މަސްވެރިންނަށް ފައިސާ ނުދިނުމުން, މިއަދު މުޅި ކޫއްޑޫއިން ކަރަންޓު ކަނޑާލަން, އިހުތިޖާޖު ކުރަމުންދާ މަސްވެރިން ތައްޔާރު ވެއްޖެ

ފާއިތުވި 3 ދުވަހުވެސް މަސްވެރިން ކުރި އިހުތިޖާޖުތަކާއެކުވެސް, މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ދެކޮޅު ހެދުމާއި ގުޅިގެން, މިއަދު މެންދުރާއި ހަމައަށް ސަރުކާރަށް ވަގުތު ދިނުމަށްފަހު, މަސްވެރިންގެ ފައިސާ ދޫނުކޮށްފިނަމަ, މުޅި ކޫއްޑުއިން ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރު އިހުތިޖާޖު ކުރަމުންދާ މަސްވެރިން ދީފިއެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކޫއްޑޫގައި މުޒާހިރާ ކުރަމުންދާ މަސްވެރިން ގެންދަނީ, ސަރުކާރުން މަސްވެރިންނަށް ދޭން ޖެހިފައިވާ 300 މިލިއަން ރުފިޔާ ވަގުތުން މަސްވެރިންނާއި ހަވާލުކުރުމަށް ޑިމާންޑްކޮށް ކޫއްޑޫގައި މުޒާހިރާ ކުރަމުންނެވެ. އަދި މި ފައިސާ މަސްވެރިންނަށް ދިނުމަށް ސަރުކާރުން ދެކޮޅު ހެދުމާއި ގުޅިގެން މަސްވެރިން ވަނީ ކޫއްޑޫގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް ގެނެސްފައެވެ.

އެގޮތުން ކޫއްޑޫއިން މިހާރު މަސްކިރަމުން ނުދާއިރު, އިދާރީ އެއްވެސް މަސައްކަތެއްވެސް ކުރަމުންނެއް ނުދެއެވެ.

މަސްވެރިން ކުރަމުންދާ މުޒާހިރާ ކޮންޓްރޯލް ނުކުރެވިގެން, ފިޝަރީޒް މިނިސްޓަރ ޝިޔާމްގެ އިތުރުން މިފްކޯގެ އެމްޑީވެސް ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާއި މަޝްވަރާ ކޮށްފައެވެ. އަދި 300 މިލިއަން ރުފިޔާގެ ތެރެއިން 22 މިލިއަން ރުފިޔާ ދެވިދާނެކަމަށް ވިދާޅުވެ, މަސްވެރިން ކުރަމުންދާ ހަޅުތާލު ހުއްޓާލުމަށް މިފްކޯގެ އެމްޑީ އެދުނު ނަމަވެސް, މަސްވެރިން ބުނެފައިވަނީ މުޒާހިރާ ހުއްޓާލާނީ މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ އެއްފަހަރާ ދިނުމުން ކަމުގައެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން މުޒާހިރާގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މަސްވެރިޔަކު ބުނެފައިވަނީ, ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުޑަ ފައިސާ ކޮޅެއް ދިނުމަށްފަހު, މަސްވެރިން “ގުނބޯ” ހެއްދުމަށް ކަމުގައެވެ.

އަދި އޭނާ ބުނެފައިވަނީ, ފާއިތުވި ފެބްރުއަރީމަހުވެސް ފައިސާ ދޭނެކަމަށް ބުނެ, އެތައް ދޮގެއް ސަރުކާރުން ހަދާފައިވާ ކަމަށާއި, ސަރުކާރުން ދޭ އެއްވެސް ތާރީޚަކަށް މަސްވެރިން ދެން އިތުބާރު ނުކުރާނެ ކަމުގައެވެ.

މި ސަރުކާރުން ރާއްޖޭގެ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން, ގއ. ކޫއްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ވަރުގަދަ ކުރުމާއެކު, ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު މިހާރުވަނީ ކެންސަލް ކުރައްވާފައެވެ.

ރައީސް މުއިއްޒުއާއެކު ރާއްޖޭގެ ދެކުނަށް މިހާރު ދަތުރު ކުރައްވަމުން ގެންދަވާ ބޭފުޅަކު ނަން ހާމަނުކުރުމަށް އެދި “ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ދިން ގޮތުގައި, މުއިއްޒުގެ މި ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ވަޑައިގަތުމަށް އޮތީ ތާވަލު ކުރެވިފައެވެ.

އަދި ކޫއްޑޫގައި މަސްވެރިން ކުރަންފެށި މުޒާހިރާ, ފިޝަރީޒް މިނިސްޓަރ ފޮނުއްވައިގެން ހުއްޓުވޭތޯ މުއިއްޒު މަސައްކަތް ކުރެއްވީ ވިލިގިލީ ދަތުރު ކެންސަލް ނުކޮށްވާނެ ގޮތެއް އޮތްތޯ ބެއްލެވުމުގެ ގޮތުންކަމަށްވެސް “ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް, މުޒާހިރާ ކުރަމުންދާ ފަރާތްތަކުގެ އިހުސާސް ހުރި ގޮތުން, އެމީހުންނާ ކުރިމަތިލައްވަން މުއިއްޒު ބޭނުންފުޅު ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިން ކޫއްޑޫގައި އިހުތިޖާޖް ކުރަމުންދަނިކޮށް, ގއ. ވިލިގިއްޔަށް މުއިއްޒު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރެއްވުމުން, މުއިއްޒުގެ މި ނިންމެވުން މަސްވެރިން ސިފަކުރަމުންދަނީ ފިނޑި އަމަލެއްގެ ގޮތުގައެވެ.

