ސިއްހީ ދާއިރާގެ މަޝްރޫޢުތައް ހުރީ ހުއްޓިފަ: މިނިސްޓަރު

ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމާށް, ރާއްޖޭގެ ތަރައްގީއަށް ކުރަމުން އައި އެތައް ސަތޭގަ މަޝްރޫއެއް ހުއްޓިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް, ސިއްހީ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުالله ޚަލީލް އެއްބަސް ވެއްޖެއެވެ.

އެގޮތުން ރަށްތަކުގައި ކުރިއަށް ގެންދަމުންދިޔަ ސިއްހީ ދާއިރާގެ ގިނަ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް ޑރ. ޚަލީލު އެއްބަސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޚަލީލް ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް އަޅަން ފަށާފައިހުރިކަމަށެވެ. އަދި އޭނާ ވިދާޅުވީ މަސައްކަތްތައް ހުއްޓުމަށް ތަފާތު އެކި ސަބަބުތައް މެދުވެރިވިއެވެ. އެގޮތުން މިހާރު އެމަސައްކަތްތައް ހުއްޓިފައިވާ އެއް ސަބަބުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ގިނަ މަސައްކަތްތައް އެއްފަހަރާ ކުރަމުން ދިއުން ކަމުގައެވެ.

އެހެންނަމަވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުން މަޑުޖައްސާލާފައި ވަނީ ބަޖެޓުގައި ފައިސާ ނެތިގެން ކަމަށް ފިނޭންސް މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ, މަޝްރޫއުތައް މަޑުޖައްސާލީ (ހުއްޓާލީ) މިހާރު ބަޖެޓުކުރެވިފައި ހުރި މަޝްރޫއުތައް ތަރުތީބުކޮށް، ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކަށް އިސްކަންދޭތީ ކަމުގައެވެ.

ޑރ. ޚަލީލް އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހެލްތު މިނިސްޓްރީއަށް ޕީއެސްއައިޕީ މަސައްކަތްތައް ހިންގުމަށް ލިބިފައިވަނީ 380 މިލިއަނާއި ގާތްކުރާ އަދަދެއްކަމަށާއި އެހެންވެ އެ ބަޖެޓަކީ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާއި ބަލައި ވަރަށް ކުޑަ ބަޖެޓެއްކަމަށެވެ.

އަދި އޭނާ ވިދާޅުވީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނީ ފައިނޭންސް ހުރި ގޮތަކަށް އެ ފައިނޭންސްތައް މެނޭޖުކުރެވޭނެ ގޮތެއްގެ މަތިންކަމަށެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކާއި، އުމްރާނީ އަދި ޒަރޫރީ ބޭނުންތައް ހިމެނޭ ގޮތަށް ރަށްރަށުގެ ތަރައްގީއަށް 6.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ފާއިތުވި 3 މަސް ނިމުނު އިރުވެސް ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ އެންމެ 300 މިލިއަން ރުފިޔާ އެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރު ފެބްރުއަރީ އާއި ހަމައަށް އޭރުގައި އޮތް އެމްޑީޕީގެ ސަރުކާރުން ވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މި މުއްދަތުގައި 2024 ވަނަ އަހަރު މި ސަރުކާރުން ޕްރޮޖެކްޓްތަކަށް ޚަރަދު ކޮށްފައިވަނީ އެންމެ 300 މިލިއަން ރުފިޔާއެވެ.

ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދު ކޮށްފައިވާ މިންވަރު މަދުވުމުން އެއިން ދައްކައިދެނީ، ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ފައިސާ ބަޖެޓް ކޮށްފައި ހުރި ގިނަ ޕްރޮޖެކްޓްތައް ހުއްޓާލާފައި ވާކަމެވެ. ތަރައްޤީ އަށް ރާވާފައިވާ ޕްރޮޖެކްޓްތައް ހުއްޓާލުމަކީ، ޤައުމަށް ވެވޭ ވަރަށް ބޮޑަށް އިހުމާލެކެވެ. ސަބަބަކީ ރަށްރަށުގެ ޒަރޫރީ ބޭނުންތަކަށް ހިންގަމުންދާ މަޝްރޫޢުތައް އެއްކޮށްހެން ހުއްޓުމަކަށް އައިސްފައި ވުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށް ވާތީއެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދުކުރުން ހުއްޓާލުމަށްފަހު ސަރުކާރުން ދަނީ ސިޔާސީ މަގާމްތަކަށް ބޮޑެތި ހޭދަތަކެއްކޮށް, ރާއްޖެއިން ބޭރަށާއި ރަށްރަށަށް ކެމްޕޭން ދަތުރުތައް, ދައުލަތުގެ ބަޖެޓުން, ސިޔާސީ ބޭނުމުގައި ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ.