ބިނާކުރަނިވި ފާޑުކިޔުންތައް ހަޖަމު ނުވެގެން, މުއިއްޒުގެ އިންޒާރު އަނެއްކާވެސް ދިޔަވަރު ނޫހަށް!

ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކޮށް, މިސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށް “ދިޔަވަރު އޮންލައިން” އިން ކުރަމުންދާ މަސައްކަތްތައް ހަޖަމް ނުވެގެން ރައީސް މުއިއްޒު އަނެއްކާވެސް “ދިޔަވަރު އޮންލައިން” އަށް އިންޒާރު ދީފިއެވެ.

ރައީސް މުއިއްޒު މިގޮތަށް އިންޒާރު ދީފައިވަނީ މިރޭ ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައި, ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮތުމަށް ތާއީދު ކުރައްވަނީ ކިހާ މިންވަރަކަށްތޯ ޕްރެސެންޓަރ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޕްރެސެންޓަރުގެ ޖަވާބުގައި މުއިއްޒު ވިދާޅުވެފައިވަނީ ތަފާތު އެކި ނަންނަމުގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ވެބްސައިޓްތަކުން ދޮގު ޚަބަރު ފަތުރަމުންދާއިރު އެފަދަ ކަންކަން ނުހުއްޓުވެނީ ކީއްވެގެންތޯ ކަމާބެހޭ މުވައްސަސާތަކުން ޖަވާބުދޭން ޖެހޭކަމަށް ވިދާޅުވެއެވެ.

ތަފާތު އެކި ނަންނަމުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓްތަކުން ދޮގު ޚަބަރުތައް ފަތުރަމުންދާއިރު އެފަދަ ކަންކަން ނުހުއްޓުވެނީ ކީއްވެތޯ ކަމާބެހޭ މުވައްސަސާއިން ޖަވާބުދޭން އެބަޖެހޭ.

ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމުގައި މުއިއްޒު ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒުގެ މި އިންޒާރަކީ މި ސަރުކާރު ޒިންމާދާރު ކުރުވާ, އަދި ސަރުކާރުގެ ވެރިން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާ, އާންމު ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާ ފަރާތްތަކުގެ މައުލޫމާތު އާންމު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް “ދިޔަވަރު އޮންލައިން”އިން ކުރަމުންދާ މަސައްކަތް މީޑިއާ ކައުންސިލް މެދުވެރިކޮށް ހުއްޓުވުމުގެ ބޭނުމުގައި ދިން އިންޒާރެއްކަށް ގަބޫލު ކުރެވޭކަމަށް “ދިޔަވަރު އޮންލައިން”ގެ މެނޭޖްމަންޓުން ބުނެފައިވެއެވެ.

“ދިޔަވަރު އޮންލައިން”ގެ މެނޭޖްމަންޓުން ބުނެފައިވަނީ, އެހެންނަމަވެސް, ރާއްޖޭގެ މިނިވަން ނޫސްވެރިކަން މަރާލުމަށް ރައީސް މުއިއްޒު ދައްކަވަމުން ގެންދަވާ ބިރަށް ނުސިހި, ތެދު މައުލޫމާތާ ޚަބަރު އާންމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީ, އަދި ޚުދު ރައީސް މުއިއްޒުގެ އިތުރުން މި ސަރުކާރުގެ ވެރިން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަ ހުށްޓުވުމުގައި އެނޫސް ދެމި އޮންނާނޭ ކަމުގައެވެ.

“ދިޔަވަރު އޮންލައިން” ގެ މެނޭޖްމަންޓުން އިތުރަށް ބުނެފައިވަނީ ނޫހުގެ މެނޭޖްމަންޓަކީ ކޮބައިކަން ހާމަކުރުމަށް އޮތް ހުރަހަކީ, އެ ނޫހުގެ މެނޭޖްމަންޓަށް ތަކުރާރުކޮށް ރައީސް މުއިއްޒުގެ ފަރާތުން މަރުގެ އިންޒާރުތައް ލިބެމުން ދިއުމާއެކު ފުރާނައިގެ ރައްކައުތެރިކަން އެއްވެސް މިންވަރަކަށް ނެތުމުގެ ސަބަބުން ކަމުގައެވެ.

އަދި ނޫހުގެ މެނޭޖްމަންޓް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުންގެ މުވައްސަސާއިން ފޯރުކޮށްދީފިނަމަ, ނޫސް ރަޖިސްޓްރީކޮށް, މެނޭޖްމަންޓަކީ ކޮންބައެއްކަން ހާމަކުރުމަށް އެނޫހުން އޮތީ ތައްޔާރަށްކަމަށްވެސް “ދިޔަވަރު އޮންލައިން”އިން ބުނެފައި ވެއެވެ.

ދުނިޔޭގެ ޚުދުމުޚްތާރު ވެރިކަމެއް އޮތް ކޮންމެ ގައުމެއްގައިވެސް އެންމެ ފުރަތަމަ ނެތިކޮށްލާފައިވަނީ މިނިވަން ނޫސްވެރިކަމެވެ. އަދި ނޫސްވެރިންނަށް ބިރުދައްކާ, ނޫސްވެރިންގެ ދޫ ބަންދުކޮށް, މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަކީ, ޚުދުމުޚްތާރު ވެރިކަންތައް ފައްކާކޮށްފައިވާ ޗައިނާ އަދި އުތުރު ކޮރެއާ ފަދަ ގައުމުތަކުގައި, ކާމިޔާބު ކަމާއެކު ތަންފީޒުކޮށްފައިވާ ސިޔާސަތެއްކަންވެސް ފާހަގަކޮށްލާން ޖެހެއެވެ.

ސަބަބަކީ ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށްދެވެމުންދާ މުޖުތަމަޢެއްގައި ޚުދުމުޚްތާރު ވެރިކަމަށް ދެމި ނޮއޮވެވޭނެކަމީ ކަށަވަރުވެ ޔަގީންވާން އޮތް, ތާރީޚު ހެކިދޭ ވަރަށް ބޮޑު ހަގީގަތަކަށް ވާތީވެސްމެއެވެ.