1,780 ޕްރޮޖެކްޓް ހުއްޓާލައިގެން ވެސް ޚަރަދުތައް މެނޭޖް ނުކުރެވިގެން، އައިއެމްއެފް ޕްރޮގްރާމަށް ވަންނާނެ ކަމަށް މިއަދު ފިނޭންސް މިނިސްޓަރ އަށް ވިދާޅުވެވިއްޖެ! 

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އަންނަ މަހުން ފެށިގެން އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރާއްޖޭގެ ދުވަހު ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެއްޖެ އެވެ.

އެ ވިދާޅުވާ އިސްލާހީ ފިޔަވަޅު ތަކަކީ އައިއެމްއެފް ޕެކޭޖް އަށް ދިޔުމަށް އައިއެމްއެފް އިން އަންގައިގެން ސަރުކާރުން އަޅާ ހާއްސަ ފިޔަވަޅުތަކެވެ. ނަމަވެސް ފިނޭންސް މިނިސްޓަރ މިހެން ވިދާޅު ނުވެ، “ހަރަދުތައް ކުޑަކުރުމަށް” ކަމަށް ވިދާޅުވެ އިންޓަވިއު ދެއްވާފައިވަނީ ރައްޔިތުންނަށް ކަމުގެ ހަޤީގަތް އޮޅުވާލުމަށެވެ. އަދި ކުރިއަށް އިންތިހާބެއް އޮއްވާ އެ އިބާރާތް ނޫން އިބާރާތަކުން ތެދު ބަހުން އެ ވާހަކަ ހާމަ ކޮށްފިނަމަ، ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަން އެނގިގެންނެވެ.

އައިއެމްއެފްގެ ޕްރޮގްރާމަށް ވަނުމަށް އަޅާނެ ފިޔަވަޅުތައްވެސް ކިޔާ ދެއްވާފައިވަނީ ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. މި ގޮތުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި އާސަންދައިގެ ތެރެއިން ގެންނަ ހެޔޮ ބަދަލުތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

އެ ވިދާޅުވި ބަހުގެ މާނައަކީ އެންމެންނަށް އާސަންދަ ނުލިބޭނެ ކަމަށާއި، އަދި އާސަންދައިން ކަވަރ ކުރާ ޚަރަދުތައް ބަލައި، ބޮޑެތި ފަރުވާތަކަށް ސަރުކާރުން އާސަންދަ ނުދޭނެ ކަމުގެ ވާހަކައެވެ.

ދެން ވިދާޅުވީ، ސަބްސިޑީ ޓާގެޓުކޮށް، ސަބްސިޑީތަކުގެ ތެރެއިން ހަރަދުތައް ކުޑަކުރުމަކީ ވެސް މި އަހަރު ގެންނާނެ ބަދަލެއް ކަމަށެވެ. ނަމަވެސް އެކަން ކުރަން ފަށާނީ މި އަހަރުގެ ޖޫން މަހުން ފެށިގެން ކަމަށް ވިދާޅުވި އެވެ.

މާނައަކީ، ޕެޓްރޯލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ޚަރަދު ކުރާ ފައިސާ ޚަރަދު ކުރުން ހުއްޓާލާނެ ކަމެވެ. އެހެން ކަމުން ޕެޓްރޯލުގެ އަގު މައްޗަށް ދާނެއެވެ. ހަނޑުލާއި، ހަކުރާ ފުށަށް ދޭ ސަބްސިޑީ ޔާމީން ސަރުކާރުން ކަނޑާލުމުން، އަލުން އެ ސަބްސިޑީ ދޭން ފެށީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ. އަނެއްކާ މިސަރުކާރުންވެސް ހަނޑުލާއި ފުށައީ، ހަކުރަށް ދޭ ސަބްސިޑީ ކަނޑާލާނެއެވެ. ކަރަންޓާއި ފެނަށް ދޭ ސަބްސިޑީވެސް ކަނޑާލާނެއެވެ. ސަރުކާރުން ދެން ސަބްސިޑީ ދޭނީ އެބޭފުޅުން ބޭނުންވާ ވަކި ބަޔަކަށެވެ. އެގޮތުން ފަގީރުންގެ ލިސްޓަކީ ވަކި ފޯމިއުލާއެއް ހިމަނައިގެން ކުރީ ސަރުކާރު ތަކުން ގެންގުޅުނު ލިސްޓަށް ކަމަށް ވިއަސް، މިހާރު އެ ފޯމިއުލާ ބަދަލުކޮށް، ފަގީރުންގެ ލިސްޓުން އެތައް ބަޔަކު ވަނީ އުނިކޮށްފައެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ޒަކާތު ހައުސްގެ ނަމުގައި ޒަކާތު ފައިސާއަށް ހިޔާނަތް ތެރިވާނެ އުސޫލެއް ހަދައި، ގިނަ ބަޔަކަށް ދޭން އޮންނަ ޒަކާތު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށް، އެ ޙައްޤުވާ ފަރާތްތަކަށް ނުދިނުމަށް، ޤާނޫނާއި ޚިލާފަށް މިނިސްޓަރު ކަމުގައި ހުންނެވި އިސްލާމިކް މިނިސްޓަރ ހިންގާފައިވާ ކަންކަމުގެ ތެރެއިންނެވެ.

