ފަސްޓްލޭޑީ އެދެނީ ރައީސް މުއިއްޒު ވައްކަން ކުރާ ވާހަކައާއި، ދޮގު ހަދާ ވާހަކަ އާއި، ޤައުމު ވިއްކާލާ ވާހަކަ ނުދައްކާ އެމްޑީޕީއިން ކެމްޕެއިން ކުރުމަށެެވެ. ސާޖިދާގެ ސީދާ އިބާރާތުންނަމަ އެދެނީ ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް ކެމްޕޭން ކުރުމަށެވެ.
ބަދު ބަހަކީ ރައީސް މުއިއްޒަށް ސަރުކާރު ކޮންމެ ކުންފުންޏަކުން ކުރާ ކޮންމެ ކަމަކުން ސީދާ ރައީސް މުއިއްޒަށް އެންމެ މަދުވެގެން %30 ނަގާ ވާހަކަ ނުދައްކައެވެ. ރައީސް އޮފީހުން ފެށިގެން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އައްޔަން ކުރާ މީހުންގެ ތެރޭގައި ވައްކަން ކުރާ މީހުންނާއި، ބޮޑެތި މުޖުރިމުން ލަމުން ދާ ވާހަކަ އަމުދުން ނުދެއްކުމަށެވެ.
ކޯޓުތަކަށް ޕީއެންސީ އެކްޓިވިސްޓުން މުއިއްޒު އައްޔަން ކުރި ވާހަކައާއި، މަޖިލީސްގައި އަޅުން ގެންގުޅޭ ވާހަކަ ނުދައްކާށެވެ.
އިލެކްޝަން ކޮމިޝަންގެ ބާރުތައް ނަގައި، އެތަނަށް އައްޔަން ކުރާ ވެރިން އައްޔަން ކުރުމުގެ ބާރު މަޖިލީހުން ފޭރިގަނެގެން މުއިއްޒު ހުރި ވާހަކަ ނުދައްކާށެވެ.
އަދި އަމުދުން ހައްޤު ނޫން އެވޯޑު އަމިއްލަ ދަރިއަށް ނުފޫޒުން ދިން ވާހަކަ އާއި، ރައީސް މުއިއްޒު އާއި ބައެއް އަންހެން ކަބަލުންނާއި އެ އޮންނަ ވާހަކަ ނުދައްކާށެވެ. އެއީ ފުރައްސާރަ ކުރުމެވެ.
އެންމެފަހުން ކަނޑާލި ސްޓެލްކޯ އެމްޑީ އާއި ޕޮލިސްކޮމިޝަނާ ކަނޑާލުމުގެ އަޑީގައި ހުރީ ރައީސް މުއިއްޒު ލޯބިފުޅުވާ މާ ރީތި ކަބަލެއްގެ ވާހަކަ ކަމަށް ބުނެ ރައްޔިތުން އެދައްކާ ވާހަކަވެސް ހުއްޓާލާށެވެ. އެއީ ބުނެވޭ ބަދު ބަހެކެވެ.
އެޗްޑީސީއިން ވައްކަން ކޮށްގެން ކަމަށް ބުނެ ކަނޑާލި ފަރާތާއި މެދު ފިޔަވަޅު ނޭޅިގެން އުޅޭނީ، އޭނާ ކުރި ހުރިހާ ވައްކަމެއްގައި މުއިއްޒު ބައިވެރިވި ކަމަށް އޭނާ ބުނާ ވާހަކަ އަމުދުން ނުދައްކާށެވެ.
ސިޔާސީ މުއައްޒަފުން ނަގާ ވާހަކަ އާއި، ވާދަ ކުރާ އެމްޑީޕީ ކެނޑިޑޭޓުންގެ ނަން ނެގުމަށް 1 މިލިއަނާއި 3 މިލިއަނާއި ދެމެދުގެ ބޮޑު ރިޝްވަތު މުއިއްޒު ހުށައަޅަމުންދާ ވަހަކަ ވެސް ނުދައްކާށެވެ.
އިލެކްޝަނާއި ދިމާކޮށް ހިޔާ ފްލެޓްގެ ވެރިންނަށް ދައުލަތުން ފައިސާ ބަހަކަން މުއިއްޒު ނިންމި ކޮރަޕްޝަންގެ ވާހަކަ ވެސް ނުދައްކާށެވެ.
އަމުދުން ޗާގޯސް ހޯދުމާއި ގުޅޭ ގޮތުންނާއި، ކަނޑު ވިއްކާލި ކަމަށް ބުނެ މުއިއްޒު ތަކުރާރުކޮށް ހަދަމުންދާ ދޮގުތައް ފަޟީހަތް ވަމުން ދާއިރު އެވާހަކަވެސް ނުދައްކާށެވެ.
