ރައްޔިތުން ތަމްސީލުކުރަން ރައްޔިތުންގެ މަޖިލިހުގައި ދިރިހުރި އިންސާނަކު ހުރުން ލާޒިމް ނޫންކަމަށް ހުކުމްކުރި އަޒްމިރަލްޑާއަކީ “މެޑިކަލް މާފިޔާ”ގެ ބައިވެރިއެއް! ހުރިހާ ވިޔަފާރިއެއްގެ އަޑީގައި ހުރީ މިހާރުގެ ފިރިމީހާ!

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުން ތަމްސީލުކުރުމަށް ދިރިހުރި އިންސާނަކު ހުރުން ލާޒިމް ނޫންކަމަށް ދާދިފަހުން ހުކުމްކުރި, ސުޕްރިމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރުއަކީ އެކިއެކި ވިޔަފާރިތަކުގައި ސިއްރިޔާތުގައި ހަރަކާތްތެރިވަމުންދާ ފަރާތެއްކަން ހާމަވެއްޖެއެވެ.

އެގޮތުން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްޑާގެ މިހާރުގެ ފިރިމީހާ ގއ. ދާންދޫ އިސްމާއިލް ލަތީފްއަކީ, ރާއްޖޭގައި މިހާރު ކުރެވެމުންދާ އެންމެ ބޮޑު ވަގު ވިޔަފާރި ކަމުގައިވާ “މެޑިކަލް މާފިޔާ”ގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ވިޔަފާރިވެރިއެވެ.

ރާއްޖޭގައި ކުރެވެމުންދާ އެންމެ ބޮޑު ވަގު ވިޔަފާރީގެ ގޮތުގައި ސިފަ ކުރެއްވިފައިވާ “މެޑިކަލް މާފިޔާ”ގެ ވިޔަފާރިއަކީ ރާއްޖޭގެ އެކި ހެލްތު ސެންޓަރުތަކަށާއި, ހޮސްޕިޓަލްތަކަށް ބިޑް ކުރުމަކާ ނުލާ, ޕްރޮޕޯސަލް ހުށަހަޅައިގެން މެޝިނަރީސްއާއި ކޮންޒިއުމަބަލް ސަޕްލައި ކޮށްގެން ކުރަމުންދާ ވިޔަފާރިއެކެވެ.

އެތައް ބިލިއަން ރުފިޔާގެ އަގުހުރި މި ވިޔަފާރި ރާއްޖޭގެ ބައެއް ޑޮކްޓަރުން އިސްވެތިބެ ކުރަމުންދާ ގޮތަކީ, ހިލޭ ބައެއް މެޝިނަރީތައް ހެލްތު ސެންޓަރުތަކަށާއި ހޮސްޕިޓަލްތަކަށް ފޯރުކޮށް ދިނުމަށްފަހު އެތަކެތީގައި ބޭނުންކުރާ ކޮންސިއުމަބްލްއާއި ކެމިކަލްފަދަ ތަކެތި މެޝިން ސަޕްލައި ކޮށްދޭ ފަރާތުން ގަންނަ ގޮތަށް އެ ވިޔަފާރި ކުރަމުން ދިއުމެވެ. އެގޮތުން އެއްވެސް ބިޑް ކުރުމަކާނުލާ, ހޮސްޕިޓަލްތަކުންނާއި އަދި ސިއްޙީ މަރުކަޒުތަކުން ކެމިކަލް ރީއޭޖެންޓުތަކާއި އަދި ކޮންޒިއުމަބަލް ގަންނަނީ މެޝިން ހިލޭ ދޫކުރާ ކުންފުނިންނެވެ. މި ވިޔަފާރިން އެތައް މިލިއަން ރުފިޔާއެއް ކޮންމެ މަހަކުވެސް މެޝިން ހިލޭ ދޭ ކުންފުންޏަށް ލިވެއެވެ.

