އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގައި ރާއްޖެ ތާށިވާން މުއިއްޒު ބޭނުމެއް ނުވޭ

ދުނިޔޭގެ ބޮޑެތި ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ސިޔާސީ ވާދަވެރިކަމުގައި ދިވެހިރާއްޖެ ތާށިވެފައި އޮންނަން ބޭނުންވާ ނުވާ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިޔަފާރީގެ ހަބަރުތައް ގެނައުމުގައި ދުނިޔެ އަށް މަޝްހޫރު އެމެރިކާގެ ބްލޫމްބާގް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އެފަދަ ކަމެއްގައި ވަކި އަތެއް ނަގައިގެން އުޅޭ ވަރަށް ވުރެ ރާއްޖެ ކުޑަ ކަމަށެވެ.

މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ ޕީއެންސީގެ ކުރީގެ ވެރިކަމުގައި ޗައިނާއާ ވަރަށް ގާތް ހާރިޖީ ގުޅުމެއް ބޭއްވި އެވެ. އޭގެ ފަހުން މިހާރު އޮތް އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ފެންނަނީ އިންޑިއާއާ ގާތް ގައުމެއްގެ ގޮތުގަ އެވެ.

އެހެންކަމުން، ކުރީ ދައުރުގައި ޗައިނާ އިން ފަންޑުކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ އުމްރާނީ ޕްރޮޖެކްޓްތައް ހިންގެވި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒުގެ ރައީސްކަމުގައި ރާއްޖެ އަނެއްކާ ވެސް ޗައިނާ އަށް ދީލާލަފާނެ ކަމަށް ވާހަކަ ދެކެވެ އެވެ.

އެކަމަށް ބާރު ލިބެނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އެކަމާ ދެކޮޅަށް މުއިއްޒު އާއި އެމަނިކުފާނުގެ ޕާޓީން ހިންގި ކެމްޕެއިނުންނާއި، އަދި ރައީސްކަމާ ހަވާލުވެ އިންޑިއާ ސިފައިން ފޮނުލާނެ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަތަކުންނެވެ.

ބްލޫމްބާގުގެ ނޫސްވެރިޔާ ހަސްލިންދާ އަމީން އެ ސުވާލު މުއިއްޒު އަށް ދެއްވުމުން ވިދާޅުވީ އެމަނިކުފާނަކީ ޗައިނާ އަށް އިސްކަން ދޭ މީހެއް ކަމަށް މީހުން ލޭބަލްކުރަނީ ގޯސްކޮށް ކަމަށާއި އޭނާ އަކީ ރާއްޖެ ފިޔަވައި އެއްވެސް ގައުމަކަށް އިސްކަން ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ވަރުގަދަކުރަމުން އަންނާތީވެ މި ސަރަހައްދުގައި، އުފެދިފައިވާ ނުތަނަވަކަމަށް އިޝަރާތްކޮށް ސުވާލު ދެންނެވުމުން މުއިއްޒު ވިދާޅުވީ ރާއްޖޭން އަބަދުވެސް ބައިނަލްއަގްވާމީ ހަމަތަކާއި، ގާނޫނުތަކާއި އެފަދަ ހުރިހާ ކަމަކަށް އިހުތިރާމް ކުރާނެ ކަމަށާއި ރާއްޖޭން މަސައްކަތްކުރާނީ ހުރިހާ ގައުމަކާ ގުޅިގެން ކަމަށެވެ.

“އަޅުގަނޑުމެން ބޭނުމެއް ނޫން ދޭދޭ ގައުމުތަކުގައި މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަމުގައި ނޫން ނަމަ ބޮޑެތި ގައުމުތަކުގެ މެދުގައި އެ އޮންނަ ކަމެއްގައި ތާށިވާކަށް. އެފަދަ ކަމަކަށް އަޅުގަނޑުމެން މިއީ މާ ކުޑަ ގައުމެއް،” އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަމަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވި އެވެ.