މޯލްޑިވްސް-ފަސްޓް ޕޮލިސީއަކީ ސްކޭމެއް! އޮތީ ޗައިނާ ޗައިނާ ޗައިނާ! ޗައިނާ ނޫން ޕޮލިސީއެއް ނެތް! ޤައުމިއްޔަތޭ ނުކިޔައި ޗައިނިއްޔަތޭ ކިޔާ ދަރަޖައަށް ހާލަތު ގޯސްވެއްޖެ!

ވެރިކަމަށް 5 މަސް ވީއިރު، މޯލްޑިވްސް ފަސްޓް ޕޮލިސީ އަކީ ކޮބައި ކަމެއް މުއިއްޒަކަށް ބުނެދެވިފައެއް ނުވެއެވެ. އެކަން ބުނެ ދެވިފައި ނުވަނީ އެއީ ފްރައުޑް އަކަށް ވާތީއެވެ. އެއީ ސްކޭމް އަކަށް ވާތީއެވެ. “މޯލްޑިވްސް-ފަސްޓް” މި ލަފްޒުތައް ބޭނުން ކޮށްގެން ކުރިހާވެސް ކަމަކީ އަވަށްޓެރި ޤައުމަކާއި ދެކޮޅުވެރި ވާން ނުވާ ވަރަށް ދެކޮޅުވެރިވެ, ރައްޔިތުން ނިކަމެތި ކޮށްލުމެވެ.

ޚާރޖީ ސިޔާސަތުގައި މޯލްޑިވްސް-ފަސްޓް ކިޔާ ޕޮލިސީ އަކީ ހަޤީގަތުގައި ރައްޔިތުންނަށް އޮޅުވާލުމަށް އާދައިގެ މަތިން މުއިއްޒު ހައްދަވާ ދޮގުތަކުގެ ތެރެއިން އީޖާދު ކުރި ސްކޭމެކެވެ. “އިންޑިޔާ-ފަސްޓް” ޕޮލިސީ، ޕޮލިސީ އަކަށް ވަނީ ރާއްޖެއިން ކުރެވެން ނެތް ކަންކަމުގައި އެންމެ ފުރަތަމަ ހައްލު ހޯދުމަށް ދާ ޤައުމަކީ އިންޑިޔާ އަށް ވުމެވެ. އިންޑިޔާއިން ހައްލު ނުވެއްޖެ ނަމަ އެހެން ޤައުމަކަށް އެހީއަށް އެދި ދިޔުމެވެ. މުއިއްޒުގެ ސްކޭމް “މޯލްޑިވްސް-ފަސްޓް” ޕޮލިސީގެ ދަށުން ރާއްޖެއިން އެކަމެއް ކުރެވޭނެ ގޮތެއް ހޯދައި ނުފެނިއްޖެ ކަމެއްގައި، އެކަން ކުރުމަށް އެހީއަށް އެދެނީ ހަމަ ރާއްޖެއިންތޯއެވެ؟ “މޯލްޑިވްސް-ފަސްޓް” ޕޮލިސީ މުއިއްޒުގެ ދޮގު ސްކޭމަކަށް ވަނީ ކީއްވެގެން މިވަރުން ރައްޔިތުންނަށް ސާފުވާނެއެވެ.

މިއަދު އޮތީ ޗައިނާ، ޗައިނާ ޗައިނާ ޗައިނާ ނޫން ޕޮލިސީއެއް ނެތް ޕޮލިސީއެވެ. ރާއްޖެއިން ކުރެވޭ ކަންކަމުގައި ވެސް ވެއްޓެނީ ޗައިނާގެ އުނގަށެވެ. އެތައް މިލިއަން މުސްލިމުންނެއް ޖަލު ކޭމްޕް ތަކުގައި ހައްޔަރުކޮށްގެން ރޯދަ ހިފުން މަނާ ކޮށްފައިވާ ޗައިނާއެވެ. އިސްލާމް ދީނަކީ، ނަފްސާނީ ބައްޔެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ރަސްމީކޮށް އިއުލާންކޮށް، މުސްލިމުންނަށް އަލުން ކިޔެވައިދިނުމަށް ކޮންސެންޓްރޭޝަން ކޭމްޕްތައް ހަދައި، ގަދަކަމުން ގެންދާ ޗައިނާއެވެ. މުސްލިމް ކުޑަކުދިން ބޮޑުވެ މުސްލިމުންނަށް ވެދާނެތީ، އުމުރުން އެންމެ 3 އަހަރުގައި އެކުދިން، ގަދަކަމުން އެކުދިން މައިންބަފައިންނާއި ވަކިކޮށް، ޔަތީމް ހާނާތަކުގައި ގެންގޮސް ޗައިނާގެ ރައީސަށް ސަނާކިޔާ ލަވަތައް ނޫން އެއްޗެއް ދަސްކޮށް ނުދޭ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް ޗައިނާއެވެ. ދިވެހި ޤައުމިއްޔަތުގެ ނަމުގައި މުއިއްޒު، ހިފާފައިވަނީ، އަނިޔާގައި ކެކުޅެމުންދާ އެތައް މިލިއަން މުސްލިމުންގެ އަދުއްވުންގެ އަތުގައެވެ. ޗައިނާ ޗައިނާ ޗައިނާ ޗައިނާ ނޫން އެއްޗެއް މުއިއްޒަށް ތަސްބީހަކަށްވެސް މިހާރު ނުކިޔެއެވެ.

