އެންމެ ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މުއިއްޒު ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އަދި އެތަނުގެ އިސްވެރިންނާ މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވަނީ

އޭ މިހިރަ މުއިއްޒުއެވެ! އަމިއްލައަށް ޕްރޮޖެކްޓް އެވާޑް ކުރި ކުންފުންޏަށް އަމިއްލަ ރޯހައުސް ކުއްޔަށް ދީގެން, އެފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމުން އެވީ ކޮން އެއްޗަކަށް ހެއްޔެވެ! އެއީ ކޮރަޕްޝަނަށް ނުވާނަމަ ކޮރަޕްޝަނަކީ ކޮބައި ހެއްޔެވެ!

ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން, މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ބޮޑެތި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާކަން މީގެކުރިންވެސް ވަނީ ހާމަވެފައެވެ. އެކަން އެންމެ ފުރަތަމަ ހާމަވެފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ލީކް ކޮށްލި, މުއިއްޒުގެ ބޭންކް ސްޓޭޓްމަންޓް ތަކުންނެވެ.

އެ ބޭންކް ސްޓޭޓްމަންޓްތަކުން އެގެން ހުރި ގޮތުގައި މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރި ރާއްޖޭގައި މަސައްކަތް ކުރި ޗައިނާގެ ކުންފުނިތަކުން ވަނީ ބޮޑެތި އަދަދުތަކުން, ޑޮލަރުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައެވެ. އެއީ ކޮން ފައިސާއެއްކަން ބޭން ސްޓޭޓްމަންޓުތަކުން އެގެން ނެތްނަމަވެސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެއީ ރާއްޖޭގައި މަސައްކަތްކުރި ޗައިނާގެ ކުންފުނިތަކަށް އެމަނިކުފާނުގެ ރޯހައުސް ކުއްޔަށް ދީގެން ޖަމާވަމުންދިޔަ ފައިސާ ކަމުގައެވެ.

އެކަންވެސް މުއިއްޒު ހާމަކުރެއްވީ ބޭންކު ސްޓޭޓްމަންޓްތައް ލީކު ކޮށްލުމުންނެވެ. އެހާތަނާއި ހަމައަށް, ޗައިނާގެ ކުންފުނިތަކަށް އަމިއްލަ މިނިސްޓަރުކަމުގައި ޕްރޮޖެކްޓް އެވާޑް ކޮށްގެން, އެކުންފުނިތަކަށް އަމިއްލަ ރޯހައުސް (މުއިއްޒު ބުނާ ގޮތުން އެ ފައިސާތަކަކީ ރޯ ހައުސް ކުއްޔަށް ދީގެން ލިބު ފައިސާ.. އެއީވެސް ތަހުގީގު ކޮށްގެން ޔަގީން ކުރަން ޖެހިފަ އޮތް ކަމެއް) ކުއްޔަށް ދީގެން މުއިއްޒު ފައިސާ ނަގަމުން ގޮސްފައިވަނީ ސިއްރިޔާތުގައެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި, ތިމާގެ ވަޒީރު ކަމުގައި ޕްރޮޖެކްޓް އެވާޑް ކުރި ކުންފުނިތަކަށް އަމިއްލަ ރޯ ހައުސް ކުއްޔަން ދިނީމާ އެކުރެވެނީ ޖާއިޒް މުއާމަލާތެއް ނޫނެެވެ. އެ މުއާމަލާތަކީ “ވެންމަސް ވެނަށް ކާންދީގެން” ދައުލަތުގެ މާލިއްޔަތުން ޗައިނާގެ ކުންފުނިތަކަށް ދައްކާ ފައިސާއިން ބައެއް އަނބުރާ އަމިއްލަ އެކައުން ޖަމާކުރުމަށް ހިންގާފައިވާ ނާޖާއިޒް މުއާމަލާތެކެވެ. ހަގީގީ ކޮރަޕްޝަންގެ މުއާމަލާތްތައް ހިންގާ ގޮތަކީވެސް އަދި ހިނގާފައި ހުންނަ ބީދައަކީވެސް އެއީއެވެ.

އެހެނީ ރާއްޖޭގައި ޕްރޮޖެކްޓް ހިންގާ ޗައިނާހެ ކުންފުނިތަކަށް މި ރާއްޖެއިން ކުއްޔަށް ހިފާނެ އެހެން ރޯހައުސްއެއް ނުލިބުނީ ބާވައެއްވެ. ނުވަތަ އެކުންފުނިތަކަށް ކުއްޔަށް ހިމަން ފެނުނީ ހަމައެކަނި މުއިއްޒުގެ ރޯ ހައުސްކަމަށް ވެގެންދިޔަ ކަމަކީ ވަރަށްވެސް ބޮޑު އަޖައިބަކަށް ނުވޭތޯއެވެ.