އަދި މިއީ, މަސްވެރިންގ ފައިސާ ހިފެހެއްޓުމަށްފަހު, ދައުލަތުން ސިޔާސީ ބޭނުމަށް ބޭކާރު ބޮޑެތި ޚަރަދު ކުރަމުންދާނީ, މަސްވެރިންނަށް ދޭނެ ޖަވާބެއް ނެތުމުން މުއިއްޒު ނިންމެވި ނިންމެވުމެއްކަމަށްވެސް މަސްވެރިން ބުނެފައި ވެއެވެ.

މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ދިނުން އަންނަ މާރޗް މަހުގެ 5 ވަނަ ދުވަހާހަމައަށް ލަސްކޮށްދިނުމަށް, ފިޝަރީޒް މިނިސްޓަރ ޝިޔާމް ކޫއްޑޫއަށް ޒިޔާރަތްކޮށް އާދޭސް ދެންނެވުމުންވެސް މަސްވެރިން އޭނާގެ އަޑު ނަހާ, ރައީސް މުއިއްޒުއަކީ ވަގެއް ކަމަށާއި, ހުސް ގޮނޑި ކޮބައިތޯ ސުވާލުކޮށް, މި ސަރުކާރަށް ވަނީ ޖަވާބު ދީފައެވެ.

މަސްވެރިން މުޒާހިރާ ކުރަން ފެށުމާއެކު ކޫއްޑުއަށް ވަޑައިގެން ޝިޔާމް މަސްވެރިންގެ ކިބައިން އެދުނީ, އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހާއި ހަަމައަށް މަސްވެރިންގެ އިހުތިޖާޖު މަޑުޖައްސާލަ ދިނުމަށެވެ.

އެހެންނަމަވެސް އޭގެ ޖަވާބުގައި މަސްވެރިން ބުނެފައިވަނީ ސަރުކާރުން ދިން އެތައް ތާރީޚެއް މިޙާރު ފަހަނައަޅައިގެން ހިގައްޖެ ކަމަށާއި, 5 މާރޗްއާއި ހަމައަށް މަޑު ނުކުރާނެ ކަމަށެވެ. އަދި ރައީސް. މުއިއްޒުއަކީ ވަގެއް ކަމަށާއި, ވެރިކަމަށް ވަަޑައިގެންނެވީ ރައީސް ޔާމިނުގެ ނަން ޖެހި ހުސް ގޮނޑި ދައްކައިގެން ކަމަށްވެސް މަސްވެރިން ބުނެފައި ވެއެވެ. އަދި ”ހުސް ގޮނޑި“ ކޮބައިތޯ ސުވާލުކޮށް, މަސްވެރިން ވަނީ މަސްވެރިންނާއި ބައްދަލުކޮށް ޝިޔާމް ދައްކަވަމުން ގެންދެވި ވާހަކަތައް ހުއްޓުވާފައެވެ.

މިމަހުގެ 18 ވަނަ ދުވަހު މަސްވެރިން ކުރަންފެށި މުޒާހިރާ ހޫނުވާން ފެށުމާއެކު, ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ, މިހާރު މަސްވެރިންނަށް ދޭންޖެހިފައިވާ 280 މިލިއަން ރުފިޔާ އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމަށެވެ.

އެހެންނަމަވެސް, ދައުލަތް ބަނގުރޫޓުވެ, ބޭންކު އޮފް މޯލްޑިވްސް އިނދަޖެހި, މިސަރުކާރުން އައިއެމްއެފްގެ “ބޭންކްރަޕްސީ ޕެކޭޖް”އަށް ވަންނަން ނިންމާފައިވާއިރު, މިފައިސާ މި ސަރުކާރަށް މަސްވެރިންނަށް ދެވިދާނެކަމަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ. އަދި ފައިސާ ދޭނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނެކަމަށްވެސް މުޒާހިރާކުރަމުންދާ މަސްވެރިން ވަނީ ބުނެފައެވެ.

މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދިޔަނަމަވެސް, ސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް މުވައްޒަފުން އިތުރު ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް ސަރުކާރުން މަދު ކޮށްފައެއް ނުވެއެވެ.

އެގޮތުން ފާއިތުވި ހަފްތާގައި 48 މީހުންގެ ބޮޑު ވަފްދަކާއެކު މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފައިވާއިރު, އޭގެ ކުރީ ހަފްތާގައިވަނީ, މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއްވެސް ހުޅުވާފައެވެ.

އަދި އިއްޔެ މުއިއްޒު ވަނީ ކޯޓު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި, ކުރީގެ ގާޒީއެއް ކަމުގައިވާ, ރާޣިބަށް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބުކަން ދީފައެވެ.