ލޯކަލް ކައުންސިލް އިންތިހާބާއެކު ބާއްވާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށް ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޕްރޮގްރާމްތަކަކީ ފަންނީ އަދި އިޖުތިމާއީ ޕްރޮގްރާމްތަކަކަށް ވާތީ، އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ޕްރޮގްރާމްތަކުން ފުރުސަތު ނުދޭކަމަށް ބުނެ އެ ކުންފުނިން ދޮގު ހަދައިފިއެވެ.
ސިޔާސީ ޕާޓީތަކަށް، ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށް ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޕްރޮގްރާމްތަކުން ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދޭކަމަށް ޕީއެސްއެމްއިން ބުނިނަމަވެސް އެ ޕްރޮގްރާމަށް މިހާތަނަށް ފުރުސަތު ދީފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކަށް އެކަންޏެވެ. އޭގެ ތެރޭގައި މިސަރުކާރުގެ އިސް ވަޒީފާތަކުގައި ތިބި ފަރާތްތައްވެސް ހިމެނެއެވެ.
އިދިކޮޅު ފަރާތްތަކުގެ ހިޔާލު ރައްޔިތުންނާ ހަމައަށް ގެނެސްނުދޭކަމަށް ބުނެ އެމްޑީޕީން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ. އެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނީ، މި ވަގުތު އިސްކަންދެނީ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެކަމަށްވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އެމްޑީޕީން އެދުނު ބައްދަލުވުން މިވަގުތު ހަމަޖައްސައިދެވެން ނެތްކަން އަންގައި ޕީއެސްއެމްއިން ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިވަގުތު ހުންނެވީ އުމްރާގެ އަޅުކަމުގައި ކަމަށެވެ. އަދި މިމަހު ފަހުކޮޅު އޭނާ ރާއްޖެ ވަޑައިގަތުމުން ބައްދަލުވުމަށް އެދުމަށް ވަނީ ލަފާދީފައެވެ.
މިކަންކަން ސިޓީއިން އަންގާފައި ވަނިކޮށް، އެމްޑީޕީގެ ފަރާތްތަކުން ވަނީ ޕީއެސްއެމްގެ އިސްވެރިއަކާ ބައްދަލުކުރުމަށް އެދި އެ ކުންފުނީގެ ރިސެޕްޝަން ސަރަހައްދުގައި މައުރިބު ނަމާދާ ހަމައަށް އިހުތިޖާޖުކޮށްފައެވެ. އެކަމާ ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، މެނޭޖިން ޑިރެކްޓަރު ރާއްޖޭގައި ނޫޅުއްވާކަން އަންގާފައިވަނިކޮށް އެމްޑީޕީން ހިންގި އަމަލުގެ ސަބަބުން މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
ނަމަވެސް، ފެންނަ ނުފެންނަ ވޯޓުގެ ޕްރޮގްރާމްތަކުގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދޭކަމަށް ޕީއެސްއެމްއިން ބުނި ނަމަވެސް، އަމަލީ ގޮތުން ކަން ހިނގަމުންދަނީ އެހެންނެއް ނޫނެވެ. އެގޮތުން، ދާދިފަހުން ޕީއެންސީއަށް ސޮއިކުރި، ކުލަ ބަދަލުކުރާ މަހުލޫފަށް ވަނީ ފެންނަ ނުފެންނަ ވޯޓުގެ ޕްރޮގްރާމުން ފުރުސަތު ދީފައެވެ. އަދި އޭގެ އިތުރުންވެސް، އެ ޕްރޮގްރާމުން ފުރުސަތު ދީފައިވަނީ ހަމައެކަނި ޕީއެންސީގެ ފިކުރުގެ ސިޔާސީ މީހުންނަށްކަން ފާހަގަކޮށްލެވެއެވެ.






