ދިވެހި ސަރުކާރުގެ ސިޔާސަތަކީ އީރާނުން އިޒްރޭލާއި އެމެރިކާއަށް ވަރުގަދައަށް ހަމަލާ ދެމުން ދިއުން ކަމަށާއި، އީރާނުން ހަމަލާ ދޭން ވާނީ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާ ދިނުމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ގެއްލުންނުވާ ގޮތަށް އެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާދިނުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ، އަދި ދިވެހި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
“މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އިރާނުން އިޒްރޭލަށް “ރެ އާއި ދުވާލު” ވަރުގަދަ ހަމަލާތަކެއް ދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ގޮތް ކަމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
“އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން،” އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މުސްލިމުންނާއި އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ދޭ ހަމަލާތައް އެމަނިކުފާނު ކުށްވެރިކުރެއްވިއެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު ހިތްވަރު ދެއްވިއިރު، އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ މިވަގުތު ހުންނެވީ ރާއްޖޭގައެވެ. އަދި އޭނާ ވަނީ ރައީސް މުއިއްޒުއާ ބައްދަލު ކުރަން ވެސް އެދިވަޑައިގެންފައެވެ.
އެހެންނަމަވެސް، ރައީސް މުއިއްޒު ވިދާޅުވީ ހަނގުރާމައާ ގުޅޭ ގޮތުން ރާއްޖެއިން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި، ހަނގުރާމައިގެ އެއްވެސް ކަމަކަށް އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްނުދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް މި ހަނގުރާމައަށް އެމެރިކާއަށް ނުލިބޭނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. ރައީސްގެ މި ވާހަކަފުޅުތަކުން، އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް އީރާނުން ކުރިއަށްގެންދާ ހަރަކާތްތަކަށް ދިވެހި ސަރުކާރުގެ ސާފު ތާއީދު އޮތްކަން ހާމަވެގެންދެއެވެ.






