ތަރައްޤީގެ ރީތި މަންޒަރު ޗައިނާއިން ދެއްކިއަސް ކޮމިއުނިސްޓް ޕާޓީގެ ބާރުގެ ދަށުގައި ޗައިނާގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ނިކަމެތިވެފައި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އިން ވަނީ ރައްޔިތުންގެ ހަރަދު ކުރުމުގެ ބާރު ދަށްކޮށް، ގައުމުގެ ހުރިހާ ވަސީލަތެއް ދައުލަތުގެ ބާރުގެ ދަށުގައި ހިފެހެއްޓުމަށް ކެނޑިނޭޅި މަސައްކަތް ކޮށްފައެވެ. ދުނިޔެއަށް ތަރައްޤީގެ ދަޅަ ދައްކަމުން ދާއިރު، ޗައިނާގެ އެތެރޭގައި އޮތް ޙަޤީގަތް ތަފާތެވެ. ހަގީގަތަކީ، ކޮމިއުނިސްޓް ޕާޓީގެ ވެރިކަމުގައި އާންމު ރައްޔިތުންގެ ހާލަތު ރަނގަޅު ނުވެ، ޗައިނާގެ ގިނަ ރައްޔިތުން ބިކަ ހާލުގައި ތިބި ކަމެވެ.

ސީސީޕީ ބޭނުން ވަނީ ޓެކްނޮލޮޖީ ދާއިރާއިން ދުނިޔޭގެ ބާރަށް ވާށެވެ. ނަމަވެސް މި ހުވަފެން ހާސިލު ކުރުމަށް ގުރުބާން ކުރަން ޖެހިފައި ވަނީ އާންމު ރައްޔިތުންގެ ދިރިއުޅުމެވެ. ގައުމުގެ ވަސީލަތްތަކާއި ފައިސާ ދައުލަތުގެ ކޮންޓްރޯލްގެ ދަށުގައި ހިފެހެއްޓުމަށްޓަކައި، ރައްޔިތުންނަށް ދެވޭ ފައިސާ ވީހާ ވެސް ކުޑަ ކުރުމަކީ ކޮމިއުނިސްޓް ޕާޓީ ގެންގުޅޭ ސިޔާސަތެވެ. “ނިއު ކޮލިޓީ ޕްރޮޑަކްޓިވް ފޯސަސް” ފަދަ ހިތްގައިމު ނަންތަކުގެ ފަހަތުގައި ވަންހަނާ ވެފައިވާ ހަގީގަތަކީ، ކުރިއަރަމުންދާ ޓެކްނޮލޮޖީ ދާއިރާ ތަރައްގީ ކުުރަނީ ރައްޔިތުންގެ ތަނަވަސްކަން ހޯދައި ދިނުމަށް ނޫން ކަމެވެ. ބޮޑެތި ވިޔަފާރި ތަކުން ދައުލަތަށް ފައިދާ ހޯދައި ދިނުންމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ހަމައަށް އެފައިސާ ނުލިބި ސަރުކާރާއި، ދައުލަތުގެ އިސްވެރިންގެ މުއްސަނދިކަން ދަނީ އިތުރުވަމުންނެވެ.

ރަނގަޅު ތައުލީމު، ސިއްހީ ފަރުވާ، ބޯހިޔާވަހިކަން ހޯދަން ދަތިވެ، ރައްޔިތުން ތިބީ ވަޒީފާ ލިބުމަށް ދަތިވެ ހާސްވެ ކަމެއްގެ ތެރޭގައެވެ. ދުނިޔެއަށް ތަރައްޤީގެ މަންޒަރު ޗައިނާއިން ދެއްކިއަސް، ހިތި ހަގީގަތަކީ ކޮންމެ ވަގުތެއްގައިވެސް ދިރިއުޅުމުގެ ހަރަދު އިތުރަށް ބޮޑުވެ އެކަން ބަރުދާސްތު ނުކުރެވޭނެ ފަދަ ހާލަތެއްގައި ޗައިނާގެ އާބާދީގެ ބޮޑުބައެއް އޮތްކަމެވެ.

“އިންވެސްޓްމަންޓް އިން ޕީޕަލް” ނަމުގައި ސީސީޕީ ގެ ތިއަރެޓިކަލް ޖާނަލް ތަކުން ފެތުރި ސިޔާސަތުތަކަކީ، ހަގީގީ ބަދަލެއް ގެންނާނެ ސިޔާސަތު ތަކެއް ނޫން ކަން ހާމަ ވެއެވެ. ރީތި ނަންތައް ދެވިފައިވާ ކެއަރ ޕްރޮގްރާމު ތަކާއި، ހިލޭ ތައުލީމުގެ ވާހަކަ ދެއްކި ނަމަވެސް، ލޯކަލް ގަވަރންމަންޓު ތަކަށް މައި ސަރުކާރުން ލިބެނީ ދަތި ބަޖެޓެއް ކަމަށް ވާތީ، އާންމުންނަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތުގެ ތަންފީޒީ ބާރު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ.

ޗައިނާ ސަރުކާރު ހިންގާ ނިޒާމު ބަދަލު ނުުވާހައި ހިނދަކު، ރައްޔިތުންގެ ދިރިއުޅުމަށް ހަގީގީ ތަސައްލީއެއް ލިބިދިއުމުގެ ފުުރުސަތު ކުޑައެވެ. ދައުލަތުގެ ބާރާއި ކޮންޓްރޯލް ދޫ ނުުކޮށް، ޓެކްނޮލޮޖިކަލް ބާރުގަދަ ގައުމަކަށް ވުުމުގެ ހުވަފެން ދެކެމުން، ރައްޔިތުންގެ ހެވާއި ލާބައަށް ވުރެ ޕާޓީގެ ވެރިކަން ދެމެހެއްޓުން އިސްކުރާ ސަރުކާރެއްގެ ކިބައިން، ހަގީގީ ރައްޔިތު ހިދުމަތެއް ލިބިދާނެ ކަމަށް އުއްމީދު ކުުރުމަކީ ކުށްހީއެކެވެ. ޗައިނާގެ ކޮންމެ ފަސް އަހަރީ ޕްލޭނެއްގައި ވެސް ރައްޔިތުންނަށް ވެވޭ ވައުދުތައް ރީތި ބަހުން ލިޔެވިފައި ވީ ނަމަވެސް، އެއިން ފައިދާއެއް ނުކޮށް ބާރާއި ނުފޫޒު ޕާޓީ ލީޑަރޝިޕްގެ އަތްމަތީ ހިފަހައްޓާތާ ދިގު ތާރީހެއް ފާއިތުވެ ހިނގައްޖެއެވެ.

ޑިމޮކްރަސީ ފަދަ ރައްޔިތުންގެ ވެރިކަމެއް ބޭނުން ވަނީ މިފަދަ އަނިޔާތަކުން ރައްޔިތުން ސަލާމަތް ކުރުމަށެވެ. ސަރުކާރެއް އޮންނަން ވާނީ ރައްޔިތުންގެ އަތްމަތީގައެވެ.