ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ދަމަހައްޓާ ގައުމަށް އިޚްލާސްތެރިވުމުގައި ސަރުވަޝް ދެއްކި ނަމޫނާ ޕެންޝަން އޮފީހުގެ އެހެން މަމްބަރުންވެސް މިވަގުތު އިސްކުރުމަކީ ދިވެހި އެންމެހާ ރައްޔިތުންގެވެސް މިވަގުތުގެ އެންމެ ބޮޑު އެދުމެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، މަގާމާއި ޖާހަތަކީ މާދަމާވެސް ގެއްލިގެން ހިގައިދާނެ ވަގުތީ އުފަލެއްކަށް ވާތީއެވެ. ޕެންޝަން ބޯޑުގެ މެމްބަރުން މިއަދު ގަބޫލުކުރައްވަން ޖެހޭ އެންމެ ބޮޑު ހަގީގަތަކީ، މާދަމާއަށް ދެމިހުންނާނީ ތިމާމެންގެ އަބުރާއި އިއްޒަތް ކަމެވެ. އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަން ކަމެވެ.
ސިޔާސީ ބޭފުޅުން އެބޭފުޅުންގެ ސިޔާސީ އެޖެންޑާ ހާސިލްކޮށް، ކޮރަޕްޝަނާއި ފަސާދައިގެން މަގުން ހިންގާ ބޮޑެތި ޖަރީމާތަކުގެ ޝިކާރައަކަށްވެ، ތިމާމެންގެ މުޅި ހަޔާތް ކިލަނބު ކޮށްލުމަށްވުރެ ކަނޑުކޮސް ކަމެއް އޮންނާނެ ތޯއެވެ. އާދޭހެވެ. އެންމެންވެސް ފައިސާ ބޭނުން ވާނެއެވެ. އެއީ ބޯޑެއްގެ މެމްބަރުކަން ކޮށްގެން ނަމަވެސް، އަދި އެނޫން ހަލާލު މަސައްކަތަކުން ނަމަވެސް، ލިބޭ އެންމެ 15،000 ރުފިޔާއަކީވެސް މުހިންމު އެއްޗެކެވެ. މަގާމާއި އިއްޒަތްވެސް ބޭނުންވާނެއެވެ. ޖާހަތާއި ހައިބަތުވެސް ކޮންމެ އިންސާނަކުވެސް ބޭނުންވާނެއެވެ. އެހަގީގަތް ގަބޫލުރާން ޖެހެއެވެ. އެއީ އިންސާނީ ތަބީއަތެވެ. އެތަބީއަތާއި ދެކޮޅަށް އަޑު އުފުލާ މީހަކުނަމަ އެހަދަނީ ދޮގެވެ.
އެހެންނަމަވެސް ހަމަ އެއާއެކު ގަބޫލުކުރާންޖެހޭ އެންމެ ބޮޑު ހަގީގަތަކީ ލޯލާރިއެއް ނަމަވެސް ހަލާލު ނޫން ގޮތުގައި ނުހޯދުމެވެ. ޖާހަތާއި މަގާމަކީ ހަލާލު އެއްޗަކަށް ވާން ޖެހޭނެއެވެ. އަބުރާއި އިއްޒަތުގައި އަގެއް އޮންނަންވާނެއެވެ. ކުރާ ކޮންމެ ކަމެއްގައި ގައުމަށް އިޚްލާސްތެރި ވާން ވާނެއެވެ. އެނޫން ގޮތަކުން ކުރާ އެއްވެސް މަސައްކަތެއް، ހޯދާ އެއްވެސް ފައިސާއެއް، ހާސިލުކުރާ އިއްޒަތެއް، އޮތް އަބުރެއް ޖާހަތެއް ތިމާއަށް ހައްގެއް ނުވާނެއެވެ. ހަލާލެއް ނުވާނެއެވެ. އޭގެ ބަދަލުގައި ވަގުތީ އުފަލަކަށް، ނުވަތަ ލިބޭ ސިޔާސީ މަންފާއަކަށް މި ދެންނެވި ކަންކަން ގުރުބާން ކޮށްފިނަމަ، ވަގުތީ ޖަޒަބާތުގައި އެ ގުރުބާން ކޮށްލެވެނީ ތިމާމެންގެ މުޅި މުސްތަގުބަލްކަން ޕެންޝަން ބޯޑުގެ އެންމެހާ މެމްބަރުންވެސް މިވަގުތު ގަބޫލުކޮށް ފިނި ސިކުނޑިއަކުން ވިސްނާލާށެވެ.
