ފައިސާ ޗާޕު ނުކުރާ ކަމަށް ބުނެ، މުއިއްޒު މުތުލަގަށް ދޮގު ހަދައިފި

ފައިސާ ޗާޕު ނުކުރާ ކަމަށް ބުނެ، މުއިއްޒު މުތުލަގަށް ދޮގު ހަދައިފިއެވެ. ފައިސާ ޗާޕު ނުކުރާ ކަމަށް ބުނެ މުއިއްޒު ދޮގު ހަދާފައިވަނީ ފޮނަދޫގައި ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންނާއި މުހާތަބު ކޮށް ވާހަކަ ދައްކަމުންނެވެ.

ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ފޮނަދޫގައި ބޭއްވެވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ “ފުނިޖެހިފައިވާ” ބިލުތަކަށް ފައިސާ ދެއްކެވުމުގެ ކަންކަން، ކުރިއަށް ގެންދަވާނީ ފައިސާ ޗާޕުނުކުރައްވައި ކަމަށެވެ. “ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެކަން” ކުރިން ވެސް އެމަނިކުފާނު ވަނީ 2 އޮކްޓީބަރުގައި ވިދާޅުވެފައެވެ.

ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއަށް ގަތުމަށް ފަހު، ޕެންޝަން އޮފީހަށް އެލިބޭ ފައިސާ ސަރުކާރަށް ނެގުމަކީ އިޤްތިޞާދުގައި ދައުރު ނުވާ ފައިސާ ތަކެއް ޗާޕު ކުރުމެވެ.

އިޤްތިޞާދީ މާހިރުން ވެސް ވިދާޅުވަނީ މިއީ ސީދާ ފައިސާ ޗާޕުކުރުން ކަމަށެވެ. ސަރުކާރުން މިކަން ފޮރުވަން މަސައްކަތްކުރަމުންދަނީ މި މުއާމަލާތް ސްޓްރަކްޗަރކޮށްފައިވާ ގޮތް ދައްކައިގެންނެވެ. އެމްއެމްއޭއިން މި މުއާމަލާތް ހިންގަނީ ސެކަންޑްރީ މާކެޓުގައި ކަމަށް ބުނެ، މިއީ ފައިސާ ޗާޕުކުރުން ނޫންކަމަށް ދައްކައިގެންނެވެ.

ސަރުކާރާއި ސަރުކާރު މީޑިޔާއިން ދަނީ ފައިސާ ޗާޕު ނުކުރާ ކަމަށް ބުނެ ކަނޑައެޅިގެން ދޮގު ހަދަމުންނެވެ. ރައީސް މުއިއްޒު މިހެން ދޮގު ހަދާ މައްސަލާގައި ރައްޔިތުންގެ ކުރިމަތީ މީނާގެ އެއްވެސް ވާހަކައެއްގައި އަގެއް ނުހުރެއެވެ. އަދި މީނާ އަކީ ކައްޒާބެއް ކަމަށް ރައްޔިތުން ދަނީ ކިޔަމުންނެެވެ.

މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީއްސުރެ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާ ނިންމުމަށް އެކި ތާރީޚުތައް ދެމުން ގެންދެވިއެވެ. އަދި އެކި ފަހަރުތަކުގައި އެކި އަދަދުތަކަށް ފައިސާ ދެއްކެވި ވާހަކަވެސް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ގިނަ ފައިސާތަކެއް ހުރީ ނުދައްކައެވެ. މުއިއްޒު ވަނީ އެތައް ސަތޭކަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑުފުނޑު ކޮށްފައެވެ.

އަދި މި ފައިސާއިންވެސް ކޮންޓްރެކްޓަރުންނަށް ފައިސާ ދޭނެ ކަމަށް ނުބެލެވެއެވެ. މިފައިސާ ނަގަނީ ފުށި ދިއްގަރުފަޅު ޕްރޮޖެކްޓަކަށް ކަމަށް މައުލޫމާތު ލިބެއެވެ.