އެމެރިކާގެ މަސްލަހަތުތަކަށާއި އަސްކަރީ ބޭސްތަކަށް ހަމަލާދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޮވާލެއްވުމާ ގުޅިގެން، އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހާއްސަ މަންދޫބު ސާޖިއޯ ގޯ، ރައީސް މުއިއްޒުއާ ބައްދަލުނުކުރައްވައި ރާއްޖެއިން އިއްޔެ ފުރާވަޑައިގެންފިއެވެ.
އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާދިނުމަށް ހިތްވަރުދެއްވާފައެވެ. މުއިއްޒު ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް ހަމަލާދިނުމަކީ ވާންޖެހޭނެ ގޮތް ކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ރައީސް މުއިއްޒުގެ މި ބަޔާނާ ގުޅިގެން، އެމެރިކާ ސަރުކާރުގެ ފަރާތުން އިހުތިޖާޖު ކުރުމުގެ ގޮތުން، ޓްރަމްޕުގެ މަންދޫބު ގޯ ވަނީ ރައީސް މުއިއްޒުއާ އެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލް ކުރައްވާފައެވެ. އޭނާ ރާއްޖެއިން ފުރާވަޑައިގަތީ ހަމައެކަނި ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާ ގޯ އަކީ ޓްރަމްޕުގެ އެޑްވައިޒަރެކެވެ. އަދި އޭނާއަކީ ޓްރަމްޕު ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރުވެސްމެއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ ގޯ ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އިރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގެ އެއްވެސް ވާހަކައެއް އޭނާއާ ނުދައްކަވާނެ ކަމަށެވެ. އަދި އެ ހަނގުރާމައަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާގެ މަންދޫބު ގޯ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު، އޭނާ ރާއްޖޭގައި ހުންނަވަނިކޮށް މަރާލަން ގޮވާލައި ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ފޭސްބުކްގައި ހިންގާ އެކައުންޓަކުން ވަނީ ގޯ އަކީ އެމެރިކާ މީހަކަށް ވާތީ އޭނާ ރަޖަމްކޮށް މަރާލަންޖެހޭ ކަމަށް ބުނެ ޕޯސްޓުކޮށްފައެވެ.






