ސިއްރު ކޮޓަރިތަކާއި ބިމުއަޑީގެ ޗެމްބަރުތަކުގެ ކުރެހުންތައް ލީކުވެ، ބޮޑު ކަންބޮޑުވުމެއް
ލަންޑަނުގެ މަގުތަކަށް އެތައް ސަތޭކަ ބަޔަކު ނުކުމެ، ޗައިނާ ސަރުކާރުން އިނގިރޭސިވިލާތުގެ ވެރިރަށުގައި ބިނާކުރަން ރާވާފައިވާ ބިޔަ އެމްބަސީއާ ދެކޮޅަށް އަޑުއުފުލައިފިއެވެ. މި މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ދުވަސް ކައިރިވެފައި ވަނިކޮށް ބޭއްވި މި މުޒާހަރާގައި ބައިވެރިން ވަނީ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމުގެ ބިރުވެރިކަން ފާޅުކޮށްފައެވެ.
މުޒާހަރާގެ ބައިވެރިންގެ ގިނަ ބަޔަކު ތިބީ މޫނު ނިވާކޮށްގެންނެވެ. އެއީ ޗައިނާ ސަރުކާރުގެ ފަރާތުން ބަދަލު ހިފުމުގެ ފިޔަވަޅުތައް އަތުވެދާނެ ކަމުގެ ބިރަށެވެ. “ޗައިނާ އެމްބަސީއަށް ނޫނެކޭ” ބުނެ ގޮވަމުން ދިޔައިރު، “ހޮންގކޮންގ މިނިވަންކުރޭ” ޖެހި ދިދަތައް ވެސް ވިހުރުވަމުން ގެންދިޔައެވެ.
ކޮން ތަނެއްގައި ކޮން ކަހަލަ ތަނެއް؟
ޗައިނާ އިން މިހާރު ބޭނުންކުރަމުން އަންނަ އެމްބަސީ ހުންނަނީ ލަންޑަނުގެ މާލެބޯން ސަރަހައްދުގައެވެ. ނަމަވެސް އެތައް އަހަރެއް ކުރިންސުރެ ބެއިޖިންގ އިން ދަނީ ޓަވަރު އޮފް ލަންޑަނުގެ ހިޔަނީގައި އޮންނަ ތާރީޚީ ރޯޔަލް މިންޓުގެ ކުރީގެ ބިމުގައި އާ ބިޔަ އެމްބަސީއެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.
ނޫސްތަކުން ލީކުވި ކުރެހުންތަކުން ހާމަވި ގޮތުގައި މި އިމާރާތުގައި 208 ސިއްރު ކޮޓަރި ހިމެނެއެވެ. އޭގެ ތެރޭގައި ބިމުގެ އަޑީގައި ހަދާ “ފޮރުވިފައިވާ ޗެމްބަރެއް” ވެސް ހިމެނެއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މި ފޮރުވިފައިވާ ޗެމްބަރު ބިނާކުރަން ރާވާފައި ވަނީ ބިމުގެ އަޑީގައި ހުންނަ މުވާސަލާތީ ކޭބަލްތަކާ ޖެހިގެން ކަމެވެ. މިއީ ޖާސޫސީ ހަރަކާތްތަކަށް މަގުފަހިވާ ގޮތަށް ގަސްތުގައި ރާވާފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ޖާސޫސީ މަރުކަޒަކަށް ވެދާނެ ކަމުގެ އިންޒާރު
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމުގައިވާ ހޮންގކޮންގ ވޮޗްގެ ވެރިޔާ ބެނެޑިކްޓް ރޮޖާސް ވިދާޅުވީ މި އެމްބަސީ ބިނާކުރުމުގެ ހުއްދަ ދީފި ނަމަ އެތަން ޖާސޫސީ ކަންކަމަށް ބޭނުންކުރާނެ ކަމީ “ވަރަށް ބޮޑަށް އެކަށީގެންވާ” ކަމެއް ކަމަށެވެ. އެ ސަރަހައްދުގެ ބިމުއަޑީގައި ހުންނަ ނާޒުކު މުވާސަލާތީ ކޭބަލްތަކަށް ރިޢާޔަތް ކުރައްވައި، އޭނާ ވިދާޅުވީ ޗައިނާ އިން މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޗައިނާ ދެކޮޅު ފަރާތްތަކާ ދެކޮޅަށް “ބައިނަލްއަޤުވާމީ ފެންވަރުގައި އަނިޔާވެރި ކެމްޕެއިނެއް” ހިންގަމުންދާ ކަމަށެވެ. އާ އެމްބަސީއާ އެކު މި ހަރަކާތްތައް “އިތުރުވެ، ފުޅާވެގެން ދާނެ” ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މުޒާހަރާގައި ބައިވެރިވި، ހޮންގކޮންގ އިން އައިސް މެންޗެސްޓާގައި ދިރިއުޅެމުން އަންނަ 23 އަހަރުގެ ޒުވާނަކު، ރައްކާތެރިކަމަށްޓަކައި ހަމައެކަނި “ބްރެންޑަން” ގެ ނަމުގައި ވާހަކަ ދައްކަމުން ބުނީ، ހޮންގކޮންގގެ ގިނަ ރައްޔިތުން އިނގިރޭސިވިލާތަށް ހިޖުރަކުރީ “ޗައިނާގެ ހުދުމުޚުތާރު ވެރިކަމުން ސަލާމަތްވާން” ކަމަށެވެ. ނަމަވެސް މިހާރު ލަންޑަނުގައި ބެއިޖިންގގެ “އޮޕަރޭޝަންސް ބޭސް” އެއް ޤާއިމުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ބުންޏެވެ.