އެހެންކަމުން މިހާރު ސަބްސިޑީ އާއި ޒަކާތު ފައިސާ ހައްޤުވެގެން ވަނީ މުއިއްޒު ބޭނުންވާ މަދު ބަޔަކަށެވެ. އަދި 2.5 ބިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށް އައިއެމްއެފް އަށް މުއިއްޒު އަންގާނެއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެކަން ކުރާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ރައްޔިތުންނަށް ވީހާވެސް ދަތިނުވާނެ ގޮތަކަށެވެ. ރައްޔިތުންގެ އަތްމަތި ދަތި ނުވާ ގޮތަކަށް ރައްޔިތުންނަށް ދޭ ޚިދުމަތްތަކެއް ކަނޑާ ލާނެ ކަމަށް މި ވިދާޅުވަނީ، ހަމަ ބުއްދީގައި ހުންނަވައިގެން ތޯއެވެ.

ޝަފީގު ވިދާޅުވީ، އެސްއޯއީތަކުގެ މައްސަލަތައް ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި، ވަކި ވަކި އެސްއޯއީތަކުގައި ހުރި މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. ގެންނަ ބަދަލުތަކުގެ ސަބަބުން ބައެއް އެސްއޯއީތައް އެއްކޮށްލަން ވެސް ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާނަ އަކީ، ބައެއް ކުންފުނިތައް އުވާލާނެ ކަމެވެ. އަދި މަޖިލީހަށް ވަޒީފާ ދިން އެންމެން ހެން މި އިންތިހާބު ނިމުމުން، އައިއެމްއެފް ޕެކޭޖަށް ދިޔުމަށްޓަކައި ސަރުކާރުން އެމީހުން ވަޒީފާއިން ވަކި ކޮށްލާނެއެވެ.

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި، ނިކަމެތި ރައްޔިތުންނަށް އެއިން އަސަރު ކުރާހެން އަމަލު ކޮށްގެން، ސަރުކާރު ހިންގުމުގެ ބޭނުމެއް ނެތެވެ. ސަރުކާރުގެ ބޭނުމަކީ ހާލަތު ރަނގަޅު ކުރުމެވެ. އައިއެމްއެފް ޕެކޭޖަށް ގޮސް، މުޅި ޤައުމު އިނދަ ޖައްސާލުމެއް ނޫނެވެ. އޯލެވެލް ނަހަދާ ނުކިޔަވާ ހުރި މީހަކަށްވެސް އެގޮތަށް ސަރުކާރެއް ހިންގި ދާނެއެވެ.

މުއިއްޒުގެ ނާގާބިލު، މަތިބަރު ސަރުކާރުން އައިއެމްއެފް ޕެކޭޖަށް ދާން ޖެހުނީ، ސިޔާސީ ފަރާތްތައް އިތުރުކޮށް، ޚަރަދުތައް މެނޭޖް ކުރަން ނޭނގުމުންނެވެ. ވެރިކަން ކުރަން ނޭގިގެންނެވެ. މަޖިލީސް އިންތިހާބު ލިބޭތޯ ޖަހަމުންދާ މަރުފަލީގައި މިހާތަނަށް 100 މިލިއަން ރުފިޔާ ޚަރަދު ކޮށްލި އިރު، ރައީސް ސޯލިހްގެ ސަރުކާރުގައި ކެމްޕެއިން ދަތުރު ތަކަށް ވަޑައިގަތީ އަމިއްލަ ފައިސާއިންނެވެ.

އައިއެމްއެފް ޕެކޭޖަށް ދާންޖެހިގެން އެވާހަކަ ރައްޔިތުންނާއި ހަމައަށް ގެންނާނެ ގޮތެއް ނޭނގިގެން މިގޮތަށް އޮޅުވާލުމާއި ދޮގާއި، މަކަރާއި ހީލަތްތެރިކަން އިސްކޮށް ވާހަކަ ދެއްކުމަކީ، ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބިދީފައިވާ ޞައްހަ މައުލޫމާތު ލިބިގަތުމުގެ މިނިވަން ކަމަށާއި، ޓްރާންސްޕޭރަންސީ ނުވަތަ ދައުލެއްތައްގައި އޮންނަންޖެހޭ ހާމަކަން ބޮޑު ޑިމޮކްރަސީގެ ހަމަ ނައްތާލުމެވެ. މިއީ ޚުދުމުހުތާރު ކަމެވެ. ރައްޔިތުންނަށް މިފަދައިން ވެރިއަކު މިވަރަށް ދޮގު ހެދުމީ ހުދުމުހުތާރު ކަމެކެވެ.