ދުނިޔޭގެ ވެރިއަކު، ލިޔެވިފައިވާ ތާރީޚުގައި ދުވަހަކުވެސް ދޮގު ނުހަދާ ވަރަށް ރައްޔިތުން ކައިރީ ރައީސް މުއިއްޒު ދޮގު ހެދި ވާހަކަ އާއި، އަމަލާއި ބަހާއި ދިމާނުވާ މުނާފިގުކަން އިންތިހާއަށް މުއިއްޒުގެ ކިބާގައި ހުރި ވާހަކަ ނުދައްކާށެވެ. އަދި ކައްޒާބޭ ނުކިޔާށެވެ.
ޑޮލަރުގެ އަގު 16ރުފިޔާއިން 21 ރުފިޔާއަށް އެރި ވާހަކައާއި އާންމު ކާބޯތަކެތި ބާޒާރުން ލިބުން ދަތިވެ އަގުތައް ބޮޑުވެފައިވާ ވާހަކަ ވެސް ނުދައްކާށެވެ.
ސިންގަޕޫރަށް ފަރުވާ ކުރަން ރައީސް މުއިއްޒު ވަޑައިގަންނަވާއިރު، ރައްޔިތުންނަށް އާސަންދަ ރަނގަޅަށް ނުލިބޭ ވާހަކައާއި، ރައްޔިތުންނަށް އާދައިގެ ބޭސްވެސް ނުލިބޭ ވާހަކަ ނުދައްކަންވީއެވެ.
މިލިސްޓް ލިޔެ ނުނިމޭނެއެވެ. ހައްތަހާވެސް ހުރީ ފަސްޓްލޭޑީ ސާޖިދާ އެމްޑީޕީ މީހުން ކެމްޕެއިން ކުރުމުގައި ނުދައްކަން ބުނި ވާހަކަ ތަކެވެ.
ފަސްޓްލޭޑީ ސިޔާސީ މައިދާނަށް ނުކުމެ އެމްޑީޕީއަށް ކެމްޕެއިން ކުރަންވީ ގޮތް ކިޔާދޭ ހިސާބަށް ކަންކަން ދިޔައީމާ ބަލިވެފައިވާ ވާވަރު ސާފުވެއެވެ. ރައްޔިތުންގެ ނުރުހުން ތި ދެމަފިރިންނަށް އޮތް ވަރު ސާފުވެއެވެ. އެންމެ މީހަކު އިސް އުފުލާ މުއިއްޒަށް ތާޢީދު ކުރާތީއެއް ނުބަލައެވެ. މިވަގުުތަށް މަގާމާއި، ފައިސާއަށް ޓަކައި ހިނިތުން ވެލަނީއެވެ.
ޤައުމު މުއިއްޒު ގެންދިޔަ ހިސާބު އެންމެނަށް އެނގެއެވެ. ކައިރީގައި ތިބި މީހުންނަށްވެސް އެނގެއެވެ. ޑިމޮކްރަސީ ނުވަތަ ރައްޔިތުންގެ ވެރިކަމަށް މުއިއްޒު ހަދާލި ހުތުރު ނުބައި ގޮތާއި، ޚާރިޖީ ގުޅުންތައް ހީނަރުކޮށް ރާއްޖެއަށް ހަދާފައިވާ ގޮތް އޮޅިގެން އުޅޭ އެއްވެސް ބަޔަކު ނޫޅެއެވެ. ކުޑަމިނުން ބޭރުގައި ކިޔަވަން ތިބި ކުދިންގެ ޓިއުޝަން ފީ މި ސަރުކާރަށް ނުދެއްކެއެވެ. ވެރިއަކު ނާގާބިލު ވާނީ، ތަންދޮރު ނުދަންނާނީ މިވަރަށެވެ. އެހެންވީމާ ކެމްޕެއިން ކުރަންވީ ގޮތް އަޅުގަނޑުމެން އެމްޑީޕީ މީހުންނަށް ކިޔައި ނުދީ، އިސްތިއުފާ ދިނުމަށް ކަމަނާ މުއިއްޒަށް ދަންނަވާށެވެ. މުއިއްޒުގެ ނާގާބިލު ކަމާއި، މަކަރާއި ދޮގުތެރޭ ޤައުމެއް ފަނާވެ ނިމިގެން ދާއިރު، ވަކި މީހެއް ނެތި ހުރިހާ ރައްޔިތުންނަށް ބޭވަފާތެރި ވެފައިވާ މީހެއްގެ ފަހަތުގައި ކަމަނާ އަމުދުން ނުހުންނަވާށެވެ. އިއްޒަތާއި ގަދަރު ހިފަހައްޓާށެވެ. މުއިއްޒުގެ ފަސާދާގައި ޖެހި ހަލާކުވެ ދާވަރުގެ އިހްލާސްތެރިކަމެއް މުއިއްޒުގެ ކިބާގައި ޤައުމަށްވެސް އެކަކަށްވެސް ނެތްކަން ކަމަނާއަށް މާ ސާފުކޮށް އެނގޭނެއެވެ.






