އެމްޑީޕީ ދޫކޮށް ނުދާނެކަމުގެ ޔަގީންކަން މެމްބަރު ރާއީ ދީފި

އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެޕާޓީގެ ލީޑަރޝިޕަށާއި މެމްބަރުންނަށް އަރުވައިފިއެވެ.

މިގިތުން ރާއީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްމެހާ ލޮބުވެތި މެމްބަރުންނަށް އޭނާ ދޭނެ ޔަގީން ކަމަކީ އޭނާ ސާބިތުވެ ހުންނާނީ އަބަދުވެސް ޕާޓީ އާއި އެކުގައި ކަމަށެވެ.

އަދި އަމުދުން މި ވަގުތަކީ MDPގެ އެއްމެހާ މެމްބަރުން ސާބިތުކަމާއި އެކު ގަދަކޮން ތިބެންޖެހޭނެ ވަގުތުކަން، އަދި އަޅުގަނޑުގެ އެއްމެ ބޮޑު އެދުމަކީ MDP ގެ PG އިއްޒަތްތެރި މެމްބަރުން ޕާޓީ އާއި އާއްމު މެމްބަރުންގެ ހިތްވަރަކަށްވެ، ވަރުގަދަ އަޒުމަކާއި އެކު ޕާޓީ އާއި އެކު ސާބިތުވެ ތިއްބެވުމެވެ. 

ރާއީގެ ޓުވީޓުގައި އޭނާ ވިދާޅުވެފައި ވެއެވެ.

މެމްބަރު ރާއީ އެމްޑީޕީ ދޫކޮށް ނުދާނެކަމުގެ ޔަގީންކަން އޭނާ ދީފައިވަނީ، އޭނާ ވެރިކަންކުރާ ޕީއެންސީއާ ގުޅުމަށް ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުން އަޑުފަތުރާފައި ވަނިކޮށެވެ.

ރާއީ އެމްޑީޕީ ދޫނުކުރާނެކަމުގެ ޔަގީންކަން ދީފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް އިއްޔެވަނީ އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި ޝަރީފްވަނީ އިއްޔެގެ ވަގުތެއްގައި އޭނާ އެމްޑީޕީން ވަކިވުމަށް ސިޓީ ހުށަހަޅުއްވާފައެވެ. ބައެއް ފަރާތްތަކުން “ޚަބަރު އޮންލައިން” އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޝަރީފް އެމްޑީޕީން ވަކުިވުމަށްފަހު ވަރަށް އަވަހަށް ޕީއެންސީއަށް ސޮއި ކުރައްވާނެއެވެ.

ޝަރީފް އެމްޑީޕީން ވަކިވުމާއެކު، މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމްގައި ހުންނެވި، ޝަރީފް ދަރިފުޅު މަރިޔަމް މިޒުނާގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިހާރު މީޑިއާތަކަށް އަންމު ވެފައިވާ، ފޮރިން މިނިސްޓްރީއިން މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންއަށް ފޮނުވާފައިވާ މެސެޖްގައި ވާގޮތުން މެލޭޝިއާގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމްގައި ހުންނެވި, ޝަރީފްގެ ދަރިފުޅު މިޒުނާގެ ޕޯސްޓިންގެ މުއްދަތު ފޮރިން މިނިސްޓަރީން މިހާރުވަނީ އަންނަ އަހަރުގެ މާރޗްމަހުގެ 31 ގެ ނިޔަލަށް އިތުރު ކޮށްދީފައެވެ.

ރައީސް މުއިއްޒު ހުވާކުރުމާއެކު، ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ ޑިޕޮލޮމެޓިކް މިޝަންތަކުގައި ތިބި ސިޔާސީ ހުރިހާ މުއްޒަފުން އެނބުރި ރާއްޖެ އައުމަށް ސަރުކާރުން އަންގާފައިވެއެވެ.

އެހެންނަމަވެސް ބައެއް ބޭފުޅުންގެ އެދުމުގެ މަތިން މިމަހުގެ ނިޔަލަށް ބައެއް ފަރާތްތަކުގެ މަގާމުގެ މުއްދަތު ފޮރިން މިނިސްޓްރީން އިތުރުވެސް ކޮށްދީފައިވެއެވެ.

ޝަރީފް އިއްޔެ އެމްޑީޕީން ވަކިވެފައިވާއިރު، އޭނާ އިއްޔެ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބާވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެއްގައި ވިދާޅުވެފައިވަނީ އޭނާ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ވާދަ ނުކުރައްވާނެކަމަށާއި އަދި ސިޔާސީ މަސްރަހުންވެސް ދުރަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމުގައެވެ.

ޝަރީފް ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެއް މެމްބަރުގެ ގޮތުގައެވެ. އެގޮތުން އޭނާވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު މަޖިލިހުގައި ޚިދުމަތް ކުރައްވާފައެވެ. ޝަރީފް މިއަދު އެމްޑީޕީންވަކިވެވަަޑައިގެންފަައިވާއިރު، އެމްޑީޕީއަކީ އޭނާ އެންމެ ފުރަތަމަ ގުޅުނު ޕާޓީވެސްމެއެވެ. އެހެންނަމަވެސް އެއަށްފަހު އޭނާވަނީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގަވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.

ޝަރީފްއަކީ މިހާރު އަމަލުކުރެވެމުންދާ ފެހު ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ޚާއްސަ މަޖިލިހުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާވަނީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް ކުރެވިގެންދިޔަ އިސްލާހީ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.