އެމްޑީޕީ ސަރުކާރުން، ދިވެހިރާއްޖެއަށް ހާސިލް ކުރެވެން ނެތް ކަންކަމުގައި އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިޔާގެ އެހީތެރިކަން ހޯދުމުން، އެކަމަށް މަލާމާތްކޮށް، ރާއްޖެ އިންޑިޔާގެ ދަށުވެފައިވާކަމަށް ބުނެ، މިނިވަން ކަމާއި، އިސްތިޤްލާލް ގެއްލިއްޖެ ކަމަށް ބުނެ ދޮގު ހަދައި، ރައްޔިތުންގެ މެދުފައި ނަފްރަތާއި، އެތަކެއް ނުބައި ތަސައްވުރެއް އުފައްދައިގެން، ގެނައި ވެރިމީހާގެ އަނބިކަބަލުން ރޯދަ ވީއްލުމަށްވެސް ވަޑައިގަންނަވަނީ ދީން ޤަބޫލު ނުކުރާ ޗައިނާ އެމްބަސަޑަރ އާއި އެކުގައެވެ. ޗައިނާއިން ދޭ ކުޑަ ކުޑަ އެހީތަކަށް، “ޑޮނޭޝަން” ކިޔައިގެން ޤައުމުގެ ގަދަރު ނަގާލައި، އެ އެހީތަކަށް، ބޮޑެތި ހަފްލާތައް ބާއްވައި، އެހީގެ އަގަށްވުރެ، އެތައް ގުނައެއް އިތުރަށް މި ހަފްލާތަކަށް ޚަރަދު ކުރަމުން ދަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަމުގައި ރައްޔިތުންނަށް ދޮގު ހަދައިގެން ވެރިކަމަށް އައިސް ތިބި ކައްޒާބުންނެވެ.

މި މާރޗް މަހުގެ މި ނިމުނު ހަފްތާގައި އެކަނި “މޯލްޑިވްސް-ފަސްޓް” ސްކޭމްގެ ދަށުން ޗައިނާއާއި އެކު ހިންގާފައި ދިވެހި ޗައިނިއްޔަތުގެ ކަންކަމަށް ބަލާލާނަމެވެ. މީގެ ތެރޭގައި ގިނައީ ރާއްޖެއަށް ދިވެހިންނަށް އަމިއްލައަށް ކުރެވެން ހުރި ކަންކަމެވެ.

ޗައިނާއާއި އެކު ބްރިޖްގެ މެއިންޓަނަންސް ބެލެހެއްޓުމަށް އިތުރު 3 އަހަރަށް އެއްބަސް ވުމެއްގައި ސޮއެ ކުރީ 20 މާރޗް 2024 ގައެވެ. މި އެއްބަސްވުމުގައި ސޮއެކުރި އިރު، ހުޅުމާލޭގައި މި މަސައްކަތަށް ކަމަށް ބުނެ، ޗައިނާގެ ގޮތްނޭނގޭ އެތައް ސަތޭކަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. ޗައިނާއިން ބްރިޖްގެ މެއިންޓަނަންސް ކުރާ ކަމަށް ބުނާއިރު، ބްރިޖް ވަށައިގެން މޫދު އޮންނަ އިރު، ވާރޭ ފޮދެއް ވެހިލާއިރަށް ބްރިޖްގައި ދަނީ ފެން ބޮޑުވެ ދަތުރު ނުކުރެވޭ ވަރު ވަމުންނެވެ. ބްރިޖް މަރާމާތް ކުރުމުގެ ނަމުގައި، ރާއްޖޭގައި ގާއިމުވެގެން ތިބި އެތައް ސަތޭކަ ޗައިނާގެ މީހުން ކުރަނީ ކޮން މަސައްކަތެއް ކަމެއް ސާފެއް ނުވެއެވެ.