އަޒްމިރަލްޑާގެ ފިރިމީހާގެ ކުންފުންޏަށް ރައީސް ސާލިހުގެ ސަރުޚާރުގައި ޕްރޮޖެކްޓެއް އެވާޑް ކުރަނީ

އަޒްމިރަލްޑާގެ މިހާރުގެ ފިރިމީހާ އިސްމާއިލް ލަތީފްއަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ މަސައްކަތް ކުރަމުންދަނީ އައިޖީއެމް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް އެނެސްތީސިއޮލޮޖީގެ ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމުގައެވެ. އައިޖީއެމް ހޮސްޕިޓަލަށާއި, އަދި ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކަށާއި ހެލްތު ސެންޓަރުތަކަށް ރީއޭޖެންޓްސްއާއި މެޑިކަލް ކޮންޒިއުމަބަލް ސަޕްލައި ކޮށްދެމުންދާ އޭނާގެ ކުންފުންޏަކީ ވާލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ. މި ކުންފުނީގައި އަޒްމިރަލްޑާގެ މިހާރުގެ ފިރިމީހާގެ ހިއްސާ ރަސްމީކޮށް ފެންނާން މިހާރަކު ނޯވެއެވެ. އޭނާގެ ނަން ކުންފނީގައި ހިއްސާ އޮންނަ މީހުންގެ ލިސްޓުން ނަގާފައިވަނީ އަޒްމިރަލްޑާ ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު ހިސާބުންނެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްޑާގެ ފިރިމީހާގެ ވާލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އަންނަނީ ނުފޫޒު ފޯރުވައިގެން ހުރިހާ ސަރުކާރަކުން ޕްރޮޖެކްޓްތައް ހޯދަމުންނެވެ. އެގޮތުން އެކުންފުނިން ރައީސް ޔާމިންގެ ސަރުކާރުގައާއި ރައީސް ސާލިހުގެ ސަރުކާރުގައިވެސް, މެޑިކަލް ސާމާނާއި ރީއެޖެންޓްސްއާއި ކޮންޒިމަބަލް ސަޕްލައި ކުރުމަށް ވަނީ އެތައް ވިޔަފާރިއެއް ހޯދާފައެވެ.

އަދި މި ކުންފުނިން ޕްރޮޖެކްޓްތަކާއި ވިޔަފާރިތައް ހޯދަމުންދަނީ އަޒްމިރަލްޑާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށްވެސް “ދިޔަވަރު އޮންލައިން” އަށް މައުލޫމާތުދިން ފަރާތުން ބުނެފައި ވެއެވެ.

އަޒްމިރަލްޑާގެ ފިރިމީހާގެ ވާލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ހުރިހާ ސަރުކާރަކުންވެސް ނުފޫޒު ފޯރުވައިގެން ވިޔަފާރި ހޯދަމުންދާއިރު, ސުޕްރިމް ކޯޓުން ދާދިފަހުން ވަނީ ރައީސް މުއިއްޒު ބޭނުންވާގޮތަށް މުހިންމު ހުކުމެއް ކޮށްފައެވެ.

އެއީ ރައީސުލްޖުމުހޫރިއްޔާއާއި, ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލްކުރުމަށް މެމްބަރުން އަދަދު ގުންނަޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ހުސްގޮނޑިތައްވެސް ހިމަނައިގެން ކަމަށް ބުނެ ކުރި ހުކުމެވެ.

މި ހުކުމުގައި ސުޕްރިމް ކޯޓުން ވިދާޅުވެފައިވަނީ, ހުސް ގޮނޑިއަކަށްވެސް ރައްޔިތުންގެ މަޖިލިހުގައި ދާއިރާއެއް ތަމްސީލު ކުރެވިދާނެކަމުގައެވެ. އެގޮތުން, ރައްޔިތުންގެ މަޖިލިހުގައި ދާއިރާއެއް ތަމްސީލުކުރުމަށް ދިރިހުރި އިންސާނަކު ހުރުން ކޮންމެހެން ލާޒިމު ނޫންކަމަށް މި ހުކުމުގައި ބުނެފައިވާއިރު, ދާއިރާގެ ނަންޖެހި ގޮނޑި މަޖިލީހުގެ ފްލޯގައި ހުރުމުން, ދާއިރާގެ ރައްޔިތުންގެ ބަސް, މަޖިލީހުގައި ނެގޭ ވޯޓުގައި ތަމްސީލުވެގެން ދާނެކަމަށްވެސް ސުޕްރިމް ކޯޓުގެ މި ހުކުމުގައި ބުނެފައި ވެއެވެ.