ނިމާލްގެ ފުރިހަމަ ނަމަކީ ކޮބައިކަން މުއިއްޒުއަށް ނޭގުނު!

މިއަދު ނިޔާވި މަޝްހޫރު ފިލްމް ޑައިރެކްޓަރ ނިމާލްގެ ނަން މުއިއްޒުއަށް އޮޅިއްޖެއެވެ. ސްޓްރޯކެއް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ނިމާލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ މުއިއްޒު ކުރެއްވި އެކްސް ޕޯސްޓުގައި އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ ޑައިރެކްޓަރު “އަޙްމަދު ނިމާލް” ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމުގައެވެ. އަދި އެ އެކްސް ޕޯށްޓުގެ ދެވަނަ ބައިގައި ވިދާޅުވެފައިވަނީ މަރްޙޫމް “މުޙައްމަދު ނިމާލް” އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމުގައެވެ.

މުއިއްޒު ފާހަގަ ވެފައިވަނީ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރެއްވުމުގައި ފަރުވާ ކުޑަ އަދި ވާނުވާ ނުބައްލަވާ ރައީސެއްގެ ގޮތުގައެވެ. އޭގެ ނަތީޖާއެއްކަމުގައި ބައެއް ފަރާތްތަކުން ފާހަގަ ކުރައްވަނީ، މުއިއްޒުގެ މީޑިއާގެ ކަންތައް ބަލަހައްޓަވަމުން ގެންދަވާ، ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި، އަދި ޒަމާނީ މީޑިއާގެ ވަސީލަތްތަކަށް ކުފޫ ހަމަނުވާ ހޯރަފުށީ ޚަލީލްއެވެ.