މުސްލިމް ކުޑަ ކުދިން ބޮޑުވެ އިސްލާމް ދީނަށް އުޅެދާނެ ކަމުގެ ބިރަށް، ގަދަކަމުން އެކުދިންގެ އުމުރުން އެންމެ 3 އަހަރު މައިންބަފައިން ކިބައިން އަތުލައި، ޔަތީމް ހާނާތަކަށް ފޮނުވާ ޗައިނާގެ ވެރިން ކިބައިން، ދިވެހި މުސްލިމް އާއިލާތައް ބައްޓަން ކުރަންވީ ގޮތާއި ބެހޭގޮތުން މަޝްވަރާ ކޮށް، 21 މާރޗް 2024 ގައި ޖެންޑަރ މިނިސްޓަރ ވަނީ ދިވެހި ދަރިން ތަރައްބިއްޔަތު ކުރުމަށް ޗައިނާގެ އެހީއަށް އެދިފައެވެ.

22 މާރޗް 2024 ގައި ޗައިނާގެ ހޮސްޕިޓަލެއް ރާއްޖޭގައި އަޅާނެ ކަމަށް މުއިއްޒު ހާމަ ކުރިއެވެ. އައިޖީއެމްއެޗް އަކީ އިންޑިޔާ ސަރުކާރުން ދެއްވި އެހީތެރިކަމެއް ކަމަށް ވުމުން، އެއީ އަޅުވެތި ކަމުގެ ރަމްޒެއް ކަމަށް ބުނި މީހުން، ޗައިނާގެ ހޮސްޕިޓަލެއް ވިލިމާލޭގައި އަޅާނެ ކަމަށް ބުނާއިރު، އެވިސްނުމުން ވިސްނާ ބަޔަކަށް އެ ހޮސްޕިޓަލް އެއީ ޗައިނާގެ އަޅުވެތިކަމުގެ ރަމްޒެއް ގޮތުގައި ނުފެންނަނީ ކީއްވެބާއެވެ؟ އަޅުގަނޑުމެންނަކަށް އެ ގޮތަކަށް ނުފެނެއެވެ. މޯލްޑިވްސް-ފަސްޓްގެ ދަށުން ދިވެހިރާއްޖެއިން ވިލިމާލޭގައި ހޮސްޕިޓަލެއް އަޅައި ދެއްވާށެވެ. ޗައިނާ ޗައިނާ ޗައިނާ ނޫން ގޮތެއް މުއިއްޒަށް ހަމަ މިއަދު ނެތީތޯއެވެ؟

ދިވެހިރާއްޖެ އަކީ އެފްރިކާ ބައްރުގައި ވަޅު ކޮނެގެން، ފެން ނުލިބި، ފެނަށްޖެހި ނިކަމެތިވެ، އެކަހެރިވެފައިވާ، ޤައުމުތައް ފަދަ ނިކަމެތި، އާދައިގެ ޤައުމެއްގެ ގޮތުގައި ބަލައި، ދިވެހި ޤައުމު ދަށް ކޮށްލައި، ނިކަމެތި ކޮށްލުމަށް ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1500 ޓަނުގެ ފެންފުޅި 26 މާރޗް 2024 ގައި “ޑޮނޭޓް” ކޮށްފައެވެ. މިއީ ޗައިނާގެ ކުރިމަތީ ދިވެހިން ރުކޫއަށް ތިރިކުރުން ފަދަ، ނިކަމެތި ކަމެއް ދިވެހިންނަށް ޖެއްސުވި، ސިޔާސީ އަދި ޑިޕްލޮމެޓިކް މެސެޖެކެވެ. ދިވެހިންނަށް ހެޔޮ އެދޭނަމަ ޗައިނާއިން މިފަދަ ކަމެއް ނުކުރާނެއެވެ. ދިވެހިންނަކީ ނާތަހުޒީބު، ޗައިނާ މީހުންނަށް ވުރެ، ދަށުފަންތީގެ، ބޯދާ، ކަޓު ބްރައުން ބައެއް ގޮތުގައި ދެކި ކުރި މި ހުތުރު އަމަލު، ސަރުކާރުން ކުށްވެރި ކުރަން ޖެހެއެވެ. ނަމަވެސް މި ފެނުގެ ބަދަލުގައި ރާއްޖެއަށް ބޭނުންވަނީ އާރު-އޯ ޕްލާންޓްތަކެކޭ ބުނެލުމުގެ އިހްތިޔާރެއްވެސް މުއިއްޒަކަށް ނެތެވެ. ހެދިއްޔާ ހެދިގޮތެއް ހަދައިގެން މުއިއްޒު ޖެހޭނީ ހުންނާށެވެ. ދިވެހިން ނިކަމެތި ކޮށްލިއަސް މިއީ ފުކެއް ބޮޑުވަރެވެ.

