ވަގަށް ފައިސާ ޗާޕްކުރަން މުއިއްޒު ހެދި ބޮޑު ދޮގު ފަޅާ އަރުވާލުމުން، ސަރުވަޝްއަށް ތައުރީފް އޮހެނީ

ރައްޔިތުންނަށް އޮޅުވާލާ، މުއިއްޒު ވަގަށް ފައިސާ ޗާޕްކުރަން ހެދި ބޮޑު ދިގު ފަޅާ އަރުވާލާ، އިހުތިޖާޖު ކުރުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއްފާ ދެއްވި އަހުމަދު ސަރުވަޝްއަށް ރައްޔިތުންގެ ތައުރީފް އޮހެން ފަށައިފިއެވެ.

އަހުމަދު ސަރުވަޝް އާދަމް މިއަދު ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސަރުވަޝް ވިދާޅުވީ އިސްތިއުފާ ދެއްވީ ޕެންޝަން އޮފީހުން އެމްއެމްއޭގެ ފައިނޭންސް ބޮންޑައިގެން ކުރިއަށްދާން ނިންމުމުން ކަމަށެވެ.

މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދީ، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެން ފައިސާ ޗާޕުކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައި ވަނިކޮށް، ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވާފައިވާ ސަރުވަޝް ވިދާޅުވީ މިއީ ގާނޫނީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ތުހުމަތުކުރަމުންނެވެ. އެ ޕާޓީން ބުނެފައިވާ ގޮތުގައި ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން، 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްފައި ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ، އެ ފަންޑުގެ އިންވެސްޓްމަންޓް އުސޫލުތަކާ ހިލާފަށް ސަރުކާރަށް ނެގުމަށް އެމްއެމްއޭ އިސްވެ ކުރަމުންދާ ނުރައްކާތެރި މަސައްކަތެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައި ވެއެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު މުއިއްޒުގެ އަމަލުތައް ހުރި ގޮތުން މިއަދު ސާފުވާން އޮތް އެކަމަކަށް ވެގެން ދަނީ ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި ބޮޑެތި ދޮގުތައް ހަދާފައިވާ ކަމެކެވެ. ރައީސް ޔާމިން މިނިވަން ކުރުމުގެ ދޮގު ވައުދުން ފެށިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ ދޭނެކަމަށް ވިދާޅުވެ މުއިއްޒު ހެދި ބޮޑު ދޮގާއި، 700 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ނުތިބޭނެކަމަށް ވިދާޅުވެ މުއިއްޒު ހެދި ބޮޑު ދޮގާއި އޭގެވެސް އިތުރުން ފައިސާ ޗާޕް ނުކުރާނެކަމަށް ވިދާޅުވެ މުއިއްޒި ހެދި ބޮޑު ދޮގުތައް މިއަދު ފަޅާއަރަމުން ދިޔަނަމަވެސް އެއީ މަކަރާއި ހީލަތުން ވެރިކަން ހޯދުމަށް މުއިއްޒު ހެދި ބޮޑެތި ދޮގުތަކުގެ އަދި މަދު މިންވަރެކެވެ.

