އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، އީރާނުން ދިން ހަމަލާތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ޝަހީދުކޮށްލާފައިވާއިރު، އެ ދުވަސްވަރު ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންވެސް ސަރުކާރުން ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް، ކުއްލި ގޮތަކަށް އަންގާރަ ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އީރާނުން ސަޢުދީ ޢަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަޙްރައިން ފަދަ އިސްލާމީ ޤައުމުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ގަލްފުގެ ޤައުމުތަކުގެ އެއާޕޯޓުތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. ގަލްފުގެ ޤައުމުތަކުން އެއްވެސް ރައްދު ހަމަލާއެއް ނުދެނީސް އީރާނުން ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށާއި، ހޮސްޕިޓަލްތަކަށް އަދި ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތައްވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.
ސަރުކާރުން ވަނީ މި އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިތުރުވެ، މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ އެކަމާ ފުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅެމުންދާތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި، ސުލްހަ މަސަލަސްކަން ގެނައުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ސަރުކާރުގެ ބަޔާނުގައި އީރާނުން ގަލްފުގެ ޤައުމުތަކަށް ހަމަލާދިންކަމަށް ބުނެފައިވީ ނަމަވެސް، އީރާނުންނާއި ބައިނަލްއަޤުވާމީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމައެކަނި އެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.