“ޗައިނާ ސަރުކާރު ނޫން އެއްވެސް ބަޔަކަށް މީގެ ފައިދާއެއް ނެތް،” ބެންކެއްގައި ވަޒީފާ އަދާކުރާ އެ ޒުވާނާ ބުންޏެވެ.
ހަމައެހެންމެ ނަން ހާމަނުކުރި 60 އަހަރުގެ އަންހެނަކު، އޭނާ ވެސް އެންމެ ކުރިން ހޮންގކޮންގ އިން އައިސް މެންޗެސްޓާގައި ދިރިއުޅެމުން އަންނަ ފަރާތެއް ކަމުގައި ވާއިރު، ބުނީ މި އެމްބަސީ ވެގެން ދާނީ “ހަމައެކަނި ޔޫކޭ އެއް ނޫން، މުޅި ޔޫރަޕު ޖާސޫސް ކުރުމުގެ މަރުކަޒަކަށް” ކަމަށެވެ. އޭނާ ވަނީ ބޮޑުވަޒީރު ކެއާ ސްޓާމާ އަރިހުން، ޤައުމީ ސަލާމަތަށް ނުރައްކާ ބޮޑުވީމާ މި ޕްލޭން ހުއްޓުވައި ދެއްވުމަށް އެދިފައެވެ.
ސިޔާސީ ފެންވަރުގައި ބޮޑު ބަހުސެއް
މި މައްސަލައިގައި އިނގިރޭސި ޕާލަމެންޓުގެ މެމްބަރުން ވެސް ވަނީ ސީރިއަސް ސަލާމަތީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އިދިކޮޅު ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކެމީ ބެޑެނޮކް ވެސް މުޒާހަރާގައި ވާހަކަ ދައްކަވައި، އެމްބަސީ ހުއްޓުވުމުގެ ކެމްޕެއިނަށް ތާއީދުކުރެއްވިއެވެ.
މުޒާހަރާގެ ބައެއް ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި “އެމްއައި5 އިން އިންޒާރު ދިން، ލޭބާ ޕާޓީ ކުރުނީސް ކުރީ” ޖަހާފައި ހުއްޓެވެ. މީގެން ދޭހަވަނީ އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި5 އިން މި އެމްބަސީގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ސަރުކާރަށް އިންޒާރު ދިން ނަމަވެސް، ވެރިކަންކުރާ ލޭބާ ޕާޓީ ޗައިނާގެ ކުރިމަތީގައި ކުރުނީސްކުރީ ކަމަށް ރައްޔިތުން ދެކެއެވެ.
މިހާރު މިކަމަށް ޔޫކޭ ސަރުކާރުން ވަނީ އިޒުނަ ދީފައެވެ. އަދި ސްޕައި ކުރާތޯ ބަލާނެ ކަމަށް އިނގިރޭސި ވިލާތުން ހާމަކުރިއެވެ.
މިއީ ޗައިނާގެ ހުދުމުޚުތާރު ވެރިކަމުން ފިލައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގޮސް ތިބި މީހުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެކެވެ. ޚާއްޞަކޮށް 2020 ވަނަ އަހަރު ޤައުމީ ސަލާމަތީ ޤާނޫނު ފާސްކުރި ފަހުން ހޮންގކޮންގ އިން އިނގިރޭސިވިލާތަށް ހިޖުރަކުރި އެތައް ހާސް ބައެއްގެ ސަލާމަތާ ގުޅިފައިވާ ކަމެކެވެ. އަދި އެތައް މިލިއަން މުސްލިމުންނެއް ޖަލަށް ލައި އަނިޔާ ކުރަމުންދާ ޗައިނާގެ ސަރުކާރުގެ ވަކިތަކުން ސަލާމަތް ވުމަށް އުއިގާ މުސްލިމުންނަށް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ. ޗައިނާއިން ދަނީ ފިލައިގެން ދާ މުސްލިމުން ޤައުމުތަކުގެ ސަރުކާރާއި ގުޅިގެން ހިފައި ހައްޔަރުކޮށް ޗައިނާއަށް ގެންގޮސް ޖަލަށް ލަމުންނެވެ. މިގޮތުން ދާދިފަހުން ތައިލެންޑުގައި ފިލައިގެން އުޅަމުން ދިޔަ މުސްލިމުން ތަކެއް ޗައިނާއަށް ވަނީ ގަދަކަމުން ގެންގޮސްފައެވެ.
ޗައިނާ ސަރުކާރުން ބޭރު ޤައުމުތަކުގައި ހިންގާ “ޓްރާންސްނެޝަނަލް ރިޕްރެޝަން” ނުވަތަ ބައިނަލްއަޤުވާމީ އަނިޔާވެރި ހަރަކާތްތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނެވިފައިވާ ދަނޑިވަޅެއްގައި، ލަންޑަނުގައި މިފަދަ ބޮޑު އެމްބަސީއެއް ޤާއިމުކުރުމަކީ ޗައިނާގެ ނުފޫޒު ޔޫރަޕުގައި ފުޅާކުރުމުގެ ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.





