ރިޕޯޓު: ރައީސް ޔާމިން މިނިވަންކުރާނޭކަމުގެ ދޮގު ވައުދުވެ, ހުސްގޮނޑި ދައްކައްިގެން މަކަރާއި ހީލަތުން, މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވިތާ 100 ދުވަސް! ވީ އެއްވެސް ވައުދެއް ނުފުއްދި, ރައްޔިތުން ފަގީރުވި 100 ދުވަސް!

ރައީސް މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވިތާ މިއަދަށް 100 ދުވަސް ފުރިގެން ދިޔައީއެވެ. މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވިތާ މިއަދަށް 100 ދުވަސް ފުރިގެންދާއިރު, ގިނަ ބަޔަކު މިއަދު ހަދާން އާ ކުރަމުންދަނީ, މީގެ 100 ދުވަސް ކުރިން, ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްޓަކާ ކުރެއްވި ރިޔާސީ ކެމްޕޭންގެ މަތިންނެވެ. ވީ ވައުދުތަކާއި އަހުދުތަކުގެ މަތިންނެވެ.

ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވީ އެންމެ ބޮޑު ވައުދަކީ, އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން މުއިއްޒުއަށް ވޯޓު ދިނީ, އޭރވެސް މިހާރުވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމިން މިނިވަންކުރާނޭކަމަށް ވިދާޅުވެ, އޭރު ލޮލުން ކަރު އޮހޮރަމުން މުއިއްޒު ވީ ވައުދުތަކަށް އިތުބާރު ކޮށްފައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނޭކަމެއްގެ ގޮތުގައި ރައީސް ޔާމިން މިނިވަންކުރާނޭކަމަށް ވިދާޅުވެ މުއިއްޒު ވައުދުވީ އެންމެ ފަހަރަކު ދެފަހަރަކުއެއް ނޫނެވެ. ރައީސްކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި މުޅި ކެމްޕޭންވެސް ބިނާކުރެއްވީ ހުސް ގޮނޑި ދައްކަވައިގެން, ރާއްޖޭގެ އެތައް ސަތޭކަ އާންމު ރައްޔިތުންނެއް އެ ޖަޒުބާތުގަ ޖައްސަވައިގެންނެވެ.

މުއިއްޒު ވަނީ ފާއިތުވި ރިޔާސީ ކެމްޕޭންގެ ހުރިހާ ޖަލްސާއެއްގަވެސް, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑިއެއް, ޝަރަފްވެރި މެހެމާންގެ ގޮތުގައި ބައްޓާފައެވެ. ރައްޔިތުންގެ އަރިހުން ވޯޓު ދިނުމަށް އެދި މުއިއްޒު އާދޭސް ކުރަމުން ދިޔައީ އެ ހުސް ގޮނޑި ދައްކަވައިގެންނެވެ.

ވައުދާއި އަހުދުތައް ވަމުން ގޮސްފައިވަނީ ރައީސް ޔާމިން މިނިވަން ކުރާނޭކަމަށް ވިދާޅުވެ ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް މިއަދަށް 100 ދުވަސް ފުރުނީއެވެ. ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވީ ވައުދުގެ މަތިން މުއިއްޒު ހަދާން ނައްތަވާލެއްވީއެވެ. އަދި އެވައުދުގެ މަތިން ހަނދާން ނައްތަވާލެއްވީކީ އެކަންޏެއް ނޫނެވެ.

ރައްޔިތުންނަށްޓަކާ ކޮށްދެއްވާނެކަމަށް އަމިއްލަ ފުޅަށް ވިދާޅުވި އެތައް ވައުދެއް ނުފުއްދެވުނުތާނގައި, ވައުދުތައް ވަމުންދަނީވެސް އެއެއް މިއެއް ބަލާލުމެއް ނެތިއެވެ.

އެގޮތުން މުއިއްޒު ރާއްޖެތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެންމެ ގިނައިން ވަމުންދާ ވައުދުތަކަކީ ބުރިޖް އެޅުމާއި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓުތައް އެޅުމުގެ ވައުދުތައްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން އެޅުމަށް ވައުދުވީ ބައެއް އެއަރޕޯޓުތައް އެޅުމަށް ވައުދު ވެފައިވަނީ ހަމައެކަނި ކަރުދާސް ކުންފުނިތަކާއެކުކަން ފަހުންވަނީ އެނގިފައެވެ.

މުއިއްޒު ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކެމްޕޭން ކުރަމުންދާ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން އޮތީ ދެލޯ މަރާލައިގެންނެވެ.

ހަމަ އެއާއެކު, މުއިއްޒުވެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ބަލާއިރު, ފާއިތުވެދިޔަ 3 މަހެއްހާ ދުވަހުގެތެރޭގައި ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ ދައުލަތުގެ މާލިއްޔަތުން ވަނީ ބޮޑެތި ހޭދަތައް ކޮށްފައެވެ. އޭގެ ތެރޭގައިވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅެވެ. އެގައުމަށް ވަޑައިގެން, ޗައިނާއާ އެކީ ވަނީ ސިއްރު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ މަކުނުދޫގައި ޗައިނާގެ ސިއްރު އެއަރބޭސްއެއް ގާއިމްކުރުންވެސް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ އެއްވެސް ތަފްސީލެއް މިހާތަނަށް އައިއިރުވެސް މުއިއްޒު ހާމަކުރައްވާފައެއް ނުވެއެވެ.

މުއިއްޒުގެ ރައީސްކަމަށް މިއަދަށް 100 ދުވަސް ފުރިގެން ދިޔައިރު, ދިވެހިރާއްޖޭގެ ދަރަނި އިންތިހާއަށް މަތިވެ, ގައުމި މިއަދު މިވަނީ ފަގީރުކަމާއި ކުރިމަތިލާން ޖެހިފައެވެ. އިގްތިސާދީގޮތުން ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓި, އައިއެމްއެފްގެ “ބޭންކްރަޕްސީ ޕްރޮގްރާމް”އަށް މިއަދު މިވަނީ ދާން މަޖުބޫރުވެފައެވެ.

މާލީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އައިއެމްއެފްގެ ހަރުކަށި މާލީ އެހީތެރިކަމުގެ ޕްރޮގްރާމްގެ ތެރެއަށް ރާއްޖެއިން ވަނުމާއެކު, ތަކެތީގެ އަގު އިންތިހާއަށް އުފުލި، ރާއްޖޭގެ %70 މީހުން ބައިނަލްއަޤްވާމީ ގޮތުން ފަގީރުންނަށް ވެގެން ދާނެއެވެ. ކާބޯތަކެތި ހޯދުމަކީ ދަތި ކަމަކަށް ވެގެން ދާނެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ވެގެން މިދިޔައީ ގައުމު ބަގުރޫޓުވެގެންދިޔަ 100 ދުވަސް ކަމުގައެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓިގެންދިޔަ 100 ދުވަސް ކަމުގައެވެ. ގައުމުގެ މިނިވަންކަން ގެއްލި ގައުމު އަޅުވެތިވެގެންދިޔަ 100 ދުވަސް ކަމުގައެވެ.

ގައުމު ހާލުގެ ދުލުން މިއަދު ގޮވަމުން ދަނީ މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.