ވެރިކަން ކުރާ ޕީއެންސީ ވުޖޫދަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރި ޒުވާނަކު، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރުމުގެ ސަބަބުން ކަމަށް ބުނެ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން އެ ޒުވާނާ ބުނީ، އޭނާ ވަޒީފާއިން ސަސްޕެންޑްކުރީ އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި ކަމަށެވެ. ނަމަވެސް އެ ފިޔަވަޅު އެޅީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް، އެމީހުންގެ ކުރިމަތީގައި “ކުޑަކަކޫ ނުޖެހުމުން” ކަމަށް އޭނާ ތުހުމަތުކުރެއެވެ. ފެނަކަ ކޯޕަރޭޝަންގެ ޓެކްނީޝަނެއްގެ ގޮތުގައި ހަ އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މި ޒުވާނާ މިހާރު ވަނީ 30 ދުވަހުގެ މުއްދަތަކަށް ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
ޕީއެންސީ އުފެއްދުމަށް ބޭނުންވި ތިންހާސް މީހުންގެ ސޮއި ހޯދުމުގައިވެސް އޭނާ ބޮޑު ދައުރެއް އަދާކުރިކަން ފާހަގަކުރަމުން އޭނާ ބުނީ، ޕާޓީ އުފެދުނީއްސުރެ މިއަދާ ހަމައަށް ހުރިހާ އިންތިޚާބެއްގައިވެސް ޕީއެންސީއަށް ކާމިޔާބު ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ވަޒީފާގެ ބިރުދައްކައިގެން ނުފޫޒު ފޯރުވަން އުޅުމަކީ ކާމިޔާބުވާނެ ކަމެއް ނޫން ކަމަށާއި، މިހާރު ނުކުމެ ހުރީ ބަދަލަކަށް ކަމަށް އޭނާ ބުންޏެވެ.
ވަޒީފާގެ ބިރުދައްކައިގެން އޭނާ ފަހަތަށް ނުޖެއްސޭނެކަން ހާމަކުރަމުން، ދެން ފެންނާނީ އެމްޑީޕީއާއެކު ގަދަކޮށް މަސައްކަތްކުރާ މަންޒަރު ކަމަށް އެ ޒުވާނާ ބުންޏެވެ. އެގޮތުން އެމްޑީޕީގެ ފަސް ކެންޑިޑޭޓުން ހޮވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. އަދި ލޯބި ލިބޭނީ ލޯބި ދީގެން ކަމަށާއި، ބިރުދައްކައިގެން މީހުންގެ ތާއީދު ނުހޯދޭނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ވެރިކަމަށް ވަޑައިގަތުމަށް ކުރި ރިޔާސީ ކެމްޕޭންގަ މުއިއްޒު ވިދާޅުވެފައިވަނީ ސިޔާސީ ފިކުރަކަށް ނިސްބަތްކޮށް އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒު ގެންދަވަނީ އެ ވައުދުތަކަށް ޚިޔާނާތްތެރިވެ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ފަރާތްތައް ވަރަށް އަނިޔާވެރިކޮށް ވަޒީފާއިން ވަކިކޮށް އެތައް އާއިލާއެއް މަގުމަތި ކުރަމުންނެވެ.