26 މާރޗް 2024 ގައި މާލޭގެ މަގުތައް ޗައިނާއިން ހަދާނެ ކަމަށް މުއިއްޒު އިއުލާން ކުރިއެވެ. މޯލްޑިވްސް-ފަސްޓް ޕޮލިސީގެ ތެރެއިން ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި މިފަދަ ޕްރޮޖެކްޓެއް ބޭރުގެ ބަޔަކު އަތް މައްޗަށް ދޫކޮށްލުމީ ދިވެހިންގެ ޓެކްނޮލަޖީގެ މިނިވަންކަމާއި، ދިވެހިންގެ އިސްތިޤްލާލަށް އެއިން ކޮންމެ ފަދަ އަސަރެއްވެސް ކޮށްފާނެ ކަމެކެވެ. ރާއްޖޭގެ ހުރިހާ އިންޓަރނެޓް ލައިން ތަކާއި، ކޮނެ ވަޅުލާފައިވާ، ކަރަންޓް ވައިރުތައް ކޮންޓްރޯލް ކުރުމުގެ ބާރު ރާއްޖޭގެ ވެރިރަށުގެ ދިނުމަކީ ގައުމީ މައްސަލައެއް ކަމަށް އެބޭފުޅުންނަށް ފާހަގަ ނުކުރެވުނީތީ ހަމަ އަޖައިބުވެ، އަންތަރީސް ވެއްޖެއެވެ. މިއީ ރާއްޖޭގެ ހުރިހާ އިންފްރާސްޓްރެކްޗަރ އެއް ހާއްސަކޮށް ދިވެހިންގެ އިންޓަރނެޓްގެ މައުލޫމާތު ޗައިނާއިން ޑިވައިސްތައް ބޭނުން ކޮށްގެން ހޯދައި، އޭގެ ކޮންޓްރޯލް ނަގާފާނެ ކަމެކެވެ. މީގެ ސަބަބުން ބޭންކުތަކުން ކުރާ ވިޔަފާރި މުއާމަލާތްތައް ދެނެގަތުމުގެ ބާރުވެސް ޗައިނާއަށް ލިބިގެން ދެއެވެ. މިހާރު މި ހުރިހާ ކަމެއް މުއިއްޒަށް ވަރިހަމެވެ. ރާއްޖޭގެ މިނިވަންކަމެއް އެއްވެސް ވަރަކަށް މުހިންމެއް ނޫނެވެ. މުހިންމީ ޗައިނާއެވެ. ޗައިނާއިން މާލޭގެ މަގުތައް ހަދަން ބޭނުން ވެގެން ބުނުމުން، މުއިއްޒު ޖެހޭނީ ޗައިނާއަށް މާލޭގެ މަގުތައް ހަދަން ދޭށެވެ. ޗައިނާ ޗައިނާ ޗައިނާ ނޫން އެއްޗެއް ނެތެވެ. މޯލްޑިވްސް-ފަަސްޓް ޕޮލިސީގެ ދަށުން މާލޭގެ މަގުތަކުގެ މަސައްކަތް ކުރަން ޖެހޭނީ ދިވެހިންނެވެ. ދިވެހި ސަރުކާރުންނެވެ.

ރާއްޖޭގެ އުފައްދާ ކުނި ނައްތާލުމަށް އެކަށީގެންވާ ވަރުގެ ޕްރޮޖެކްޓްތަކެއް ހިނގަމުންދާއިރު، 21 މާރޗް 2024 ގައި ޗައިނާއާއި އެކު އެފަދަ އާ އެއްބަސްވުމެއް ހަދަން ޖެހޭ އެއްވެސް ބޭނުމެއް ޤައުމުގައި ނެތް އިރު، އެފަދަ އެއްބަސްވުމެއްގައި ޗައިނާއާއި އެކު ސޮއެ ކޮށް އެ އެއްބަސްވުންވެސް ސިއްރުކޮށްފައި ވަނީ، ދިވެހިންގެ އިސްތިޤްލާލް ނެގެހެއްޓުމުގެ ނަމުގައި ވެރިކަމަށް އައި މުއިއްޒުއެވެ.

