ވެރިކަން ނިމުމުން ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕުކުރުމުގައި ބައިވެރިވި އެންމެންނަށް ދައުވާ އުފުލާނެ

ވެރިކަން ނިމުމުން ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕުކުރުމުގައި ބައިވެރިވި އެންމެންނަށް ދައުވާ އުފުލަން ޖެހޭ ކަމަށް އާންމު ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ. އަދި މިކަން މި ގޮތަށް ކުރާނެ ކަމުގެ ވިސްނުން އޮތްކަމަށް އެމްޑީޕީ ތެރެއިން ދިޔަވަރު ނޫހަށް ވަނީ ޔަގީންކަން ލިބިފައެވެ.

އަދުލު އިންސާފު ޤާއިމު ކުރެވޭނީ ޤާނޫނާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅިގެންނެވެ. ސަރުކާރުން ފައިސާ ޕްރިންޓް ކުރަމުންދަނީ ޤާނޫނުން ދީފައިވާ ލިމިޓަށް ވުރެ މާ ގިނައިންނެވެ. ޤާނޫނީ ގޮތުން ފައިސާ ޕްރިންޓް ކުރެވޭނީ ރާއްޖެއަށް އެންމެ ފަހުން ލިބުނު 3 އަހަރުގެ އާމްދަނީގެ އެވްރެޖް އިން %2.5 އެވެ. މި ސަރުކާރުން ވަނީ ކުރިން %1 އޮއްވާ %2.5 އަށް މަޖިލީހަށް ނުފޫޒު ފޯރުވައިގެން ބަދަލު ކޮށްފައެވެ.

ރާއްޖެއަށް ލިބިފައިވާ އެވްރެޖް އާމްދަނީއަކީ 33 ބިލިއަން ރުފިޔާއެވެ. ފައިސާ ޗާޕް ކުރަން ޤާނޫނު ތަންދޭ މިންވަރަކީ އޭގެ %2.5 އަށް ވުރެ މަދު އަދަދެއް ކަމުން އެންމެ ގިނަވެގެންވެސް ޗާޕު ކުރެވޭނީ 825 މިލިއަން ރުފިޔާއެވެ. އެހެން ކަމުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ ޤާނޫނީ ކުށެކެވެ.

އެކުށް ކުރުމުގައި އެންމެ ބޮޑަށް ޝާމިލު ވަނީ މުއިއްޒު އާއި، ފިނޭންސް މިނިސްޓަރަކަށް ހުރި ޒަމީރެވެ. އަދި އެކަމަށް ވާގިވާ ގަވަރުނަރުގެ މައްޗަށާއި އަދި އެކަން އެގޮތަށް ކުރަމަށް ޕެންޝަން އޮފީސް ބޭނުން ކުރަމުންދާ އެ އޮފީހުގެ ބޯޑު މެމްބަރުންނަށް ދައުވާކުރެވޭނެއެވެ.

މުއިއްޒުގެ ވެރިކަން 5 އަހަރު ހަމައަށް އޮންނާނެ ކަންވެސް ޔަގީނެއް ނޫނެވެ. އެހެންކަމުން މަގާމުގެ ދަހިވެތި ކަމުގައި ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕުކޮށް ދިވެހި އިޤްތިޞާދަށް އެއިން ފޫނުބެދޭ ވަރުގެ ގެއްލުމެއް ކުރިމަތި ކުރުވަމުންދާ ބައިގަނޑާއި އިންސާފު އަރާ ހަމަ ނުކުރާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ.