ފ. އަތޮޅު ވިއްކާލަން އުޅުނު ގޮތަށް ނ. އަތޮޅުން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލައި ރާއްޖެ އަޅުވެތި ކޮށްލަން މުއިއްޒު ނިންމައިފިއެވެ. އެފެއީޒެޑް ޤާނޫނަށް ބަދަލު ގެނެސްގެން ސަރުކާރުން އުޅެނީ ނ. އަތޮޅުން ބައެއް ވިއްކާލާށެވެ.
ފ. އަތޮޅު ވިއްކާލަން އަދީބު ވަނީ އޭރު ރިޝްވަތުގެ ގޮތުގައި ޕްރައިވެޓް ޖެޓަކުން ޑޮލަރު ރާއްޖެ ގެނެސްފައެވެ. ބާގީ ނާޒިމް ފްރޭމް ކޮށް ޖަލަށް ލެވުނީ އަދީބު ގެނައި ރިޝްވަތުގެ ފައިސާއިން ބައެއް އޭނާ ވަގަށް ނެގުމާއި ގުޅިގެންނެވެ. މުއިއްޒު އިސްކޮށް ހުރެގެން ސަރުކާރުން އުޅެނީ މިވަރުގެ ބޮޑު ރިޝްވަތުގެ ކަޓެއް ލިބޭ ގޮތަށް ނ. އަތޮޅުން ބައެއް ވިއްކާލާށެވެ.
މި ޖަރީމާ ރީތި ކުރުމަށް މުއިއްޒު ދީފައިވާ ނަމަކީ ޓައުންޝިޕެވެ. ދުނިޔޭގައި އެފެއީޒެޑް އޮންނަ އުސޫލާއި އެއް ގޮތަށް ހަދާފައިވާ ޤާނޫނަށް ބަދަލު ގެނެސް މި ވައްކަން ކުރެވޭ ގޮތަށް ކަންކަން ބަދަލު ކުރުމަށް މުއިއްޒު ވަނީ މަޖިލީހަށް ބިލެއް ފޮނުވާފައެވެ.
މި ބިލުގައި ވާ ގޮތުން، ރާއްޖެއިން މިކަމަށް ކަނޑައަޅާ ކޮންމެ ސަރަހައްދެއްވެސް ބޭރުގެ މީހުންނަށް ވިއްކާލެވެއެވެ. އަދި އެތާގައި ހިނގާ މުއާމަލާތްތަކުން އާންމުކޮށް ދައްކަން ޖެހޭ ޓެކްސެއް ސަރުކާރަށް ދައްކާކަށްވެސް ނުޖެހެއެވެ. އެއާއި ޚިލާފަށް މި ސަރަހައްދުގައި ރިސޯޓެއް ހަދައިފިނަމަ، ސަރުކާރަށް ދޭން ޖެހެނީ %1 ފީއެކެވެ. ބިލް ފާސްވުމުން މިތަން ފަހުން އިސްލާހަކާއި އެކު އުނި ކުރެވޭނެ ކަމަށް މި ބިލްގެ މައުލޫމާތު އެނގޭ އޭޖީގެ މުއައްޒަފަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއެވެ.
ރައީސް މުއިއްޒު ހުރިހާ ކަމެއް ކުރައްވަނީ މިފަދައިން އޮޅުވާލައިގެން މަކަރުވެރި ކަމާއި އެކުއެވެ. ފ. އަތޮޅު ވިއްކާލަން އަދީބު އުޅުނީ ފާޅުގައެވެ. ނ. އަތޮޅު ވިއްކާލަން މި އުޅެނީ ޤާނޫނު ބަދަލުކޮށްގެން ވަރަށް ބޮޑަށް އޮޅުވާލައިގެންނެވެ. އަދި އެކި މަރުހަޟާތަކަށް ބަހާލައިގެން ޤާނޫނުގައިވާ މާއްދާތަކަށް އުނި އިތުރުކަން ގެނެސްގެން ރައްޔިތުންނަށް ސިއްރުންނެވެ.
ފްރީ ޓްރޭޑް ޒޯނެއް ކަމަށް ދައްކައިގެން ނ. އަތޮޅުން ބައެއް (ބިލުގައި ވާ ގޮތުން ނަމަ، މުއިއްޒު ބޭނުން ބައެއް) ރާއްޖެއިން ވިއްކާލުމަށް ޤާނޫނަށް ބަދަލު ގެންނަ އިރު، މިއީ ޤާނޫނު އަސާސީ އާއި ޚިލާފު ކުށެކެވެ. ޤައުމު ވިއްކާލަން މުއިއްޒު ހީލަތްތެރިކަމާއި އެކު އެކުލަވާލާފައިވާ މި ބިލުގެ ދަށުން އެމީހުން އެތަނަށް ގެންނަ އެއްވެސް މުދަލަކަށް އެއްވެސް އެއްޗެސް ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނުނެގޭނެކަަމަށް ވެސް މި ބިލްގައި ވެއެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ފުނޑު ފުނޑު ވެގެން ދާނެއެވެ. އެހެން ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖައްސައި، ޓެކްސް އިންތިހާއަށް ބޮޑުކޮށް، %16 ޓީޖީއެސްޓީ ނަގައި، ބިޒްނަސް ޕްރޮފިޓް ޕަސެންޓް އެހާ ބޮޑުކޮށް ނަގަމުންދާއިރު، މިތަނުގައި ރިސޯޓަކާއި، އިތުރަށް ހޮސްޕިޓަލެއް އަޅާލުމުން އެއްވެސް ވަރަކަށް ސަރުކާރަށް އެފަދަ ޓެކްސް އެއް ދައްކަން ނުޖެހުމަކީ ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ފުނޑުފުނޑު ކޮށްލުމެވެ.