ހުޅުމާލެ ފޭސް 3 ގައި، ފައިބަރ އޮޕްޓިކް ކޭބަލް އެޅުމަށް 27 މާރޗް 2024 ގައި ނިންމީ ދުނިޔޭގެ އެތައް 100 ގައުމަކުން ޗައިނާއާއި އެކު މިފަދަ އެއްބަސްވުން ކުރިއަށް ނުގެންދިޔުމަށް ނިންމައި، ހިނގަހިނގާ ހުރި މިފަދަ ޕްރޮޖެކްޓްތައް ހުއްޓާލާފައި ވަނިކޮށެވެ. ޗައިނައަކީ އެހެން ޤައުމުތަކަށް ސްޕައިކޮށް، ފައިނޭންޝިއަލް އަދި ދައުލަތުގެ ސިއްރުތައް މިފަދަ ޕްރޮޖެކްޓްތައް މެދުވެރިވެގެން ނަގާ ބަޔަކު ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތުހުމަތު ކުރާ ބަޔެކެވެ. ނަމަވެސް ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލުގައި ބައްދައިގެން ވެރިކަމަށް އައި މުއިއްޒު ފޭސް 3 ގެ ދިރިއުޅޭ ރައްޔިތުންނާއި، ރާއްޖޭގެ މުޅި ޓެލެކޮމިއުނިކޭޝަން އާއި، އިންޓަރނެޓްގެ ބާރުވެރިކަން ޗައިނާ އަތްމައްޗަށް ދޫކޮށް މުޅި ޤައުމު ޗައިނާގެ ބާރުގެ ދަށަށް ދޫކޮށްލަން ސިއްރު ސޮއެ އަޅަމުން އެދަނީ ދިވެހި ޤައުމިއްޔަތާއި މިނިވަންކަން ދިފާޢު ކުރުމަށް އެމަނިކުފާނު ކުރައްވާ މޯލްޑިވްސް-ފަސްޓް ޕޮލިސީގެ މާތް މަތިވެރި، މަގުޞަދުގެ ތެރެއިންނެވެ.

މިއީ މިދިޔަ ހަފްތާގައި އެކަނި ޗައިނާގެ އުނގަށް މުއިއްޒުގެ ސަރުކާރުން ވެއްޓިފައިވާ މިންވަރެވެ. މިއީ މިދިޔަ ހަފްތާގައި ޗައިނާ އާއި އެކު ސޮއެ ކުރި ސިއްރު އެއްބަސްވުންތަކުގެ ތެރެއިންވެސް އަދި މަދު މިންވަރެކެވެ. މިފަދަ ދޮގާއި ސްކޭމް ސަރުކާރެއް ދިވެހި ތާރީޙް ދެކެފައި ނުވާއިރު، މި ހަޤީގަތް ދިވެހިންނާއި ހަމައަށް ގެނެސްދޭ ކަމަށްޓަކައި، ދިޔަަވަރު ނޫހާއި މެދު ފިޔަވަޅު އަޅައި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ދިޔަަވަރު ނޫހަށް ފިޔަވަޅު އެޅުމަށް ބިރު ދައްކަމުން ދަނީ އިންތިހާއަށެވެ. މިނިވަން ކަމާއި އިސްތިޤްލާލުގެ ނަމުގައި ވެރިކަމަށް އައިސް ޑަބަލް-ސްޓޭންޑަރޑް ގެންގުޅުމަކީ ތިމާމެން ރައްޔިތުން ކުރިމަތީގައި ފަލީހަތްވެ އިތުބާރު ގެއްލޭނެ ކަމެއް ކަމެއްކަން ހަމަ ނޭނގެނީ ތޯއެވެ؟ ވެރިކަން ހޯދުމަށް ހެދުނުހާ ދޮގެއް ހަދައިގެން އަވަށްޓެރި ޤައުމުތަކާއި ޖައްސާލައިގެން، ރާއްޖެއަށް ލިބެމުންދިޔަ އެހީތައް ހުއްޓާލައިގެން، ޗައިނާ ކައިރި ކޮށްގެން ޗައިނާގެ އުނގަށް ވެއްޓި ޗައިނާ ޗައިނާ ނޫން އެއްޗެއް މުއިއްޒަށް ހުވަފެނުން ވެސް ނުފެންނަ ހިސާބަށް ހާލަތު ދިޔުމުން ދިވެހި ސަރުކާރަށް ޗައިނާ-ސަރުކާރޭ ކިޔުން މާ އައުލާކަން ބޮޑެވެ. ޤައުމިއްޔަތޭ ކިޔުމުގެ ބަދަލުގައި ޗައިނިއްޔަތޭ ކިޔާށެވެ. މުއިއްޒު މިޤައުމުގައި ދިރުވަނީ ޗައިނިއްޔަތެވެ.