އައްޑު އަތޮޅަކީ ޒަމާނުއްސުރެ އެއްބައިވަންތަ އަތޮޅެކެވެ. އިނގިރޭސިން އެ އަތޮޅުގައި ވެރިކަން ކުރީއްސުރެވެސް، އަދި އޭގެ މާކުރިންވެސް އެއީ ވަރަށްވެސް އެއްބައިވަންތަ ރައްޔިތަކު އުޅެމުން ދިޔަ އަތޮޅެކެވެ. ވަކީން ޚާއްސަކޮށް އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކަކީ ހުރިހާ ކަމެއްގައިވެސް ގުޅިލާ މެހިފައިވާ ރަށްތަކެކެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނެވެ. ދަތުރުފަތުރާއި ތަރައްގީގެ ނިސްބަތުން ބެލި ކަމުގައިވި ނަމަވެސް އެއީ އެއް ބައެކެވެ. އެއް އަތޮޅެކެވެ. މިއަދު އެއީ އެއް ސިޓީއެކެވެ.
އެހެންނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އެއްވެސް ތަސައްވުރެއް ނެތި، ދުރު ރާސްތާ ޕްލޭނެއް ނެތި، އެވަގުތަކު ހިތައް އެރިގޮތަކަށް ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި ކަންކަން ނިންމަމުން ދިއުމުގެ ނަތީޖާ މިއަދު މިވަނީ މުޅިން އާ ގިންތިއަކަށް ދަތުރު ކޮށްފައެވެ. އާދޭހެވެ!. އައްޑޫގެ ރައްޔިތުންގެ ހިތްތަކަށް މުއިއްޒު މިވެއްދީ ވަކިވެގަތުމުގެ ރޫޙެވެ. އެއް ބައެއްގެ ގޮތުގައި ދެމި ތިބުމުގެ ބޭނުމެއް ނެތްކަމުގެ ވިސްނުމާއި ފިކުރެވެ. ތަރައްގީއާއި، އިޖުތިމާއީ ގުޅުމާއި އަދި އެނޫނަސް އެހެން ހުރިހާ ކަމަކީވެސް ގުޅިގެން ކުރާންވީ ކަމެއް ނޫންކަމުގެ ރޫޙެވެ. މުއިއްޒުގެ މި ވިސްނުމުގެ ތެރެއިން މި ހަފްތާ ބަންދުގައި ނަގަން ހަމަޖެހިފައިވާ ވޯޓަކީ އެ އަތޮޅުގެ ރަށްތައް އޮންނާނީ ވަކިވަކި ދާއިރާތަކެއްގެ ގޮތުގައި ބެލުމަށް ގަނާ ވޯޓެކެވެ.
ޒަމާނުއުއްސުރެ ދިވެހި ރައްޔިތުންނަކީ އެކުލުންތެރިކަމާއެކު، އަދި ގުޅިގެން ދިރިއުޅުމުގެ ފިކުރަށް ލޯބިކުރަމުން އައި ބަޔަކަށްވި ނަމަވެސް، އައްޑޫ ފޭދޫއަށް ނިސްބަތްވާ މެމްބަރު އައިބީއާއި އޭނާގެ ދަރި އިހުސާންގެ ބަހަށް ހެއްލި، މުއިއްޒު މިވަނީ ރައްޖޭގެ ރަށްތަކަށް ވަކިވެގަތުމުގެ ފިކުރު އުފަން ކޮށްފައެވެ. މާނައަކީ، ހަމަތިބެފަ، އައްޑޫ ސިޓީއިން ވަކިވެގަތުމަށް އައްޑޫ ފޭދޫއާއި އަދި ހުޅުދޫ މީހުންނަށް ވޯޓު ނެގުމުގެ ފުރުސަތު އޮންނާން ޖެހޭނަމަ ރާއްޖޭގެ އެހެން ރަށްރަށް އެފުރުސަތު ނޯންނާންވީ ކޮން ސަބަބަކާ ހެދި ތޯއެވެ. ހުޅުމާލެއަށްވެސް މާލޭ ސިޓީން ވަކިވެގަތުމުގެ ފުރުސަތު އޮންނާން ވާނެއެވެ. ވިލިގިއްޔަށްވެސް މާލޭ ސިޓީން ވަކިވެ މުސްތަގިއްލު ރަށެއްގެ ގޮތުގައި އޮތުމުގެ ފުސަތު އޮންނާން ވާނެއެވެ. އަދި ގުޅިފައިބާ އެނޫން އެހެން ރަށްތަކަށްވެސް ވަކިވެގަތުމަށް ވޯޓު ނެގުމުގެ ފުރުސަތު އޮންނާން ޖެހޭނެއެވެ. އެހެން ނޫންކަމަށް ވާނަމަ އިންސަފަކީ ކޮބައިތޯއެވެ. އައްޑޫ ފޭދޫއާއި ހުޅުމީދޫއަށް ވަކިވެގަތުމަށް ފުރުސަތު ދިނުމަށްފަހު އެހެން ރަށްތަކަށް އެފުރުސަތު ނުދޭންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއެވެ. ވަކިވެގަތުމުގެ ފުރުސަތު ހުރިހާ ރަށަކަށްވެސް އެއް ހަމަޔަކުން އޮންނާވާނެއެވެ.