އާދޭހެވެ. އުޑުގައި ޖެހިފަ ބިމުގައި ޖެހުނަސް އެއީ ކޮރަޕްޝަންގެ މުއާމަލާތެކެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުނިތައް ރާއްޖެ ގެނައުމަށްފަހު, އެކުންފުނިތަކުގެ ޒަރީއާއިން ތިމާގެ އަމިއްލަ ޖީބަށް މަންފާ ހޯދުމަށް ހިންގާފައިވާ ނާޖާއިޒް މުއާމަލާތެކެވެ.

އަދި އަމުދުން މި މުއާމަލާތްތަކުން ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒް މަންފާ ހޯދާފައިވަނިކޮށް އެއީ ކޮން ކުންފުނިތަކެއްކަން ހާމަވެގެން ދިޔައީ ސޯޝަލް މީޑިއާގައި މިހާރު ލީކު ކޮށްލާފައިވާ, މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ކޮށްފައިވާ ޝައްކު އުފެދޭ މާލީ މުއާމަލާތްތަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ރިޕޯޓު އެނަލިސިސް އިންނެވެ.

މި ރިޕޯޓުގައި މުއިއްޒު ދިމްޔާތު ޓުއަރިސްޓު ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރި ފައިސާގެ މުއާމަލާތްތައް އެމްއެމްއޭގެ ސަމާލުކަމަށް އައިސް, އެފައިސާގެ މުއާމަލާތަކުގެ ތަފްސީލީ މައުލޫމާތު ހިމަނާފައި ވެއެވެ.

އޭގެތެރެއިން ފާހަގަ ކޮށްލެވޭ އެއް މައުލޫމާތަކީ, ރައީސް ޔާމިންގެ ވެރިކަމުގައި, މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައިގެން, އޭރު ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ޕްރޮޖެކްޓްތައް ހަވާލު ކުރި ޗައިނާގެ ކުންފުނިތަކުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްގައިވާކަމަށް ބުނެ އެ ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކެވެ.

އެގޮތުން ރިޕޯޓުގައި ވާގޮތުން, ޗައިނާގެ ހުނާން ނަމްބަރ 6 އިންޖިނިއަރުން ކޯ އެލްޓީޑީ (Hunan No 6 Engineering Co Ltd) އިންނާއި ހުނާން ރުއިން ޓްރޭޑިން ލިމިޓޭޑް ކޮމްޕެނީ (Hunan Ruin Trading Limited Company) އިން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުގެ ސަމާލުކަމަށް އައިސްފައި ވެއެވެ. މި ކުންފުނިތަކަކީ މުއިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އައިސްފައިވާ ކުންފިނިތަކެއްކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި, ހުޅުލެއާއި ހުޅުމާލެ ގުޅުވާދޭ ލިންކު ރޯޑު ޑިޒައިންކޮށް ހެދުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ހުނާން އިންޖިނިއަރިންގ އާއިއެވެ. މިމަސައްކަތް ހުނާން އިންޖިނިއަރިންގ އާއި އޭރު ހަވާލު ކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.

މުއިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަނީ މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

ޗައިނާގެ ކުންފުނިތަކުން އަމިއްލަ އެކައުންޓަށް ޖަމާވީ އެކުންފުނިތަކަށް އަމިއްލަ ރޯހައުސް ކުއްޔަށް ދީގެން ޑޮލަރުން ލިބު ފައިސާކަމަށް މުއިއްޒު ވިދާޅުވަމުން ގެންދެވިނަމަވެސް އެއީވެސް ޔަގީންކުރާންޖެހިފަ އޮތް ކަމެކެވެ. އެކަން ޔަގީން ކުރެވެން އޮތީވެސް ފުރިހަމަ އޮޑިޓެއް ހެދިގެންނެވެ. ކުއްޔަށް ދިން އެއްބަސްވުންތައް ބަލާ, ކުއްޔަށް ދިންކަމަށް ބުނާ އަގާއި, އެކައުންޓަށް ޗައިނާ ކުންފުނިތަކުން ޖަމާކޮށްފައި އަދަދުތަކުގެ ފުރިހަމަ ހިސާބެއް ހެދިގެންނެވެ.

އޭ މިހިރަ މުއިއްޒުއެވެ. ދިވެހިންނަށް މިހާރަކު އޮޅުވައެއް ނުލެވޭނެއެވެ. ދިވެހިން ގުނބޯ ހެއްދިދާނެކަމަށް ހީ ނުކުރާށެވެ. ތިޔައީ ބެލޭނެ, އަދި ބަލާނޭ ކަންކަންކަން ހަދާނުގައި ބައްޓަވާށެވެ.