މިހާރު އަރަބިއްޔާ ސްކޫލް ނޭޅިގެން ނޫޅޭ! ހިންގީ ސިޔާސީ ހަރަކާތެއް! މިފަދަ އަނިޔާވެރިންނަށް ސަމާލު ވެލައްވާ!

މީގެ ނުވަ އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރި ކަމަށް ބުނެ، އެތަން ބޮލަށް ވެއްޓެނީ ކަމަށް ބުނެ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ސްކޫލު ހުސްކުރީ ސިޔާސީ ބޮޑު ކެމްޕެއިނެއް ކުރުމަށެވެ. އެފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެބުނާ އިމާރާތުގެ އެއްވެސް ތަނެއް ވެއްޓިފައެއް އަދި މިއަދާއި ހަމައަކަށް ނުވެއެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ޓެސްޓް ތަކުން އެތަނުގެ ސްޓްރެކްޗަރ އަށް އެވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަކަށް ނުވެސް ބެލެވެއެވެ. ނަމަވެސް، އަރަބިއްޔާގެ ބެލެނެވެރިން ކަމަށް ބުނާ ބަޔަކު ނުކުމެ، އަރަބިއްޔާގެ ނަން ހުތުރުކޮށް، ސިޔާސީ ބޮޑު ގޭމެއް ކުޅުނެއެވެ. އޭރު ސްކޫލުގައި ތިބި ދަރިވަރުންތަކަކާއި ބެހެމުން ގެންދިޔައީ ޒަމްޒަމް ފާރިޝް އަރަބިއްޔާ ޓީޗަރެކެވެ. ސްކޫލުގައި ހުރި ހަޤީޤީ މައްސަލަތައް ބެލުމުގެ ބަދަލުގައި މި ނުބައި ބައިގަނޑު އުޅުނީ، ދޮގާއި އޮޅުވާލުމުގެ ތެރެއިން ސިޔާސީ މަގުޞަދެއް ހާސިލް ކުރުމުގައި އަވަދި ނެތިއެވެ. އަދި މި ބައިގަނޑު ވަނީ އަރަބިއްޔާގެ ފިރިހެން އަދި އަންހެން ދަރިވަރުންނާއި ބެހުނު ޒަމްޒަމް ފާރިސް ގެ ހިމާޔަތުގައިވެސް ފަހުން ނުކުމެފައެވެ.

ސިޔާސީ ހަރަކާތެއްގެ ތެރެއިން ގަދަ ހަދާފައި، ޔަހޫދީން ތަކެއްހެން ސްކޫލުން ނުކުމެ، ވަންނާނެ ތަނެއް ނެތިގެން އުޅޭހެން އުޅެން ފެށުމުން، ހައްލެއް ހޯދަން ދެން، ކުރީގެ ފޮރިންގ މިނިސްޓްރީ ހުރި އިމާރާތް އަރަބިއްޔާ ހިންގުމަށް ދިނެއެވެ. ނަމަވެސް މިކަމުގައި ވެސް މި ނުބައި ބައިގަނޑު އުފެއްދީ އިތުރު މައްސަލައެވެ. އުފައްދަމުން ދިޔައީ ފިތުނައާއި ނަފްރަތެވެ. އަރަބިއްޔާގެ ކުދިންނަށް މިހާރު ދޫކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ އިމާރާތެވެ. ރައީސް ސޯލިހް އަރަބިއްޔާއަށް ހައްލު ހޯދުމަށް ކުޅަ ކޮންމެ މަސައްކަތެއް މި ނުބައި ބައިގަޑު ދިޔައީ ސިޔާސީ ކުރަމުންނެވެ.

މި މީހުން ދައްކަމުން ދިޔައި މި މީހުން ދީނީ ޖިހާދަކަށް ނުކުމެގެން އުޅޭ މަންޒަރެވެ. ނަމަވެސް ހިންގަމުން ދިޔައީ އަރަބިއްޔާގެ ނަން ބޭނުން ކޮށްގެން ސިޔާސީ ފިތުނަވެރި ހަރަކާތެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާ އިމާރާތް އަޅަން ދިނީ ބާ ޖަމާލުއްދީން ހުރި ބިމެވެ. މި ބިމުގައި މަސައްކަތް ކުރިއަށް ނުގެން ދިއުމަށް، ސިޓީ ކައުންސިލްގެ މޭޔަރަކަށް އޭރު ހުރި މުއިއްޒު އާއި މި މީހުން ގުޅިގެން ވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ލަސް ކޮށްފައެވެ. މިކަން ކޮށްގެން ތިބެ، އިރު އިރުކޮޅާ ނުކުމެ، އަރަބިއްޔާގެ މަސައްކަތް ސަރުކާރުން ލަސް ކުރަމުން ދާކަމަށް ބުނެ އާންމުންނަށް މި ނުބައި ބައިގަނޑު ދިޔައީ ދޮގު ހަދައި އޮޅުވާލަމުންނެވެ. އެންމެފަހުން އަރަބިއްޔާގެ މަސައްކަތް ކުރިއަށް ނުގޮސްގެން އުޅެނީ ސިޓީ ކައުންސިލުން ލިބެން ޖެހޭ ހުއްދަ ތައް ނުލިބިގެން ކަމަށް ސަރުކާރުން ހާމަ ކުރިއެވެ. ނަމަވެސް އެވާހަކައެއް އެއް ގޮތަކަށްވެސް ނުދައްކައި، ސަރުކާރުން ސްކޫލުގެ މަސައްކަތް ފަށަން ނޫޅޭ ކަމަށް ބުނެ ރައްޔިތުންނަށް ދޮގު ހެދުމުގައި މި މީހުންތައް ތިއްބެވެ.

