ތުރުކީގެ ސަރުކާރުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ވެރިފައިކުރުން ލާޒިމުކުރާ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކީން ގުރުލެކް ވިދާޅުވީ މި ޤާނޫނުގެ ބޭނުމަކީ އޮންލައިންކޮށް ހިންގާ ކުށްތަކާއި ދޮގު މައުލޫމާތު ފެތުރުމާއި ފުރައްސާރަކުރުން ހުއްޓުވައި، ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. ނަމަވެސް މިއީ މިހާރުގެ އަނިޔާވެރި ރައްޔިތުންގެ ވެރިކަމުގެ ނިޒާމާއި ދުރު ވެރިކަން ދިފާޢު ކޮށް ވެރިކަމަށް ފާދު ކިޔާ މީހުން ދެނެގަތުމަށް ހަދާ އަނިޔާވެރި ޤާނޫނެވެ. މި ޤާނޫނުގެ ދަށުން ޕޯސްޓުކުރާ، ކޮމެންޓުކުރާ ނުވަތަ ކޮންޓެންޓް ޝެއާކުރާ ކޮންމެ މީހެއްގެ ވެސް ޒާތީ މައުލޫމާތު ކަށަވަރުކުރަން ޖެހޭނެއެވެ.
މިނިސްޓަރު ގުރުލެކް ވިދާޅުވާ ގޮތުގައި ނަން ނޭނގޭ ގޮތަށް އެކައުންޓް ހެދުމުގެ ފުރުސަތު އޮތުމުން، އެތައް ބަޔަކަށް ފުރައްސާރަކޮށް، ބިރުދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ވެރިފިކޭޝަން ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ، ގެއްލުންދެނިވި ކޮންޓެންޓް ފަތުރާ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ މަގު ފަހިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޤާނޫނު ފާސްވުމުން، ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީ (ބީޓީކޭ) އިން މި ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ތުރުކީގެ ސަރުކާރުން ކުޑަކުދިން ކުށުގެ ވެށީގައި ބައިވެރިކުރާ މައްސަލައަށް ޙައްލު ހޯދުމަށް ޖުޑީޝަލް ރިފޯމް ޕެކޭޖެއްގެ ދަށުން ޤާނޫނީ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އެބަ ގެންދެއެވެ. ތުރުކީގެ ތަފާސްހިސާބު އިދާރާގެ ޑޭޓާއިން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ސެކިއުރިޓީ ޔުނިޓްތަކަށް ރިޕޯޓުކުރެވުނު ހާދިސާތަކުގައި ކުޑަކުދިން ޝާމިލުވި ޢަދަދު 612,651 އަށް އަރާފައިވާ އިރު، މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާ އިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ. ކުށުގެ ވެށްޓަށް ހުށަހެޅޭ ކުޑަކުދިންގެ ތެރެއިން 40.4 އިންސައްތައަކީ މާރާމާރީގެ މައްސަލަތައް ކަމަށް ވާ އިރު، ވައްކަމުގެ މައްސަލަތައް 16.6 އިންސައްތައަށް އަދި މަސްތުވާތަކެތީގެ މައްސަލަތައް 8.2 އިންސައްތައަށް އަރައެވެ. މިއީ ސޯޝަލް މީޑިޔާގެ ސަބަބުން ވާ ކަމެއް ނޫނެވެ. މިކަން ވަނީ އޮތް ހުދުމުހުތާރު އަނިޔާވެރި އުރުދުޣާންގެ ސަރުކާރުން ވެރިކަން ދިފާޢު ކުރުން ފިޔަވައި އިތުރު ކަމެއް ކުރަން ނުދަންނާތީއެވެ.
މީގެ އިތުރުން، ޣައިރު ޤާނޫނީ ބެޓިންގ ނެޓްވޯކްތައް ނައްތާލުމަށް ސަރުކާރުން ގެންދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މިނިސްޓަރު ގުރުލެކް ފާހަގަކުރެއްވި ގޮތުގައި، ޣައިރު ޤާނޫނީ ބެޓިންގ ޖަމާޢަތްތަކުން ފާރަވެރިކަމުން ރެކެން ތަފާތު އުކުޅުތައް ބޭނުންކުރި ނަމަވެސް، އެ ޖަމާޢަތްތަކުގެ މާލީ ނެޓްވޯކްތައް ރޫޅާލައި، ޑިޖިޓަލް މޮނިޓަރިންގ ވަރުގަދަކޮށް، ރައްޔިތުން އޮޅުވާލުމާއި ޖަރީމާތަކުން ޙިމާޔަތްކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ތުރުކީގެ ސަރުކާރުން ދެކޭ ގޮތުގައި، މި ހުރިހާ ފިޔަވަޅުތަކަކީ ޑިޖިޓަލް ޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޤާނޫނީ ނިޒާމު ޒަމާނީކުރުމުގެ ފުޅާ ސްޓްރެޓެޖީގެ ބައެކެވެ. ރައީސް މުއިއްޒުވެސް ވަނީ ހަމަ މި ޤާނޫނު މިގޮތަށް ރާއްޖޭގައި ފާސްކޮށް އާންމުކޮށް އޮންލައިންކޮށް ޑޭޓްރޭޑް ކުރާ ފަރާތްތައް ކުރަމުންދާ މިނިވަން ވިޔަފާރިއަކީ ކުށެއް ކަމަށް ޤާނޫނުން ހަދާފައެވެ.






