ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއިން ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހުން ގަންނަ ޓީބިލުތައް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އަނެއްކާވެސް ދޮގު ހަދައިފިއެވެ.
މި ސަރުކާރުން މީގެ ކުރިން 4 ފަހަރު މަތިން ކޮންޓްރެކްޓަރުންނަށް ފައިސާ ދީ ނިންމާނެ ކަމަށް ބުނެފައިވާ މުހުލަތު ވަނީ ފާއިތުވެ ގޮސްފައެވެ. މިފަހަރު ޤާނޫނާއި ޚިލާފަށް ޗާޕް ކުރާ ފައިސާ އަކީ ފުށިދިއްގަރުފަޅު ހިއްކަން މުއިއްޒު އެއްކުރާ ފައިސާއެވެ.
ރައްޔިތުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ނުކުންނާތީ މުއިއްޒު ވަނީ މި މަހުގެ 2، ގައި ފަސް ހަފުތާގެ ތެރޭގައި ބިލުތަކަށް ފައިސާ ދައްކާނެ ކަމަށް ބުނެފައެވެ.
“ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން،” މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ބައެއް ފަރާތްތަކަށް ފައިސާ ނުދިނުމަށް އެމީހުން ކޮށްފައިވާ މަސައްކަތަކީ ޤާނޫނީ ގޮތުން އެމީހުންނަށް ލިބެންޖެހޭ މަސައްކަތްތަކެއް ނޫން ކަމަށް ކަނޑައަޅަން ނިންމާފައެވެ.
ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ޕެންޝަން ފަންޑާއި އެމްއެމްއޭ ހިމެނޭ މުއާމަލާތެއް ހިންގަން އުޅޭއިރު ސަރުކާރުން އަންނަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ ދޮގު މައުލޫމާތު ވެސް ފަތުރަމުންނެވެ. ނަމަވެސް މިއީ ސީދާ ފައިސާ ޗާޕުކުރުންކަން އިޤްތިޞާދީ މާހިރުން ދައްކަމުންދާއިރު، މި ދޮގުވެސް ޒަމީރު އަންނަނީ ތަކުރާރުކޮށް ހަދަމުންނެވެ.
މިހާރު ރޭވިފައިވާ މުއާމަލާތުގައި އެމްއެމްއޭއިން މި މުއާމަލާތް ހިންގަނީ ސެކަންޑްރީ މާކެޓުގަ އެވެ. ނަމަވެސް ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވޭތީ، ޙަޤީޤަތުގައި މިއީ ފައިސާ ޗާޕުކުރުންކަން ފާހަގަކުރެވެއެވެ.
ޕެންޝަން ފަންޑުން ގަނެފައި ހުރި ބޮންޑުތައް އެމްއެމްއޭއަށް ގަތުމުން، މަނިޓައިޒޭޝަންގެ ނަތީޖާ ނިކުންނަނީ އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން އަނެއްކާ ވެސް ގޮސް ޓީބިލުތަކަށް އިންވެސްޓުކުރާތީ އެވެ. އާހިރުގައި ނިކުންނަނީ ޕްރައިމަރީ މާކެޓަށް ގޮސް އެމްއެމްއޭއިން ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓުކުރުމުން ނިކުންނަ އިގުތިސޯދީ ނަތީޖާ އެވެ.
ޒަމީރުގެ މި ދޮގު ބައްޓަންކުރެވިފައިވަނީ ރައްޔިތުންނަށް އޮޅުވާލުމަށެވެ. ޕެންޝަން ފަންޑަށް ޓީބިލު ވިއްކައިގެން ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން އުޅޭ ކަމަށް ބުނެ ދޮގު ހަދާއިރު، މުއިއްޒު ވެރިކަމާ ހަވާލުވީންސުރެން މި ފައިސާ ދައްކާ ނިންމަން އެކި ތާރީހުތައް އަންނަނީ ދެމުންނެވެ. އަދި އެކި ފަހަރުތަކުގައި މި ވެނި އަދަދަކަށް ފައިސާ ދައްކައިފި ކަމަށް ވެސް ބުނެ މުއިއްޒު ވަނީ ދޮގު ހަދާފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި ފައިސާއެއް ނުދެއްކެ އެވެ.