ކޮންމެއަކަސް އައްޑުގައި ވަކިވެގަތުމަށް ނަގާ މި ވޯޓު އައްޑޫގެ ރަށްތަކުގައި ނެގުމުގެ މުގުލުގައި ތިބީ އައްޑޫ ފޭދޫއަށް ނިސްބަތްވާ މެމްބަރު އައިބީއާއި އޭނާގެ ދަރި އިހުސާންއެވެ. މި ދެމީހުން ދަނީ ފޭދޫއާއި އަދި އެ ނޫން ރަށްތައްވެސް ވަކިވަކީން އޮންނާންޖެހޭކަމަށް ވަކާލާތުކޮށް މި ވޯޓު އެމަގުން ކާމިޔާބު ކުރުމަށް ކެމްޕޭންވެސް ކުރަމުންނެވެ. އަދި ވަކީ ޚާއްސަކޮށް ފޭދޫއަކީ ވަކިން އޮންނާން ޖެހޭ ރަށެއްކަމަށް މުއިއްޒުގެ ވިސްނުމަށް ވައްދާ، މިކަމަށް ވޯޓެއް ނަގަންޖެހޭކަމަށް މުއިއްޒުގެ ވިސްނައިދީ މި ދެ މީހުން މުއިއްޒުގެ ބޮލަށް ސަވާރުވެގަތުމުގެ އަޑީގައި އޮތީ އަމިއްލަ އެދުމާއި މާއްދިއްޔަތެވެ. ރާއްޖެ ބައިބައި ކުރުމުގެ ވިސްނުން ރައްޔިތުންގެ ސިނކުޑިތަކަށް ވައްދާ، އައްޑޫގައި ނަގާ މިވޯޓުގައި ފޭދޫ ގުޅިފައިވާ ރަށްތަކާއި ވަކިކުރުމުގެ ހަގީގީ ބޭނުމަކީ މެމްބަރު އައިބީއާއި އޭނާގެ ދަރި އިހުސާންގެ އާއިލީ ވިޔަފާރިން ފޭދޫގެ ބިންތަކާއި އެ ރަށުގެ މުއްސަދިކަން ފޭރިގަތުމެވެ. މި ފަރާތްތަކުގެ ހަގީގީ ރޭވުމަކީ، ފޭދޫ ވަކިކޮށް، އެރަށުގެ ކައުންސިލް މުށުތެރެއަށްލާ، މި ރަށަކީ މި އާއިލާގެ މިލްކެއް ކަމުގައި ހެދުމުގެ ނުބައި ރޭވުމެވެ. ހަގީގަތުގައިވެސް މި ރޭވުން މި އާއިލާއަށް ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުން އޭގެ އިންތިހާއަށް ނިކަމެތި ވެގެން ދާނެއެވެ. މި އާއިލާގެ ފަރާތުން ސަލާމް ޖަހައިގެން މެނުވީ ދިރިއުޅޭނެ ބިމެއްވެސް ރަށުން ނުލިބޭ ހާލަތަށް ރަށުގެ ހާލަތު ބަދަލު ވެެގެންދާނެއެވެ.
މިއަދު އައްޑޫ ފޭދޫގެ ރައްޔިތުން ވިސްނަވާ ހޭވެރިވާންވީ ކަމަކީ މިއަދު މިއީއެވެ. މުއިއްޒުގެ ބޮލަށް ސަވާރުވެ، ވަކި އާއިލާއެއްގެ މަސްލަހަތު ކުރިއެރުވުމަށް ރައްޔިތުން އާބަސް ބުނެގެން ނުވާނެއެވެ. ފާއިތުވި ހުރިހާ ޒަމާނެއްގައިވެސް ފޭދޫއަށް ގެނެވުނު ކުރި އެރުމެއް ގެނެވިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވަކި އާއިލާއެއްގެ ނުފޫޒު ގަދަކުރުމަށް، ވަކި އާއިލާއަކުން ފޭދޫގެ ބިންތައް މުށުތެރެއަށް ކަހާލުމަށް ރައްޔިތުން އާބަސް ބުނެފިނަމަ އޭގެ ހިތި ރައްޔިތުން ދެކޭންޖެހޭތައް އޮންނާނީ ވަރަށްވެސް ކައިރީގައެވެ. އެ ފުރުސަތު ރައްޔިތުން ނުދެއްވާށެވެ.





