ފައިސާ ޗާޕު ނުކުރާނެކަމަށް ވިދާޅުވެ ހެދި ބޮޑު ދޮގުން ރެކެން، އެންމެ ފަހުން ކައްފާރާއަކަށް ޕެންޝަން އޮފީސް!

ވެރިކަމަށް ވަޑައިގަތުމަށްފަހު މުއިއްޒުގެ އަމަލުތައް ހުރި ގޮތުން މިއަދު ސާފުވާން އޮތް އެކަމަކަށް ވެގެން ދަނީ ވެރިކަން ހޯދުމުގެ ދަހިބެތިކަމުގައި މުއަދު ހަދާފައިވާ ބޮޑެތި ދޮގުތައް ކަމެކެވެ. ރައީސް ޔާމިން މިނިވަން ކުރުމުގެ ދޮގު ވައުދުން ފެށިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ ދޭނެކަމަށް ވިދާޅުވެ މުއިއްޒު ހެދި ބޮޑު ދޮގާއި، 700 އަށްވުރެ ގިނަ ދިޔާސީ މުވައްޒަފުން ނުތިބޭނެކަމަށް ވިދާޅުވެ މުއިއްޒު ހެދި ބޮޑު ދޮގާއި އޭގެވެސް އިތުރުން ފައިސާ ޗާޕް ނުކުރާނެކަމަށް ވިދާޅުވެ މުއިއްޒި ހެދި ބޮޑު ދޮގުތައް މިއަދު ފަޅާއަރަމުން ދިޔަނަމަވެސް އެއީ މަކަރާއި ހީލަތުން ވެރިކަން ހޯދުމަށް މުއިއްޒު ހެދި ބޮޑެތި ދޮގުތަކުގެ އަދި މަދު މިންވަރެކެވެ.

އެހެންނަމަވެސް، ވެރިކަން ހޯދުމަށް މުއިއްޒު ކިތަންމެ ގިނަ ދޮގުތަކެއް ހެދި ނަމަވެސް، އެ ދޮގާއި މަކަރާއި ހީލަތުގެ ދުއްތުރާ ރަައްޔިތުންނަށް ނުކުރާނަމަ، ރައްޔިތުން އެވާހަކަތައް ނުދައްކާ ތިބެދާނެއެވެ. އެއީ ތިމާކުރާ ނުބައި އަމަލުތަކުގެ ޝަޒާ ލިބޭނީ ހަމަ ތިމާއަށް ކަމަށް ވާތީއެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް، ރައްޔިތުންގެ ކުރިމަތީގައި މުތުލަގަށް ދޮގު ހެދުމަށްފަހު ހެދި ދޮގުތައް ފޫބެއްދުމަށް މުއިއްޒު މިއަދު މިވަނީ ދައުލަތުގެ މިނިވަން މުވައްސަސާތައް ގުރުބާން ކުރަން ފަށާފައެވެ. އޭގެ އެންމެ ފަހުގެ ދިރިހުރި މިސާލެއްގެ ގޮތުގައި ފެންނާން ހުރީ ޕެންޝަން އޮފީހެވެ.