ޕެންޝަން އޮފީހުސް މެދުވެރިކޮށް 2.5 ބިލިއަން ދިވެހި ރިފިޔާ މާރކެޓުގައި ސާކިއުލޭޓް ކުރުމަށް ނިންމާ މުއިއްޒު މިހާރުވަނީ އެ މުއާމަލާތް ފުރިހަމަވެސް ކޮށްފައެވެ. އެހެންނަމަވެސް ގަބޫލުކުރާންޖެހޭ އެއް ހަގީގަތަކީ ޕެންޝަން އޮފީހަކީ ދައުލަތުގެ އެހެން މުވައްސަސާތަކާއި ޚިލާފަށް، ރައްޔިތުންގެ އެތައް ހައްގެއް ރައްކާތެރިކުރާންޖެހޭ މުވައްސަސާއެއް ކަމެވެ. އެ މުވައްސަސާއިން ބަލަހައްޓަމުން ގެންދަވަނީ ރައްޔިތުން ހަލާލު މަސައްކަތުން ހޯދާފައިވާ ފައިސާއެވެ. އެހެންނަމަވެސް އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދޫކޮށް އެފައިސާ ސަރުކާރުން ގަންނަ ބޮންޑައް ހަދާ މާރކެޓްގައި ސާކިއުލޭޓް ކުރާން ފެށުމުން މި ނެރެވެނީ ކޮން ނަތީޖާއެއް ތޯއެވެ. އެއްވެސް ޝައްކެއް ނެތެވެ. މިހާރުވެސް ޑޮލަރު ލިބުމުގެ ތާށިކަމަށް ހައްލު ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވާން އޮތީ ފައިސާގެ ބާޒާރުގައި ދިވެހި ރުފިޔާގެ ސަޕްލައި އިންތިހާއަށް ބޮޑުވެ، ޑޮލަރަށް އޮތް ޑިމާންޑް އިންތިހާއަށް އުފުލިގެން ދިއުމެވެ. އެގޮތުން ފައިސާ ޗާޕް ނުކުރާނެކަމަށް ވިދާޅުވެ، މުއިއްޒު އެމްއެމްއޭއިން ފައިސާ ނެގުމަށްފަހު ޕެންޝަން އޮފީސް މެދުވެރި ކުރި ކަމުގައިވި ނަމަވެސް، އާޚިރު ނަތީޖާއަކަށް ވެގެން ދާނީ މި ނުރަގަޅު މާލީ ބަދަލާއެކު، މިހާރުވެސް 20 ރުފިޔާގައި ހުރި ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރައިގެން ދިއުމެވެ.

ހިތާމައަކީ ތިމާގެ ޒާތީ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރުމަށް މުއިއްޒު ޕެންޝަން އޮފީސްފަދަ، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މުވައްސަސާއެއް ކައްފާރާއަކަށް ހެދުމެވެ. މިއީ ބޮޑު މައްސަލައެކެވެ. މުއިއްޒު މި ދުއްވާލީ އެ މުވައްސަސާގެ މައްޗަށް އޮތް އިތުބާރެވެ. މުއިއްޒު މި ޔަގީން ކޮށްދިނީ އެ މުވައްސަސާގައި މިނިވަން ބޯޑެއް އޮތް ނަމަވެސް، ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެ މުވައްސަސާއަށް އަތް ބޭނޭނެ ކަމުގެ ޔަގީންކަމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ފައިސާ ޗާޕުކޮށްގެން، މި ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް މުއިއްޒު މި ހިންގާ ޖަރީމާގެ ބައިވެރިއެއްގެ ގޮތުގައި ޕެންޝަން އޮފީސް އޮތުމަށް އެ މުވައްސަސާގެ ބޯޑުން ހުއްދަ ދިނުމަކީވެސް ބޮޑުވެގެންވާ ޖަރީމާއެއް ކަމެވެ. މިއުސޫލުން މިނިވަން މުވައްސަސާތައް ގުރުބާންކޮށް، މުއިއްޒު ނަގާލަމުން މި ދަނީ ދައުލަތުގެ އެންމެ މުހިންމު މުވައްސާތަކުގެ އިތުބާރެވެ.

ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ދަމަހައްޓާ ގައުމަށް އިޚްލާސްތެރިވުމުގައި ސަރުވަޝް ދެއްކި ނަމޫނާ ޕެންޝަން އޮފީހުގެ އެހެން މަމްބަރުންވެސް މިވަގުތު ދެއްކެވުމަށް ގޮވާލަމެވެ. މަގާމާއި ޖާހަތަކީ މާދަމާވެސް ގެއްލިގެން ހިގައިދާނެ ވަގުތީ އުފަލެއްކަން ބޯޑުގެ މެމްބަރުން މިއަދު ގަބޫލުކުރައްވަން ޖެހެއެވެ. މާދަމާއަށް ދެމިހުންނާނީ ތިމާގެ އަބުރާއި އިއްޒަތާއި އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަމެވެ.