ޖަޕާން ސަފީރުކަމުގައި ހުރެ، މާލޭގަ އުޅެމުން މަހުލޫފު ދަނީ ސަފީރުންނަށް ލިބޭ ބޮޑު އެލަވަންސް ނަގަމުންކަން “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކުރެވިއްޖެއެވެ. ޖަޕާން ސަފީރުކަމުގައި މިހާރު ހުރި މަހުލޫފަށް މުސާރައިގެ ގޮތުގައި މަހަކު 120،000 ރުފިޔާ ލިބޭނެއެވެ.
މަހުލޫފް ޖަޕާން ސަފީރުކަމަށް އައްޔަން ކޮށްފައިވަނީ އެމަގާމްގައި ކުރިން ހުރި ހަސަން ސާބިރު ނިޔާވުމާއި ގުޅިގެންނެވެ. މަހުލޫފް ޖަޕާން ސަފީރުކަމަށް އައްޔަން ކުރިއިރު އޭނާއަކީ ރައީސް ސާލިހުގެ ކެބިނެޓް ވަޒީރެއްގެ ގޮތުގައި ކުރީ ސަރުކާރުގައި ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުމާއެކު އޭނާ ވަނީ އެމްޑީޕީގެ ހަރަކާތްތަކާ ދުރަށް ދާން ފަށާފައެވެ.
މަހުލޫފު ޖަޕާން އެމްބަސެޑަރު ކަމުގައި ހުންނެވިނަމަވެސް އޭނާ މިހާރު ގެންދަވަނީ މާލޭގައި ހުރެ މުއިއްޒުގެ ސަރުކާރުން މިހާރު ކުރަމުންދާ ރެފެރަންޑަމް އަދި ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ބައިވެރި ވަމުންނެވެ. ފޮރިން މިނިސްޓްރީގެ މުވައްޒަފަކު “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި މާލޭގައި ހުރި ނަމަވެސް އޭނާ ގެންދަނީ ފުލް މުސާރަ ނަގަމުންނެވެ. އެހެންނަމަވެސް މާލޭގައި ހުންނައިރު އުސޫލުގައި ވާގޮތުން ލިބޭނީ އަސާސީ މުސާރަ އެކަންޏެވެ. ސަފީރުންނަށް ދޭ ބޮޑު އެލަވަންސްތައް ސަފީރުކަން އަދާކުރާ ގައުމުން ބޭރުގައި އުޅޭނަމަ ސަފީރުންނަށް ލިބޭ އެލަވަންސް ލިބޭ ގޮތަށް އޮންނަނީ ސަފީރުކަން އަދާކުރާ ގައުމުގައި ގާއިމްވެ ހުންނަ ނަމައެވެ.