ޕެންޝަން އޮފީހުސް މެދުވެރިކޮށް 2.5 ބިލިއަން ދިވެހި ރިފިޔާ މާރކެޓުގައި ސާކިއުލޭޓް ކުރުމަށް ނިންމާ މުއިއްޒު މިހާރުވަނީ އެ މުއާމަލާތް ފުރިހަމަވެސް ކޮށްފައެވެ. އެހެންނަމަވެސް ގަބޫލުކުރާންޖެހޭ އެއް ހަގީގަތަކީ ޕެންޝަން އޮފީހަކީ ދައުލަތުގެ އެހެން މުވައްސަސާތަކާއި ޚިލާފަށް، ރައްޔިތުންގެ އެތައް ހައްގެއް ރައްކާތެރިކުރާންޖެހޭ މުވައްސަސާއެއް ކަމެވެ. އެ މުވައްސަސާއިން ބަލަހައްޓަމުން ގެންދަވަނީ ރައްޔިތުން ހަލާލު މަސައްކަތުން ހޯދާފައިވާ ފައިސާއެވެ. އެހެންނަމަވެސް އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދޫކޮށް އެފައިސާ ސަރުކާރުން ގަންނަ ބޮންޑައް ހަދާ މާރކެޓްގައި ސާކިއުލޭޓް ކުރާން ފެށުމުން މި ނެރެވެނީ ކޮން ނަތީޖާއެއް ތޯއެވެ. އެއްވެސް ޝައްކެއް ނެތެވެ. މިހާރުވެސް ޑޮލަރު ލިބުމުގެ ތާށިކަމަށް ހައްލު ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވާން އޮތީ ފައިސާގެ ބާޒާރުގައި ދިވެހި ރުފިޔާގެ ސަޕްލައި އިންތިހާއަށް ބޮޑުވެ، ޑޮލަރަށް އޮތް ޑިމާންޑް އިންތިހާއަށް އުފުލިގެން ދިއުމެވެ. އެގޮތުން ފައިސާ ޗާޕް ނުކުރާނެކަމަށް ވިދާޅުވެ، މުއިއްޒު އެމްއެމްއޭއިން ފައިސާ ނެގުމަށްފަހު ޕެންޝަން އޮފީސް މެދުވެރި ކުރި ކަމުގައިވި ނަމަވެސް، އާޚިރު ނަތީޖާއަކަށް ވެގެން ދާނީ މި ނުރަގަޅު މާލީ ބަދަލާއެކު، މިހާރުވެސް 20 ރުފިޔާގައި ހުރި ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރައިގެން ދިއުމެވެ.

ހިތާމައަކީ ތިމާގެ ޒާތީ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރުމަށް މުއިއްޒު ޕެންޝަން އޮފީސްފަދަ، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މުވައްސަސާއެއް ކައްފާރާއަކަށް ހެދުމެވެ. މިއީ ބޮޑު މައްސަލައެކެވެ. މުއިއްޒު މި ދުއްވާލީ އެ މުވައްސަސާގެ މައްޗަށް އޮތް އިތުބާރެވެ. މުއިއްޒު މި ޔަގީން ކޮށްދިނީ އެ މުވައްސަސާގައި މިނިވަން ބޯޑެއް އޮތް ނަމަވެސް، ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެ މުވައްސަސާއަށް އަތް ބޭނޭނެ ކަމުގެ ޔަގީންކަމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ފައިސާ ޗާޕުކޮށްގެން، މި ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް މުއިއްޒު މި ހިންގާ ޖަރީމާގެ ބައިވެރިއެއްގެ ގޮތުގައި ޕެންޝަން އޮފީސް އޮތުމަށް އެ މުވައްސަސާގެ ބޯޑުން ހުއްދަ ދިނުމަކީވެސް ވަކީން ކުޑަ ޖަރީމާއެއްކަމުގައި ދެންނެވޭނެ ޖާގައެއް ނެތެވެ. މިއުސޫލުން މިނިވަން މުވައްސަސާތައް ގުރުބާންކޮށް، މުއިއްޒު ނަގާލަމުން މި ދަނީ ދައުލަތުގެ އެންމެ މުހިންމު މުވައްސާތަކުގެ އިތުބާރެވެ.

މިއީ ހަގީގަތުގައިވެސް ހިތާމަހުރި މައްސަލައެކެވެ. މި ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް މުއިއްޒު ހިންގަމުންދާ ޖަރީމާތަކުގެ ބައިވެރިއެއްގެ ގޮތުގައު ޕެންޝަން އަފީސް އޮތުމެވެ. އެ މުވައްސަސާ ގުރުބާން ވެގެން ދިއުމެވެ. މިއީ ޕެންޝަން އޮފީހުގެ ބޯޑުންނާއި މެނޭޖްމަންޓުން ޖަވާބުދާރީން ޖެހޭ، ސިޔާސީ މަގުސަދު ހާސިލްކުރުމަށް މި ސަރުކާރުގެ އިސްވެރިން ހިންގަމުންދާ ބޮޑު ޖަރީމާއެއްގެ ގޮތުގައި މެނުވީ މޭރުންކުރެވޭނެ އެއްވެސް ޖާގައެއް މިއަދަކު ނެތެވެ.