔާސީ ޕޯޑިއަމްތަކުގައި ހޭދަކުރެއްވުމަކީ ރައްޔިތުންނަށް ދެއްކެވޭ ވަރަށް ނުރަނގަޅު ނަމޫނާއެއްގެ ގޮތުގައި ދަނީ ސިފަވަމުންނެވެ.





