އާންމު ރައްޔިތުން ބީއެމްއެލްގައި ބަހައްޓާފައި ހުރި ފައިސާކޮޅު ނަގައިގެން ގާތް ފަރާތްތަކަށް 200 ޕްރޮޖެކްޓް ބިޑްނުކޮށް ދޭން މުއިއްޒު ނިންމައިފި

ރައްޔިތުންގެ ފައިސާ ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރައްޔިތުންގެ ފައިސާއިން ރުފިޔާ ނަގައި 200 އަށްވުރެ ގިނަ ޕްރޮޖެކްޓް ބީލަމަކަށް ނުލައި މުއިއްޒުގެ ގާތް ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމައިފިއެވެ.

މި ނޫހަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، މި ޕްރޮޖެކްޓްތައް ހަވާލުކުރާ ފަރާތްތަކާއި ބީއެމްއެލް އަދި ފިނޭންސް މިނިސްޓްރީއާ ދެމެދު ޓްރައި-ޕާޓީ އެގްރީމެންޓެއް ހެދި، ދައުލަތުގެ ގެރެންޓީގައި ލޯނުދޫކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ދޫކުރާ ލޯނަކީ އާންމު ރައްޔިތުންގެ ބީއެމްއެލްގައި ރައްކާ ކޮށްފައިވާ ފައިސާ ތަކެވެ. މިވަގުތު މަސްވެރިންނަށް ފައިސާ ދެމުން ދަނީވެސް ބޭންކުގައި ހުރި ރައްޔިތުންގެ ފައިސާއިން ކަމުން މި ފައިސާ ސަރުކާރަށް އަނބުރާ ނުދެއްކިއްޖެ ނަމަ، އާންމުން ބޭންކުން ފައިސާ ނެގުން ލިމިޓް ކޮށް ފައިސާ ދޫނުކުރަން ފެށުމަކީ ދެން ކުރިމަތިވެގެން ދާނެ ކަމެވެ.

ދުވަސްކޮޅެއް ކުރިން ކައުންސިލު އިމާރާތްތައް އަޅަން އާރުސީސީއަށް 631 މިލިއަން ރުފިޔާގެ ލޯނުދިނީވެސް މި އުސޫލުންނެވެ. 200 މިލިއަންވެސް ނާރާ މި ޕްރޮޖެކްޓަކީ ރިޝްވަތު ހިމެނޭ ބޮޑު ވައްކަމެކެވެ.

“ރެކޯޑު” ހެދުމުގެ މަޤްޞަދުގައި މި ޕްރޮޖެކްޓްތައް ބެހުމަށް އަންނަ ހަފުތާގައި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޚާއްޞަ ހަފުލާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޕްރޮޖެކްޓްތަކުގައި ސޮއިކުރުން ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 އިން ފެށިގެން މެންދަމާއާ ހަމައަށެވެ.

ބީލަމަކަށް ނުލައި މިފަދަ ޕްރޮޖެކްޓްތަކެއް ދޫކުރުމަށްޓަކައި އޮކްޓޯބަރު 12 ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ބަދަލުގެނެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓްތައް ބީލަމަކަށް ނުލައި އެވޯޑުކުރެވޭ ގޮތަށް ވަނީ ފަހިކޮށްފައެވެ.

މި ބޮޑު ޚަރަދު ހިންގަން ނިންމާފައިވަނީ ޤައުމުގެ އިޤްތިޞާދު ނާޒުކު ހާލަތެއްގައި އޮއްވައެވެ. އިންފްލޭޝަން ރޭޓް 4.14 ޕަސެންޓަށް އަރާފައިވާއިރު، އަންނަ އަހަރު ސަރުކާރުން 1.2 ބިލިއަން ޑޮލަރުގެ ލޯނު ދައްކަންޖެހޭ ހާލަތެއްގައެވެ. ބީއެމްއެލްގައި ރައްޔިތުން ބަހައްޓާފައިވާ ފައިސާކޮޅު ބޭނުންކޮށްގެން ސަރުކާރަށް ގާތް ފަރާތްތަކަށް ޕްރޮޖެކްޓް ދިނުމަކީ އިޤްތިޞާދީ ގޮތުން ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި ބޭންކުގައި ހުރި އާންމުންގެ ފައިސާ ހުސްވެގެން ދާނެ ކަމެކެވެ.