މުއިއްޒު ވެރިކަމަށް އައިސް، ވަނީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައި އަރަބިއްޔާ އެޅުމަށް ނިންމާފައެވެ. އަރަބިއްޔާ ސްކޫލް ގްރޭޑް 1 އަށް ވަންނާނެ ބަޔަކު ނުވެގެން ޓީވީ އަށް އަރައި ސްކޫލް ޕްރޮމޯޓް ކުރަންޖެހުނު ހަމައެކަނި ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ. އެކަން އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީ މި ފިތުނަވެރި ނުބައި ބެލެނެވެރިންތައް ރައްޔިތުންނަށް ދެއްކި ހުތުރު މަންޒަރުންނެވެ.

އަރަބިއްޔާ އަކީ މުއިއްޒުގެ ހަފްތާ ސާދައިގެ ތެރެއަށް ލާފައިވާ ކަމެއް ކަމުން، އަރަބިއްޔާ ސްކޫލް އަޅާ ކުނިކޮށި ހުރި ބިމުގައި، މަސައްކަތް ކުރިއަށް ގެންދާ ކަމަށް ދައްކަން އެޑިއުކޭޝަން މިނިސްޓަރ އެތާގައި ބޯޑެއް ބަހައްޓައި ފޮޓޯއެއް ނަގައި ހަބަރެއް ހެދުން ފިޔަވައި އަރަބިއްޔާ ސްކޫލް އެޅުމަށް މިސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ނެތެވެ. ކޮންޓްރެކްޓަރ އަކީ ވެސް ކުރީ ސަރުކާރުން ހެދި އެއްބަސް ވުމެއްގެ ދަށުން މަސައްކަތް ހަވާލު ކުރި ފަރާތެވެ. ކުޑަމިނުން އާ ބިމުގައި އަޅާނެ ސްކޫލުގެ ކުރެހުން ގަނޑެއްވެސް އަދި ނެތެވެ.

ނަމަވެސް އެއްކަލަ ނުބައި ބައިގަނޑުގެ ހިލަމެއްވެސް ނެތެވެ. އަރަބިއްޔާ ނޭޅިގެން މިހާރު އެ ނުބައި ބައިގަނޑު ނޫޅެއެވެ. އެ ފިތުނަވެރިން ތައް ވަދެ ފިލައިފިއެވެ. އެމީހުންގެ ތެރެއިން އިސްކޮށް އުޅުނު ފަރާތް މަޖިލީހަށްވެސް ކުރިމަތި ލައެވެ. ސިޔާސީ ވާނީ މިހާކަށް ވަރަކަށެވެ. މި ފަދަ ފާސިގު ނުބައި މީހުން ހިންގާ ޖަރީމާ ތަކުން މާތް ﷲ އަޅުގަނޑުމެން ރައްކާތެރި ކުރައްވާށިއެވެ.

ރާއްޖެއަށް އަރަބި ތައުލީމް ނުހަނު މުހިންމެވެ. ނަމަވެސް ދޮގުވެރި ފިތުނަވެރި، ފާހިޝު ބަޔަކު ސިޔާސީ ބޭނުމަކަށް އިސްލާމް ދީނާއި، އިސްލާމީ ތައުލީމުގެ ދަންމަރު ނަގައިގެން މިހާ ނުބައި ކެމްޕެއިނެއް ހިންގުމަށް ފުރުޞަތު ލިބިގެން ދިޔުމަކީ ރާއްޖޭގެ އިސްލާމީ އަރަބި ތައުލީމަށް އެޅުނު ބޮޑު ހުރަހެކެވެ. އަދި ގިނަބަޔަކު އަރަބިއްޔާ މަތިން ފޫހި ކޮށްލި ކަމެކެވެ. ބެލެނެވެރިން ތަކެއްގެ ނަމުގައި، މި ސިޔާސީ ފިތުނަވެރި ކެމްޕެއިން ކުރީ، ނުބައިކަން ބޮޑު އަނިޔާވެރިންތަކެކެވެ.