ފުށިދިއްގަރު މަޝްރޫއު ހުއްޓާލި ސަބަބާއި ގުޅޭ ގޮތުން ރައީސް މުއިއްޒު، ދޮގު ހައްދަވައިފި

މި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ އަށް އެއްބަސްވެވަޑައިގެން، އެކަން ހުއްޓާލަން ޖެހުނު ސަބަބާއި ގުޅޭ ގޮތުން ދޮގު ހަދައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ބިން ހިއްކުން މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއު ލަސްވަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުރަސްއަޅާތީ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލަކަށް ރައީސް ވަޑައެއްނުގަންނަ އެވެ.

“ރައްޔިތުންނަކަށް ކަންތައްތަކެއް ކޮށްދޭ ވިސްނުމަކު ނޫން މަޖިލީހުން ކަންތައްތައް ކުރަނީ ކުރިއަށް ގެންދަނީކީއެއް، އެހެންވީމަ އެކަން ލަސްވެފަ މިއޮތީ، އެހެން ނަމަވެސް އެޗްޑީސީއާއެކީގަ އެ ފަރާތުން ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ވަރަށް އަވަހަށް އަނެއްކާވެސް ބިން ހިއްކަން ފަށާނެ،” އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މި ދޮގު ހެއްދެވި ނަމަވެސް، ރަސްމާލެ މަޝްރޫއު ޑިސެމްބަރު 18، 2023 ގައި ރައީސް ފެއްޓެވީ ވެސް މަޖިލީހުން އެ މަޝްރޫއަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރި ފަހުންނެވެ. ރައީސް އެ ދުވަހު ވިދާޅުވީ މި މަޝްރޫއު ހިންގާނީ ދައުލަތުން އެއްވެސް ލާރިއެއް ނުހިނގާ ގޮތަށް ކަމަށާއި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.