ދިވެހި ސަރުކާރުގެ ސިޔާސަތަކީ އީރާނުން އިޒްރޭލާއި އެމެރިކާއަށް ވަރުގަދައަށް ހަމަލާ ދެމުން ދިއުންކަން ރައީސް މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މުއިއްޒުގެ ވާހަކަފުޅުތައް ހުރިގޮތުން، އެމަނިކުފާނު ވަނީ ސުލްހަވުމުގެ ބަދަލުގައި މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ވަރުގަދަކޮށް، އެ ސަރަހައްދު ތާއަބަދު ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ބޭއްވުމަށް ހިތްވަރުދެއްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އީރާނުން ހަމަލާ ދޭން ވާނީ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އިޒްރޭލަށް ކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރުގެ ސިޔާސަތު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހަމަލާތައް ދޭންވާނީ އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާނެ ގޮތަށްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ގޮވާލެއްވުމުގެ ބަދަލުގައި ރައީސް މުއިއްޒު ވަނީ ހަނގުރާމަ ފުޅާކުރުމަށް ބާރުއަޅުއްވައި، “ރެ އާއި ދުވާލު” އިޒްރޭލަށް ހަމަލާދިނުމަށް ގޮވާލައްވާފައެވެ. އީރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ގޮތްކަން ހާމަކުރައްވައި، ހަނގުރާމައިގެ އަލިފާންގަނޑު އިތުރަށް ރޯކުރުމަށް ވަނީ ހިތްވަރުދެއްވާފައެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު ހިތްވަރު ދެއްވިއިރު، އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ ހުންނެވީ ރާއްޖޭގައެވެ. އެހެންނަމަވެސް، މުއިއްޒު ވިދާޅުވީ ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެމެރިކާއަށް ހަނގުރާމައިގެ ބޭނުމަކަށް ނުލިބޭނެ ކަމަށެވެ.
މީގެ ކުރިން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ވަނީ ހަނގުރާމައިގައި ޝާމިލުވާ ހުރިހާ ފަރާތަކުން ދޭ ހަމަލާތައް ކުށްވެރިކޮށްފައެވެ. ނަމަވެސް، ރައީސް މުއިއްޒުގެ މިހާރުގެ ވާހަކަފުޅުތަކުން ސާފުވަނީ، ދިވެހި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ މެދުއިރުމަތީގައި ސުލްހަ ގާއިމުވުމުގެ ބަދަލުގައި، އީރާނުން އެމެރިކާއާއި އިޒްރޭލަށް ހުއްޓުމެއްނެތި ހަމަލާދީ، އެ ސަރަހައްދު ތާއަބަދަށް ހަނގުރާމައާއި ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި އޮތުން ކަމެވެ.