ވެރިކަމަށް ވަޑައިގަތުމަށް މުއިއްޒު ހެދިހާ ދޮގުތަކަކުން ރެކިގަތުމަށް މުއިއްޒު އެގެންދަވަނީ ދައުލަތުގެ މިނިވަން މުވައްސަސާތައް ގުރުބާން ކުރައްވަމުންނެވެ. އޭސީސީއަށް ބައްލަވާށެވެ. އެ ކޮމިޝަންގެ ރައީސް އެހުންނެވީ އައްޔަކަސް އަދިރިޔަކަސް ވާނީ އެއްވަރޭ ބުނެ، މުއިއްޒުއަށް ހަށި ވިއްކައިގެންނެވެ. އޭނާއަށް ދީނެއް ދުނިޔެއެއް މިއްލަތެއް ނެތެވެ. އޭނާ އެހުންނެވީ ކޮރަޕްޝަނާއި ފަސާދައިގެ މަގުން މުއިއްޒުއަށް ބައިއަތު ހިފައިގެންނެވެ. އޮޑިޓަރ ޖެނެރަލް ނިޔާޒީއަށް ބައްލަވާށެވެ. އިލްމީ މީހެއްގެ ގޮތުގައި މުޅި ހަޔާތް ހޭދަކޮށްލެއްވި ނިޔާޒީވެސް އެންމެ ފަހުން މަގާމުގެ ދިފާޢުގައި މުއިއްޒުއަށް ހަށިވިއްކަވަން ފެއްޓެވީއެވެ. މިފަދަ އެތައް މުވައްސަސާއެކެވެ. އެހެންނަމަވެސް ނަތީޖާއަކީ ކޮބައިތޯއެވެ. މި ބޭބޭފުޅުން އެ ގުރުބާން ކޮށްލައްވަނީ އަމިއްލަ ޒާތީ މުސްތަގުބަލެވެ. ނަޒާހާތްތެރި އެއްވެސް މުވައްސަސާއެއް، ފަރުދެއް އަދި ބައިނަލްއަގުވާމީ މުޖުތަމަޢުންވެސް މި ބޭބޭފުޅުންގެ ޕްރޮފައިލްއެއް ބަލައެއް ނުގަންނާނެއެވެ. އެ ދޫކޮށްލައްވަނީ ވަރަށްވެސް މުޑުދާރު ލެގަސީއެކެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ޕެންޝަން އޮފީހަކީ ދައުލަތުގައި މިއަދު އޮތް އެންމެ ނަޒާހަތްތެރި މުވައްސަސާއެވެ. އެންމެ އިލްމީ ބޭފުޅުން ތިއްބެވި ބޯޑެއް އޮތް މުވައްސަސާއެވެ. އެބޯޑުގައި ތިއްބެވި އިލްމީ ބޭފުޅުން މުއިއްޒުގެ ދޮގުވެރިކަމުގެ ދަލުގައި ޖެހިއްޖެނަމަ އެ ބޭބޭފުޅުންވެސް ހަމަ ގުނިގެން ދާނީ އޭސީސީގެ ރައީސް ޝާމިލް ފަދައިން، އޮޑިޓަރ ޖެނެރަލް ނިޔާޒީ ފަދައިން މަގާމާއި ޖާހަތަށްޓަކާ މުއިއްޒުއަށް ހަށިވިއްކާ “އެލީޓް” ގުރޫޕުގެ ތެރޭގައެވެ. ތިމާމެންނަށް ލިބިފައިވާ އިލްމާއި ހިލްމާއި، އެތައް ގުރުބާނީއަކުން ތިމާމެން އުފައްދާ ދެމެހެއްޓި ލެގަސީ ހިނދު ކޮޅެއްގެ ތެރޭގައި ގުރުބާން ކޮށް ނުލައްވާށެވެ. ބޯޑުގެ މެމްބަރު ސަރުވަޝް ދެއްކެވި ހިތްވަރާއި މިސާލު ތި ބޭފުޅުންވެސް ދައްކަވާށެވެ. ގުދުރަތުން ހަދިޔާކުރެއްވި ބުއްދީގެ ބޭނުން ކުރައްވާށެވެ. ވިސްނަވާށެވެ!