ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ބައިނަލްއަގުވާމީ މައިދާނުގައި ވަރަށް ހަރުދަނާ، އަދި ވަކި އަތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ތަންފީޒުކުރަމުން އަންނަ ގައުމެކެވެ. ފަލަސްތީނުގެ މައްސަލަ ފިޔަވައި، ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ރާއްޖެއިން އަބަދުވެސް ގެންގުޅުނީ ވަކި ފަރާތަކަށް ނުޖެހި، އެއްވެސް ބަޔަކާ ދެކޮޅުވެރިނުވެ ކުރިއަށް ދިއުމުގެ ސުލްހަވެރި ސިޔާސަތެކެވެ. މި ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރާއި އެހީތެރިކަން އަބަދުވެސް ލިބިފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކާއެކު، ސީދާ ވަލިއްޔުލްއަމުރު މިވަނީ މި މުހިންމު ސިޔާސަތު އުވާލައްވައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑު، އަދި އެހާމެ ނުރައްކާތެރި ބަދަލެއް ގެންނަވާފައެވެ.
ފަހަކަށް އައިސް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ، އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އިޒްރޭލަށް އީރާނުން ހަމަލާދިނުމަށް ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި އެއީ ދިވެހި ސަރުކާރުގެ ސިޔާސަތުކަމަށް ވިދާޅުވުމަކީ، އެތައް ޒަމާނެއް ވަންދެން ރާއްޖެއިން ދަމަހައްޓަމުން އައި ސުލްހަވެރި ސިޔާސަތު މުގުރާލުމެވެ. މިއީ ރާއްޖެ ފަދަ ކުޑަ، ފަތުރުވެރިކަމަށާއި ބޭރުގެ އެހީއަށް ބަރޯސާވެފައިވާ ގައުމަކަށް ނުހަނު ނުރައްކާތެރި ކަމެކެވެ. ބައިނަލްއަގުވާމީ މުއާހަދާތަކާއި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތަކަށް، ހަނގުރާމައަށް ހިތްވަރުދެއްވައި ވާހަކަފުޅުދެއްކެވުމަކީ ރާއްޖެއަށް އެއްގޮތަކަށްވެސް ދެމެހެއްޓޭނެ ޚާރިޖީ ސިޔާސަތެއް ނޫނެވެ.
މިކަމުގެ ނޭދެވޭ އަސަރު ވަގުތުން ވަނީ ފެންނަން ފަށާފައެވެ. އެމެރިކާގެ ރައީސްގެ ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖޭގައި ހުންނަވަނިކޮށް ރައީސް މުއިއްޒު މިފަދަ މޭރުމަކުން ވާހަކަފުޅުދެއްކެވުމުން، އިހުތިޖާޖުކުރުމުގެ ގޮތުން އެ މަންދޫބު ވަނީ ރައީސާ ބައްދަލުނުކުރައްވައި ފުރާވަޑައިގެންފައެވެ. މީގެ އިތުރުން، އެމެރިކާ ސަރުކާރުން ވަނީ ރައީސްގެ ވާހަކަފުޅުތައް ކުށްވެރިކޮށް، އެކަން ސާފުކޮށްދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ރަސްމީކޮށް އަންގާފައެވެ. މިއީ ރާއްޖޭގެ ޑިޕްލޮމެޓިކް ތާރީޚުގައިވެސް ކުރިމަތިވި ވަރަށް ނާޒުކު ދަނޑިވަޅެކެވެ.
މި ހުރިހާ ކަމަކުން ސާފުވެގެންދަނީ އެންމެ ހަގީގަތެކެވެ. އެއީ، ރައީސް މުއިއްޒުއަކީ ބަވަނަވަމުންދާ މިޒަމާނުގެ ދުނިޔޭގައި ޑިޕްލޮމަސީއާއި ޚާރިޖީ ގުޅުންތައް ދަމަހައްޓަންވީ ގޮތުގެ ދަންދޮރު ފިލާފައިވާ ރައީސެއް ނޫންކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ބުނުމަށް އިތުރު ބާރެއް ލިބިގެންދާކަމެވެ. ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި، ޖަޒުބާތުގައި ޖެހިވަޑައިގެން ދެއްކެވި މި ވާހަކަފުޅުތަކުގެ ސަބަބުން ރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެދާނެއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ކޯޅުންތަކުގެ ތެރެއަށް ރާއްޖެ ފަދަ ކުޑަ ގައުމަކުން ވަނުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ރާއްޖޭގެ އިގުތިސާދާއި، ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ބައިނަލްއަގުވާމީ މުޖުތަމައުއާއެކު އޮންނަ ބަދަހި ގުޅުމުގެ މައްޗަށެވެ. އެހެންކަމުން، މިހާރު މި ފެންނަ ނުރައްކާތެރި މިސްރާބު ބަދަލުކޮށް، ކުރިން ދަމަހައްޓަމުން އައި ވަކި ފަރާތަކަށް ނުޖެހޭ ސުލްހަވެރި ޚާރިޖީ ސިޔާސަތަށް އަނބުރާ ރުޖޫއަވުމަކީ ދިވެހި ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.






