މުއިއްޒު ދޮން އަމާއަށް ވީ ބޮޑު ޚިޔާނާތުގެ، އެވާޑް ވިނިންގ ޑޮކިއުމަންޓްރީގެ ބާނީ އާއިދު އެމްއޭސީއެލްއަށް، މުއިއްޒު އޭނާ ގަނެލީ 48،000 ރުފިޔާގެ މަހު މުސާރައަކަށް

ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ސިޔާސީ ގޮތުން މުއިއްޒުއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު، މުއިއްޒު އޭނާގެ ދޮން އަމާއަށްވީ ބޮޑު ޚިޔާނާތުގެ މައްޗަށް ތައްޔާރުކުރި “ދޮން އަމާ” ޑޮކިއުމަންޓްރީގެ އެއް ބާނީކަމަށްވާ، ނޫސްވެރިޔާ އާއިދު މަހަކު 48،000 ރުފިޔާގެ މަހު މުސާރައަކަށް އެމްއޭސީއެލްގެ ވަޒީފާއަކަށް ހިނގައްޖެއެވެ. އޭނާ އެމްއޭސީއެލްއާއި ގުޅުނުކަން ކަށަވަރު ވެފައިވާއިރު، އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ ދޫކޮށްލައިފިކަމަށް ބުނެ މިއަދު ޓުވީޓެއްވެސް ކޮށްފައެވެ.

އޭނާގެ ޓުވީޓުގައި އޭނާ ބުނެފައިވަނީ ނޫސްވެރިކަމުގެ ދާއިރާ ދޫކޮށްލީ އޭނާއަށް ނަފްސާނީ ގޮތުން ގެއްލުންވެ ސިކުނޑު ހަމަނުޖެހޭ ހާލަތަށް އޭނާގެ ހާލަތު ގޮސްގެން ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާވަނީ މުއިއްޒުއާއި ބައްދަލުކޮށް ރޮއި ހަދާފައެވެ. އަދި އޭނާއަށް މާފް ކޮށްދިނުމަށް މުއިއްޒުގެ ގާތުން އޭނާ ރޮއި އާދޭސް ކޮށްފައިވާކަމަށްވެސް އިތުބާރު ހުރި ގޮތަށް މައުލޫމާތު ލިބިފައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ލޯންޗުކުރި “ދޮން އަމާ” ޑޮކިއުމަންޓްރީއަކީ، މުއިއްޒު އޭނާގެ ދޮން އަމާއަށް ވީ ބޮޑު ޚިޔާނާތް ފީޗަރކޮށް، ހަގީގީ ވާހަކައިގެ މައްޗަށް ތައްޔާރުކުރި މަޝްހޫރު ޑޮކިއުމަންޓްރީއެކެވެ. އެޑޮކިމަންޓްރީއަކީ ފަހުން ނޫސްވެރިކަމުގެ އެވާޑްވެސް ލިބިނު ޑޮކިއުމަންޓްރީއެކެވެ. އެޑޮކިއުމަންޓްރީގެ ސަބަބުން ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މުއިއްޒުއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

އަދަދު ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި އާއިދު މަސައްކަތް ކުރިއިރު އޭނާވަނީ މުއިއްޒުއަށް ނިސްބަތްކޮށް ވަރަށް ހަޑި ހުތުރު ބަހުރުވައިން ސޯޝަލް މީޑިއާގައި ލިޔެ ހަދާފައެވެ. އެގޮތުން މުއިއްޒުއަށް ފާޑު ކިޔާ ފަރާތްތަކުގެ ތެރެއިން އޭނާ ފާހަގަވަނީ ހަޑި ހުތުރު ބަހުރުވައިން މުއިއްޒުއަށް ފާޑުކިޔާ މީހެއްގެ ގޮތުގައެވެ.

މުއިއްޒުއަކީ އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ފައިސާގެ ދަޅަ ދައްކާ، ބަދަލު ހިފުމުގެ ގޮތުން އެފަރާތްތަކުގެ ކެރިއަރ ދުއްވާލުމުގެ ސަގާފަތެއް ގެންގުޅެމުން އަންނަ ވެރިއެއްކަން ފާހަގަ ކުރެވެއެވެ. އަދި މުއިއްޒުއަށް ސިޔާސީ ގޮތުން “ހަށި ވިއްކި” އާއިދުއަކީ އެމްޑީޕީގެ ވެރިކަމުގައިވެސް އެސަރުކާރަށް ފާޑު ކިޔަން ހުރެފައި، ސިޔާސީ ފަރާތްތަކުން ފައިސާ ހޯދައިގެން ފަހުން އެމްޑީޕީގެ ވެރިކަމަށް ހުށާމަތުކުރަން ފެށި ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.